މުނިފޫހިފިލުވުން

ނޭހާ ކައްކަރުގެ ފިރިމީހާގެ އަގުހުރި ސާމާނުތަކެއް ވަގަށް ނަގައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތުސިންގް، ހިމާޝަލް ޕްރަދޭޝްއަށް ޗުއްޓީއެއް ހޭދަކޮށްލަން ގޮސް އުޅުމުގެ ތެރޭގައި، ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގްގެ އަގުހުރި ސާމާނުތަކެއް ވަގަށް ގެންގޮސްފިއެވެ.

މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދެމަފިރިން ޗުއްޓީ ހޭދަކުރުމަށް މަޑުކޮށްގެން ތިބީ މަންޑީގެ ހޮޓަލެއްގައެވެ. ވައްކަން ހިނގާފައި ވަނީ އެހޮޓަލުގައެވެ. ފުލުހުންނަށް ވަނީ ރޯހަންގެ އަގުބޮޑު ޖަވާހިރު ޖެހި އަނގޮޓިއަކާއި އައިފޯންގެ އިތުރުން ސްމާޓްގަޑިއަކާއި ފައިސާވެސް ވަގަށް ގެންގޮސްފައިވާކަމުގެ ރިޕޯޓެއް ހުށަހަޅައިފައެވެ. ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ފިރިމީހާގެ އަގުބޮޑު ސާމާނުތަކެއް ގެއްލުނުކަން އެނގުމުން ވަރަށް ހިތުގައިޖެހުނުކަމަށާއި ރޮވުނުކަމަށް ނޭހާއާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. ނޭހާއަކީ އާންމުކޮށް ޖަޖުކަން ކުރާ ޝޯ ތަކުގައި ވެސް ޖަޒުބާތީ ލަވަކިޔުންތެރިޔެކެވެ.

ނޭހާއާއި ރޯހަން އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ވީޑިއޯއެއްގައި އެދެމަފިރިން ތިބި ހޮޓަލުގެ ކޮޓަރި ތެރޭގައި، އެމީހުންގެ އެންމެ ފަހުން ރިލީޒް ކުރެވުނު ލަވަ "ލާލާލާ"ގެ ތަންކޮޅެއް ކިޔަމުން، ބެޑްކޮފީ ވަގުތުގެ އުފާވެރި މަންޒަރު ހިއްސާކޮށްފައިވެއެވެ.

ނޭހާއާއި ރޯހަންގެ ކައިވެނި ކުރީ 2020 ވަނައަހަރުގެ ޑިސެމްބަރު މަހުގައެވެ. ނޭހާ ބުނެފައިވާ ގޮތުގައި ރޯހަންގެ އަބުރުވެރި މިޒާޖާއި ހިތްދަމައިގަންނަ ސިފަތަކުގެ އިތުރަށް އޭނައަށް ރޯހަން އާ ފުރަތަމަ ބައްދަލުވެ، މާގިނަ އިރުތަކެއް ނުވަނީސް އެއީ އޭނާގެ "އެ" މީހާ ކަން އިހުސާސްކުރެވުނެވެ.