ޚަބަރު

އެމްއެމްސީގެ ރައީސް ޝަހުބާނަށްވެސް މަނީ ލޯންޑަރިންގެ ތުހުމަތު

މުހައްމަދު އިޝާން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފިއެވެ.

ޝަހުބާންގެ ބޭބެ އަލްހާން ފަހުމީއަށް ވެސް ވަނީ މާނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވުމަށް އަންގައިފައެވެ.

ޝަހުބާން މިރޭ "ވަން" އަށް ވިދާޅުވީ އޭނާގެ މައްޗަށް ވެސް ފުލުހުން ތުހުމަތުކުރަނީ އަލްހާންގެ މައްޗަށް ކުރާ ތުހުމަތުތައް ކަމަށެވެ. އެއީ މަނީ ލޯންޑަރިންގެ ތުހުމަތު ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 8:00 އަށެވެ.

ފުލުހުން އަލްހާން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އަލްހާން އާއި ޝަހުބާންގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.

އެ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.