ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރުމަށް ސްޓެލްކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރެވޭނީ އެ ކުންފުނިން އެހެން ވިޔަފާރިތައް ކޮށްގެން ކަމަށެވެ. ޝަރީފު ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ފައިދާބޮޑު ވިޔަފާރިތަކުގެ ތެރޭގައި އިމާރަތް ކުރުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު އެ ކުންފުނީގެ ސްޓާފުންނަށް ސޯޝަލް ހައުސިން ދިނުމުގެ ގޮތުން ދެ ޓަވަރެއްގެ މަސައްކަތް ކޮށްފައި ކަމަށާއި މިހާރު ބޭނުންވަނީ ސްޓެލްކޯގެ ފަރާތުން އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން އެފަދަ ޕްރޮގްރާމެއް ހިންގަން ކަމަށެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސްޓާފުންނަށް ވަރަށް ސަކްސެސްފުލް ޕްރޮގްރާމެއް ހިންގިއްޖޭ، އެހެވިއްޔާ އަޅުގަނޑު މިބަލަނީ ހަމައެފަދަ އެހެން ޕްރޮގްރާމެއް ވިޔަފާރި އުސޫލުން އާންމު ރައްޔިތުންނަށް އަޅުގަނޑުމެންނަށް ދެވިދާނެކަމަށް އަޅުގަނޑުމެން މިހާރު ވިސްނާފަހުރީ، ކުރިމަގުގައި މި ލަގްޒަރީ ހައުސިންއަށް، ލަގްޒަރީ އެޕާޓްމެންޓްސްއަށް ދާނެމަގު ތަނަވަސްވޭތޯ އަޅުގަނޑުމެން މިހާރު ރޭވުންތައް ރޭވުމާ ފީޒިބަލިޓީސްއާ މާކެޓިން ރެއިޒް ކުރުމާ އެކަންކަން ކުރަމުން މިދަނީ މިހާރު، ދެން ފައިނޭންޝިއަލް ފީސިބިލިޓީ އަޅުގަނޑުމެންގެ ޑްރޯ ކުރުމުގެ ހެދުމުގެ މަސައްކަތް އެބަދޭ،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ގޯތީގައި 14 ބުރީގެ އޮފީސް އިމާރަތެއް ހަދަމުން އަންނަ ކަމަށެވެ. އެއީ ޖާގައިގެ ދަތިކަން ދިމާވެފައިވާ ސަރުކާރުގެ އޮފީސްތަކަށް ކުލީގެ ގޮތުގައި އޮފީސް ސްޕޭސް ދޫކުރުމަށް ހަދަމުން އަންނަ އިމާރާތެއް ކަމަށެވެ.
"ކޮން އޮފީސްތަކަކުންތޯ އިމާރާތަށް ސްޕޭސް ބޭނުންވެގެން އުޅެނީ ކޮން މުއައްސަސާތަކަކުންތޯ، ދައުލަތުގެ ބައެއް މުއައްސަސާތައް އެބަހުރި މިނިވަން މުއައްސަސާތައް ވެސް އެބަހުރި އަމިއްލަ ފަރުދުންގެ ގޭގޭގައިވެސް އެހެންވީމާ އޭގެ ބަދަލުގަ އެމީހުންނަށް އެޕްރޯޗް ކޮށްގެން ކިހައިވަރެއްގެ ސްޕޭސެއް ބޭނުންވޭތޯ، އަދި އަޅުގަނޑުމެންގެ މާކެޓިން ސްޓްރެޓެޖީކް ތެރޭގައި އެބޭފުޅުން ބުކް ކުރާނަމަ އެބޭފުޅުން ބޭނުންވާ ގޮތަކަށް އެބޭފުޅުން ނަންގަވާ އިމާރަތް ޑިޒައިން ކުރާނީ ވެސް" ޝަރީފު ވިދާޅުވިއެވެ.
ސްޓެލްކޯގެ ސާވިސް ސެންޓަރުގެ ހިދުމަތް ޓޫރިޒަމް ދާއިރާއަށް މާކެޓްކުރަމުން އަންނަ ކަމަށާއި އޭގެ ބޭނުމަކީ ރިޒޯޓުގަކުގައި ހުންނަ އިންޖީނުގެތަކުގެ ސާވިސް ސްޓެލްކޯއިން ކޮށް އެތަނުގެ މެއިންޓެނެންސް ބެލެހެއްޓުންކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޒޯޓުތަކުން ސްޓެލްކޯ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ބޭނުންވާނަމަ އެކަން ވެސް ސްޓެލްކޯއިން ކޮށްދޭނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ސްޓެލްކޯއިން ފުޅާ ދާއިރާއެއްގައި ވަންނާނެ ކަމަށެވެ. އަދި އެ ވިޔަފާރިއަށް ވަނުމުގެ މަސައްކަތުގެ ދަށުން، އިޝްތިހާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަމިއްލަ ފަރާތްތަކުންނާއި އޭނުންވެސް ގޮތްގޮތުން ސްޓެލްކޯއަށް ލިބޭ އިޝްތިހާރުތައް ދައްކާނީ މާލޭގައި ހުންނަ ސްޓެލްކޯގެ ޓީވީތަކުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިހާރު އެބަހުރި މާޓީވީއެއް، އަދި އޭގެ އިތުރަށް މިހާރު އަޅުގަނޑުމެން މިހާރު ޕްލޭން ކުރެވިފައި އޮތްގޮތުން ބަލާނަމަ އަޅުގަނޑުމެން ވަރަށް އަވަހަށް އަޅުގަނޑުމެންގެ ހުރިހާ ސަބްސްޓޭޝަންތަކެއްގައި އަޅުގަނޑުމެންގެ ލެޑްޓީވީ އެބަހަރުކުރަން ހަރުކުރުމާއެކީ މާލޭ ތެރޭގައި ކޮންމެ ފަސް މިނިޓަކުން ކޮންމެވެސް ދިމާލަކުން އަޅުގަނޑުމެންގެ ޓީވީއެއް ފެންނާނެ، އެހެންވީމާ އެ ލެވެލަށް މިހާރު އަޅުގަނޑުމެން މާލެ ކަވާކުރަން އެބަހިޔާރުކުރަން" ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ، ސްޓެލްކޯގެ ވަރަށް ބޮޑު ސްޓެރެންތެއް ޔުޓިލައިޒް ނުވަތަ ބޭނުން ނުކުރެވިފައި މިދިޔަ ދުވަސްތަކުގައި އެބައޮތް ކަމަށެވެ. އެއީ ދާދިފަހުން ސްޓެލްކޯއިން ގާއިމްކުރި 50 މެގަވޯޓުގެ ޕްލާންޓެއް ކަމަށެވެ. ޝަރީފު ވިދާޅުވީ އެ ޕްލާންޓުން ރާއްޖޭގައި މިހާރު ހުރި ފެން އުފައްދާ ކުންފުނިތަކާ އެއްވަރަށް ފެން އުފައްދައިދޭނެ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސްޓެލްކޯއިން އުފައްދާ ފެން މިހާރަށްވުރެބޮޑަށް ބާޒާރަށް ނެރުމަށް ކަމަށެވެ.
ޝަރީފު ވިދާޅުވީ ސްޓެލްކޯއިން އެ ހުރިހާ ވިޔަފާރިތަކެއް ކުރަން ފެށުމުން ކަރަންޓު ލިބޭ އާމްދަނީއަށް ބަރޯސާވުން ދެބައިކުޅަ އެއްބަޔަށް ކުޑަކުރެވޭނެ ކަމަށެވެ.