ޚަބަރު

ހުޅުމާލެ ފެހި ކުރުމަށް އެޗްޑީސީން ސްކޫލްތަކާއި ގުޅިގެން ހަރަކާތްތަކެއް ހިންގަނީ

ރިފާ ހަލީލު

1

ހުޅުމާލެ ހިތްފަސޭހަކޮށް ފެހި ކުރުމަށް ޖަމިއްޔާ ޖަމާއަތްތަކާއި ސްކޫލްތައް ގުޅިގެން ހަރަކާތްތައް ހިންގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ފަށައިފި އެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކަލާފާނު ސްކޫލްގެ އިސްނެގުމުގެ މަތިން އެޗްޑީސީން އިއްޔެ ހުޅުމާލެ ރުއްގަނޑު 1 ގައި ބޭއްވި މި އިންވެންޓުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ބައިވެރިވަޑައިގަންނަވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅުމާލެ ހިތްފަސޭހަ އަދި ފެހި ތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. މި ފުރުސަތު މިހާރު ހުރިހާ ސްކޫލްތަކަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަލާފާނު ސްކޫލާއި ގުޅިގެން ހިންގި މިހަރާކާތުގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނެވެރިންވެސް ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި އެކި ވައްތަރުގެ 50 ގަސް ރުއްގަނޑު 1 ގައި ވަނީ އިންދާފަ އެވެ.

އެޗްޑީސީން މިހާރުވެސް އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައިވެސް ގަސް އިންދައި އެތަން ފެހި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކޯޕަރޭޝަނުގެ ސިޓީ ފެހިކުރާ ޓީމުން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.