ޚަބަރު

ބީއެމްއެލްގެ ލޯނާއި ފައިނޭސިންއަށް ހުށަހަޅައިގެން ތިން ގައުމު ހިމެނޭ ޗުއްޓީ ޕެކޭޖެއް

މުހައްމަދު އިޝާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން އިސްލާމިކް ޕާސަނަލް ފައިނޭންސިންއާއި ވެހިކަލް ފައިނޭސިންއަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އެ ބޭންކުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްގެ އެ ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މިސްރު އަދި ޖޯޑަން ހިމެނޭގޮތަށް ދެ މީހަކަށް ޓުއާ ޕެކޭޖެކެވެ. އެ ޓުއާ ޕެކޭޖުގައި ޓިކެޓާއި ނުވަ ރޭގެ ހުރުމާއި ކެއުން ހިމެނެއެވެ.

ބީއެމްއެލުން މިއަދު ބުނީ ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއްވެސް ޕްރޮމޯޝަންގެ ދަށުން ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށްދަނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

އިނާމުތައް ލިބޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން އެޕްރޫވްކުރާ ލޯނާއި ފައިނޭސިންއަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ އެެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭސިންއަށް 20،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލްގެ އިސްލާމިކް ޕާސަނަލް ފައިނޭސިން މައިކްރޯގެ ދަށުން 25،000 އާ ހަމައަށް ހުށަހެޅޭނެއެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގެ ދަށުން ދެ ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދާއި ޖެޓް ސްކީ އާއި އިންޖީނުލީ ޑިންގީ ފަދަ ތެކެތި ގަތުމަށް 500،000 ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެއެވެ.