ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: މިއީ މިހާތަނަށް ދިވެހީންނާއި އެންމެގާތުގައި ކުޅެވޭ ވޯލްޑްކަޕެވެ.

އިމާދު ލަތީފު

1

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ ގިނަބަޔަކު އެންމެ ފޯރީގައި ބަލާ މުބާރާތެވެ. ދިވެހީންވެސް ހިމެނޭގޮތުންނެވެ. މިއަހަރުގެ ނޮވެމްބަރު މަހު ވޯލްޑްކަޕް އަނެއްކާވެސް ކުޅޭނެއެވެ. ވޯލްޑްކަޕާމެދު އަބަދުވެސް ބުނެވޭ ބަހެއްގެ ތެދުކަން ބަލައިލަން އައު ފުރުސަތެއް މިލިބެނީއެވެ. ވޯލްޑްކަޕާމެދު ވަރަށް ގިނަ ބަޔަކު ބުނެއެވެ. ދޮޅުގަޑިއަރުވަންދެން ނޫކަށިފުރައިގެ ބާވީސް ޒުވާނުން ބޯޅަފަހައިދުވާނެއެވެ. ނިމޭނީ ޖަރުމަންވިލާތް މޮޅުވެގެންނެވެ. އެކަމަކު އެންމެފަހުން މީގެ ހަތަރު އަހަރު ކުރިން ބޭއްވުނު ވޯލްޑްކަޕު ނިމުނުއިރު ޖަރުމަންވިލާތް މޮޅެއް ނުވިއެވެ. މޮޅުވީ ފަރަންސޭސިވިލާތެވެ. މީގެ ހަތަރު އަހަރު ކުރިން ހޯދި ކާމިޔާބީ ތަކުރާރު ކުރުމަށްޓަކައި ހަލުވި ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއާއެކު ގަތަރުގައި މިފަހަރުވެސް ފަރަންސޭސިން ވަރަށް ވާންކުރާނެއެވެ.

މުބާރާތުގެ ތަރިންކަމުގައި ވާނީ އަނެއްކާވެސް އެމްބާޕޭގެ އިތުރުން އާޖެންޓީނާގެ ލިއޯ މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބާވައެވެ. ކެނެޑާގެ އަލްފޮންސޯ ޑޭވީސް ކަހަލަ އައު ތަރިއަކު ނުފެންނާނޭ ބާވައެވެ. ކެނެޑާގެ ޖާރޒީގައި ކުޅުނަސް އަލްފޮންސޯ ޑޭވީސްއަކީ ލައިބީރިޔާގެ ދެމަފިރިޔަކަށް ގާނާގެ ރެފިއުޖީ ކޭމްޕެއްގައި ލިބުނު ދަރިއެކެވެ. އުޅެ ބޮޑުވީ ކެނެޑާގައެވެ. މިހާރު ވިދަމުންދަނީ ޖާމަނީގެ ބަޔާން މިއުނިކޭ ކިޔުނު ކުލަބުންނެވެ. މިހުރިހާ ކަމެއް ބަލައިލަން ދެން އޮތީ ކުޑަކުޑަ އިންތިޒާރެކެވެ. މިހާރުވެސް އެއްކަމެއް ޔަގީންވެއެވެ. ނޮވެމްބަރު އެކާވީހުން ޑިސެމްބަރު އަށާރަޔަށް ދެމިގެންދާ މިވޯލްޑްކަޕުގައި ކުޅޭ ޖުމްލަ 64 މެޗުވެސް ވަރަށް ޚާއްސަވެފައި ފޯރިގަދަވާނެއެވެ. މުޅި ވޯލްޑްކަޕުވެސް ވާނީ ވަރަށް ތާރީޚީ ވޯލްޑްކަޕަކަށެވެ.

ގަތަރަކީ ހަނަފަސް ހޫނު ސަހަރާއެކެވެ. އެހެންވީމާ އެތަނުގެ މޫސުމަށް ބަލައިގެން ޖޫންޖުލައިގެ ބަދަލުގައި މުބާރާތް މިބާއްވަނީ ނޮވެމްބަރު ޑިސެމްބަރުގައެވެ. މިއީ މި ވޯލްޑްކަޕް ޚާއްސަވާ އެއްސަބަބެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ 32 ޓީމުގެ ތެރެއިން 31 ޓީމަކީ ފާއިތުވި ދެއަހަރުގެ ތެރޭގައި ކޮލިފައިން މެޗުތަކެއް ކުޅެގެން މުބާރާތުން ޖާގަހޯދި ޓީމުތަކެވެ. ކޮލިފައިން މެޗުތަކެއް ނުކުޅެ އޮޓޮމެޓިކް ޖާގައެއް ލިބިފައިވާ ހަމައެކަނި ގައުމަކީ ގަތަރެވެ. ގަތަރަށް ޖާގަ ލިބިފައިވަނީ މުބާރާތް ބާއްވާ ގައުމުކަމަށްވުމުންނެވެ. ފައިނަލް މެޗު ކުޅޭނީ 80 ހާސް މީހުންގެ ޖާގައިގެ ލުސައިލް އިންޓަރނޭޝަނަލް ސްޓޭޑިއަމުގައެވެ. މިއީ ވެރިރަށް ދޯހާގެ އުތުރުން ހަމަދާދި ގާތުގައިވާ ސްޓޭޑިއަމެކެވެ. މިފަހަރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ 8 ސްޓޭޑިއަމުގެ ތެރެއިން އެންމެ ބިޔަ ސްޓޭޑިއަމަކީ މި ސްޓޭޑިއަމެވެ.

ގަތަރަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މިހާތަނަށް ބޭއްވޭ އެންމެ ކުޑަ ގައުމެވެ. ބޮޑުތަނުން އެންމެ ކުޑަ ގައުމެވެ. ދިވެހިރާއްޖެއާ އެންމެ ގާތުގައި ކުޅެވޭ ވޯލްޑްކަޕަކީވެސް މި ވޯލްޑްކަޕެވެ. ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ 8 ސްޓޭޑިއަމަކީ ވެރިރަށް ދޯހާގެ ވަށައިގެން 35 މޭލުގެ ރޭޑިއަސްއެެއްގެ ތެރޭގައިވާ ސްޓޭޑިއަމްތަކެކެވެ. ދިވެހިރާއްޖޭގެ އަތޮޅަކަށް ނިސްބަތްކުރާނަމަ އެ ހުރިހާ ސްޓޭޑިއަމްތަކެއް ހުރީ ހުވަދުއަތޮޅު ވަރުގެ ތަންކޮޅެއްގައޭ ބުނެވިދާނެއެވެ. އެހެންވީމާ މެޗުތައް ބަލަން ގަތަރަށް ޒިޔާރަތްކުރާ މީހުންނަށް އެއް ސްޓޭޑިއަމުން އަނެއް ސްޓޭޑިއަމަށް މާދިގު ދަތުރެއް ކުރާކަށް ނުޖެހޭނެއެވެ. މަތިންދާބޯޓާއި ރޭލުން އެއްރަށުން އަނެއް ރަށަށް ދާކަށްވެސް ނުޖެހޭނެއެވެ. ކުރިން ދެންނެވުނު 8 ސްޓޭޑިއަމްގެ ތެރެއިން 5 ސްޓޭޑިއަމަކީ ދޯހާގެ މެޓްރޯ ނެޓްވޯކާއި ގުޅިފައިވާ ސްޓޭޑިއަމްތަކެކެވެ.

މުބާރާތް މިފަހަރު ބާއްވަނީ ފިނިމޫސުމާ ދިމާކޮށް ކަމުގައިވިޔަސް ދެންވެސް ގަތަރު ފިންޏެއް ނުވާނެއެވެ. ވަރަށް ހޫނުގަދަވާނެއެވެ. އެވަރެޖް ހޫނުމިން އެދުވަސްވަރު ހުންނާނީ ރޭގަނޑުވެސް ގާތްގަޑަކަށް ތިރީސް ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ. މިސަބަބަށްޓަކައި ގިނަ މެޗުތައް ކުޅޭނީ ރޭގަނޑުއެވެ. ހުރިހާ ސްޓޭޑިއަމެއްވެސް ފިނިކުރުމަށް ޚާއްސަ ނިޒާމުތަކެއް ވަނީ ގާއިމް ކުރެވިފައެވެ. އެހެންވީމާ ކުޅުންތެރިންނާއި ބެލުންތެރީންނާއި އޮފިޝަލުންނަށް ސްޓޭޑިއަމްތަކުގެ ތެރޭގައި ގަދަހޫނެއް އިހުސާސްކުރާކަށް ނުޖެހޭނެއެވެ. ވޯލްޑްކަޕް 8 ސްޓޭޑިއަމްގެ ތެރެއިން ފުރާޅު ކަހައިލެވޭ ގޮތަށް ފަރުމާކޮށްފައިވަނީ އެންމެ ސްޓޭޑިއަމެއްގައެވެ. ގަތަރަކީ އާއްމުގޮތެއްގައި ވާރޭވެހޭ ގައުމަކަށް ނުވާތީ ވާރޭގެ ބިރުވެރިކަމެއް ނެތެވެ.

ގަތަރާއި ދިވެހިރާއްޖޭގެ ދުރުމިނަކީ ގާތްގަޑަކަށް 3400 ކިލޯމީޓަރެވެ. އެއީ މަތިންދާބޯޓަކުންނަމަ ހަތަރުގަޑި ސާޅީސް ފަސް މިނިޓުގެ ދަތުރެކެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއާ އެންމެ ގާތުގައި ކުޅެވޭ ވޯލްޑްކަޕް ކަމަށްވާތީ ބެލެވޭ ގޮތުން ދިވެހީންގެ ތެރެއިންވެސް މާލީގޮތުން ކެރިކުޅަދާނަކަން ލިބިގެންވާ ވަރަށް ގިނަބަޔަކު ގަތަރަށް ދާނެއެވެ. މިއީ އެންމެ ގިނަ ދިވެހީން ވޯލްޑްކަޕް ބަލަންދާ ފަހަރުކަމަށްވެސް ވާނެއެވެ. ދިވެހިރާއްޖެއަކީ ގަތަރު އެއަރވޭޒްގެ މަންޒިލެކެވެ. މިހާރުވެސް މެޗުގެ ޓިކެޓާއި ހުރުމާއި ދެކޮޅު ދަތުރު ހިމެނޭހެން ޕެކޭޖުތަކެއް ގަތަރު އެއަރވޭޒުން އެހެރަގެންދަނީ އިޝްތިހާރު ކުރަމުންނެވެ. އަންދާޒާކުރެވިފައިވާ ގޮތުން ދިވެހީންނަށް މިޕެކޭޖް ގާތްގަނޑަކަށް އުމްރާ ދަތުރެއްގެ އަގާއި ދާދި އެއްއަގެއްގައި ލިބޭނެއެވެ.