އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 15

އަބްދުﷲ ފާރޫގް ހަސަން

(08 މެއިގެ އަދަދާ ގުޅޭ)

އިސްލާމީ ނިޒާމުގެ ސަރުކާރެއް އުފެއްދުމުގައި މިޒަމާނުގެ ތަޖްރިބާތަކުގެ ބޭނުންކުރެވިދާނެއެވެ. މިޒަމާނުގައި ސަރުކާރުތައްވަނީ ޤާނޫނު ހެދުމުގެ ބާރާއި ހިންގުމުގެ ބާރާއި، ނިޔާކަނޑައެޅުމުގެ ބާރުގެ އަސާސްގައި، ޕާލަމެންޓަރީ ނިޒާމާއި ރިޔާސީ ނިޒާމާ ދެނިޒާމަކަށް ބަހައިލެވިފައެވެ. ޕާލަމެންޓަރީ ނިޒާމުގެ ސަރުކާރުތަކުގައި އިޚްތިޔާރުތައް އޮންނަނީ ވަޒީރުންގެ މަޖްލީހެއްގެ އަތްމަތީގައެވެ. ދައުލަތުގެ ވެރިޔާ ވަޒީރުން ޢައްޔަންކުރައްވަނީ އަކްސަރިއްޔަތު ލިބިފައިވާ ޕާޓީގެ މަޝްވަރާގެ މަތީންނެވެ. ވަޒީރުންގެ މަޖްލިސް ޕާލަމެންޓުގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހެއެވެ. ދުނިޔޭގެ އެތަކެއް ޤައުމުތަކެއްގައި މިއުސޫލަށް ޢަމަލުކުރެވެމުންދެއެވެ. ރިޔާސީ ނިޒާމުގެ ސަރުކާރުތަކުގައި ހިންގުމުގެ ބާރުގެ އިޚްތިޔާރުތައް އޮންނަނީ ރައީސްގެ އަތްޕުޅުގައެވެ. ރައީސަކު ހޮވެނީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. އެމުއްދަތު ހަމަވުމުގެ ކުރީން ރައީސް އޭނާގެ މަގާމަކުން ދުރެއް ނުކުރެވޭނެއެވެ. މިދެ ނިޒާމުންކުރެ الخــلافــة الــرّاشــدة ގެ ނިޒާމާ އެންމެ ކައިރިކަމުގައި ބެލެވެނީ ރިޔާސީ ނިޒާމެވެ. ނަމަވެސް މިއިން އެއްވެސްކަމަކީ އިސްލާމްދީނުގައި ޞަރީޙު ޙުކުމްތަކެއް ބަޔާންކުރައްވައިފައިވާ ކަންކަމެއް ނޫނެވެ. މިއީ އުންމަތުގެ ޙާލަތާއި ޒަމާނަށް ރިޢާޔަތްކޮށް އުންމަތުގެ ޝޫރާއިން ގޮތެއް ނިންމާންޖެހޭ ކަންކަމެވެ. އެހެންކަމުން ސަރުކާރުތަކުގެ ތަޖްރިބާއިން މަންފާ ހޯދުމުގެ ޖާގަ މުސްލިމުންނަށް އެބައޮތެވެ. މިޒަމާނުގެ ޖުމްހޫރީ ނިޒާމުގައި ބޭނުންކުރެވެމުންދާ އުސޫލުތައް އިޚްތިޔާރުކުރުމަކީ މުސްލިމުންނަށް އެއްވެސް ހުރަހެއް އޮތްކަމެއް ނޫނެވެ. މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ބޭނުންފުޅު ކޮންމެ ނިޒާމެއް އިޚްތިޔާރު ކުރެއްވިދާނެއެވެ. އަދި އިޖްތިހާދު ކުރައްވައިގެން ތަފާތު ނިޒާމެއް އުފެއްދެވިވެސްދާނެއެވެ. އިސްލާމްދީން ސިޔާސަތުގެ ފަރުޢީ ކަންކަން އުންމަތަށް ދޫކުރައްވައިފައިވަނީ ނުހަނު ފަހެލިކަމާއެކުގައެވެ. ޝައްކެއްނެތެވެ. މުސްލިމުންނަށް އިރްޝާދު ދެއްވައިފައިވާ އަސާސީ އުސޫލުތަކުގައި ކޮލުދަތުން ހިފަހައްޓާންޖެހެއެވެ. އާދެ އަމީރަކު ނުވަތަ ޚަލީފާއަކު ހޮވާންޖެހޭނީ އިންތިޚާބަކުންނެވެ. އިންތިޚާބުގައި ތަފާތު ގޮތްތައް ޚިޔާރުކުރެވިދާނެއެވެ. އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ އަޅާނުފައި މަޝްވަރާކުރަމުން ގެންދާންޖެހޭނެއެވެ. އުންމަތުގެ ހުރިހައިކަމެއް ނިންމާންޖެހޭނީ މަޝްވަރާގެ އަޣުލަބިއްޔަތުންނެވެ. މަޝްވަރާކުރުމަށްޓަކައި ބޯޑުތަކާއި މަޖްލިސްތައް ހެދިދާނެއެވެ. ވަޒީރުންގެ މަޖްލިސް ހެދިދާނެއެވެ. އަމީރު ނުވަތަ ޚަލީފާގެ މައްޗަށް މަޝްވަރާކުރެއްވުން ލާޒިމުވާނެއެވެ. އިންތިޚާބުތަކަށްޓަކައި އެޒަމާނެއްގެ ޙާލަތު ނިޔާކުރާގޮތަކަށް ޝޫރާއީ ނިޒާމެއް އޮތުމާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ތިއްބެވުމަކީ ލާޒިމުކަމެކެވެ. (މިޒަމާނުގައި މިކަމުގެ ބަދަލުގޮތަކީ ވޯޓުފޮއްޓާއި ރައްޔިތުންގެ މަޖްލިސްކަމުގައި ބަލައިގަނެވިދާނެއެވެ.) ވެރިޔަކު އިންތިޚާބުވުމަށްފަހު އެބޭފުޅެއްގެ އެންމެ އިސްވާޖިބަކަށްވާނީ އަރަހުށި މާތް اللّــه މުސްލިމުންނަށް ބިންމަތީގައި ބާރުދެއްވާއިރު ވާޖިބުކުރައްވައިފައިވާ ކަންކަން ފުރިހަމަކުރެއްވުމެވެ. އާދެ، އިސްލާމްދީނަށް ދަޢުވަތު ދެއްވުމެވެ. (ދީނުގެ ޢަދުއްވުންގެ މަސައްކަތްތަކަށް ފުރިހަމަޔަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދެވުމެވެ.) ޢަދުލުއިންޞާފު ޤާއިމުކުރެއްވުމެވެ. ނަމާދު ޤާއިމުކުރެވޭނެގޮތް ފުރިހަމަޔަށް ރާއްވަވައި ހަމަޖެއްސެވުމެވެ. އިސްލާމީ ވެރިކަމަކަށްވާނީ މާތް اللّــه މުސްލިމުންނަށް ބިންމަތީގައި ބާރުދެއްވުމުގެ މަޤްޞަދު ފުރިހަމަކުރަމުންގެންދާ ސަރުކާރުތަކެވެ. (ހަމައެކަނި އިސްލާމީ ޤައުމެކޭ ނުވަތަ އިސްލާމީ ސަރުކާރެކޭ ބުނެ މީޑިޔާތަކުގައި ބަޔާންދިނުމަކުން އިސްލާމީ ސަރުކާރެއް ކަމަކަށެއް ނުވާނެއެވެ.)

ސަރުކާރުގެ އަމީރުކަމާއި ނަމާދުގެ އިމާމުކަމާހުރި އެއްގޮތްކަން

ހުޅަނގުގެ ޖުމްހޫރިއްޔާގެ ތަޞައްވުރުތަކާއި ނަޒަރިއްޔާތަކަކީ އިންސާނީ އުފެއްދުންތަކާއި ގިރިޓީކުރުންތަކެކެވެ. ސަރުކާރުތަކަކީ އެއިންސާނީ ނަޒަރިއްޔާތަކުގެ ތަރުޖަމާނުންނެވެ. އެނަޒަރިއްޔާތުތައް ރައުސުމާލިއްޔަތުގެ ބިންގަލުގެ މަތީގައިވެސް އިޝްތިރާކިއްޔަތުގެ ބިންގަލުގެ މަތީގައިވެސް ޤާއިމުކޮށްފާނެއެވެ. ޝިރުކާއި ދޭވަތާއިންގެ ވަހްމީ ޢަޤީދާގެ މައްޗަށްވެސް ބިނާކޮށްފާނެއެވެ. އިލްހާދާއި ކަލަކުވޮޑިގެންވުމާމެދު އިންކާރުކުރުންވެސް އަސާސަކަށް ހަދައިފާނެއެވެ. އެކަމަކު އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމުގައި އެ މަގުފުރެދުމަކަށް ޖާގައެއްނެތެވެ. މިނިވަންކަމެއް ނެތެވެ. އިސްލާމީ ޖުމްހޫރިއްޔާގެ ޙަޤީޤީ ނަމަކީ ޚިލާފަތުގެ ނިޒާމެވެ. އިސްލާމީ ނިޒާމު ޤާއިމުކުރެވެނީ އިންސާނާއަކީ ބިމުގައިވާ اللّــه ގެ ޚަލީފާކަމުގެ ޢަޤީދާގެ މަތީގައެވެ. މާތް اللّــه ގެ ޚަލީފާއަކީ އެކަލާނގެ ޙުކުމްފުޅުތައް ތަންފީޒުކުރައްވާ ފަރާތެވެ. އެހެންކަމުން ޤައުމުގެ ހުރިހައިކަމެއް ހިންގާންޖެހޭނީ اللّــه ގެ އަމުރުފުޅުތަކާއި ނަހީތަކުގެ މަތީގައެވެ. އިސްލާމީ ޙުކޫމަތުގެ މަޤްޞަދު ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އެއުރެންނީ ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރި ކުރައްވައިފިނަމަ ނަމާދު ޤާއިމުކޮށް ޒަކާތްދީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللّــه އަށެވެ." (الحـــجّ: 41)

ނަމާދު ޤާއިމުކުރުމަކީ ޙަޤީޤަތުގައި އިމާމަތުއްޞުޣުރާ ޤާއިމްކުރުމެވެ. ނަމާދު ޤާއިމުކުރުމުގެ ނިޒާމަކީ ޙަޤީޤަތުގައި ޚިލާފަތުގެ (އިމާމަތުލް ކުބްރާގެ) ނިޒާމުގެ އަކަސައެކެވެ. ނުވަތަ ނަމޫނާއެކެވެ. އިސްލާމީ ދައުލަތުގައި އަމީރަށް ނުވަތަ އިމާމަށް ތަބާވާންޖެހެއެވެ. އިމާމަތުއްޝުޣުރާ ނުވަތަ ނަމާދުގައިވެސް އިމާމަށް ތަބާވާންޖެހެއެވެ. އިޤްތިދާވާ މީހުންގެ ސަފުހަދާންޖެހެއެވެ. މިސްކިތުގައި އިސްވެ ނަމާދުކުރާ މީހާއަށްވެސް އިސްލާމީ ފިޤުހުގައި ބޭނުންކުރެވޭ އިޞްޠިލާޙަކީ އިމާމެވެ. އިސްލާމީ ރިޔާސަތެއްގައި މުސްލިމުންގެ އަމީރު ނުވަތަ ޚަލީފާއަށްވެސް ބޭނުންކުރާ ނަމަކީ އިމާމެވެ. ދެތާނގައިވެސް އިމާމަށް ތަބާވާންޖެހެއެވެ. އެހެންކަމުން އަރަހުށި މާތް اللّــه ބިމުގައި ބާރުދެއްވާ ވެރީންގެވެސް އެންމެފުރަތަމަ ވާޖިބަކީ ނަމާދު ޤާއިމުކުރުއްވުމެވެ. ނަމާދު ޤާއިމުކުރުއްވުމާއި ޒަކާތް ނެރުއްވުމާއި ދުނިޔޭގައި އިސްލާމީ ދަޢުވަތު ފެތުރުއްވުމެވެ. ޢަދުލުއިންޞާފު ޤާއިމުކުރެއްވުމާއި މުސްލިމުންގެ ވަޙްދަތާއި މަރްކަޒިއްޔަތު ދެމެހެއްޓެވުމާއި ބޭރުގެ ޙަމަލަތަކުން އިސްލާމީ ދައުލަތް ރައްކައުތެރިކުރެއްވުމެވެ. މިއީ އިސްލާމީ ދައުލަތެއްގެ އަސާސީ މަޤްޞަދުތަކެވެ. މިކަންކަން ފުރިހަމަޔަށް ކުރަމުން ނުގެންދާ ސަރުކާރުތަކަކީ އިސްލާމީ ސަރުކާރުތަކެކޭ ނުބުނެވޭނެއެވެ. ޝައްކެއްނެތެވެ. މުސްލިމުންގެ ކޮންމެ ސަރުކާރަކީ އިސްލާމީ ސަރުކާރެއް ނޫނެވެ. މުސްލިމުންގެ ސަރުކާރުތަކާ އިސްލާމީ ސަރުކާރުތަކާ ހާސްގުނަ ތަފާތު ހުރެއެވެ.

عــلاّمــــة المــــاوردى ލިޔުއްވައިފައިވެއެވެ. ނަބަވީ ޚިލާފަތު ނުވަތަ ނަބިއްޔާގެ ޤާއިމުމަޤާމަކަށްވުމުގެ މަޠްލަބަކީ ދީން ޙިމާޔަތްކުރުމާއި ދުނިޔަވީ ސިޔާސަތެވެ. "خــلافـــة الـنــبــوة فـــى حــــراســـة الـديـــن وسـيـــاســـة الـدنــيــا" (އަޙްކާމުއްސުލްޠާނިއްޔާ، ޞަފުޙާ: 5 - ދާރުލްފިކުރު) (ދީނުގެ ޙުރުމަތާއި ރިސާލަތުގެ ނަމޫސުގެ ޢިއްޒަތަށް އަރައިގަނެ ބޭނުންހައިގޮތަކަށް "ރިޕޯޓު" ނެރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އިސްލާމީ ސަރުކާރެއްގެ އަސާސީ އިސްމަޤާމުތަކުގައި ތިބެވޭނީ ދީނުގެ ޞައްޙަ ޢަޤީދާގައި ޝައްކެއްނެތި ސާބިތުވެތިބޭ ބަޔަކަށެވެ.)

އިސްލާމީ ޖުމްހޫރިއްޔާ ނުވަތަ ވެރިކަމުގެ އިސްލާމީ ނިޒާމާ ހުޅަނގުގެ ޖުމްހޫރިއްޔާއާ އިއްތިފާޤުވާ ހަމައެކަނި ނުކުތާއަކީ ވެރިކަމަކީ ވަކި ދަރިކޮޅެއްގެ ނުވަތަ ވަކިގިންތިއެއްގެ ނުވަތަ ވަކިފަރުދެއްގެ ވާރުތައެއްކަމުގައި ނުވުމެވެ. އިންތިޚާބުކުރެވޭ މަންދޫބުންގެ ޒަރީޢާއިން އެންމެންގެ މެދުގައި މަޝްވަރާވެވިގެން ސަރުކާރު އުފެދެމުން ހިންގަމުން ގެންދިޔުމެވެ. އިސްލާމީ ޖުމްހޫރިއްޔާގައިވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެއެވެ. ޢަޤީދާއާއި ދީނުގެ މިނިވަންކަން އޮވެއެވެ. އިސްލާމްދީން ޤަބޫލުކުރާކަށެއް އެކަކަށްވެސް މަޖްބޫރެއް ނުކުރެވޭނެއެވެ. (މިދެންނެވި ބަހުގެ މާނައަކީ، މީހަކު ބޭނުންހައިއިރަކު މުރުތައްދުވުމުގެ ޙައްޤު ލިބިދޭ ވާހަކައެއް ނޫނެވެ. އަދި މުސްލިމުންގެ ދަރީންނަށް ކާބަފައިންގެ ދީނުން ބޭރުވެގެން އޭލިޔަނުންގެ ގޮތުގައި ދިރިއުޅެމުން ގެންދަން ހުއްދަކުރާ ވާހަކައެއްވެސް ނޫނެވެ. މީހަކު އިސްލާމްވާން މަޖްބޫރުނުކުރުމާ ދީނަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ބޭނުންވާއިރަށް ދީނުން ބޭރުވުމުގެ ހުއްދަ ދިނުމަކީ ވަރަށް ތަފާތު ދެކަމެކެވެ.) އިސްލާމީ ޖުމްހޫރިއްޔާގައިވެސް އަސާސީ އިންސާނީ ޙައްޤުތައް ރައްކައުތެރިކޮށްދެވޭނެއެވެ. ޤާނޫނުގެ ޙުރުމަތް އެންމެ މަތީދަރަޖައިގައި ނަގަހައްޓައި ދެމެހެއްޓޭނެއެވެ. އެންމެންނަށްވެސް ތަރައްޤީގެ ހަމަހަމަ ފުރުޞަތުތައް ލިބިދެވޭނެއެވެ. އެންމެންނަށްވެސް ހަމަހަމަޔަށް ޢަދުލުއިންޞާފު ލިބިދެވޭނެއެވެ.

ޒިންމީންނާއި ޣައިރުމުސްލިމުންނަށްވެސް ކަނޑައެޅި ބަޔާންވެގެންވާ ޙައްޤުތަކެއްވެއެވެ. އިސްލާމީ ދައުލަތުން އެބައިމީހުންގެ ޖާނާއި މާލާއި ޢިއްޒަތުއްނަފުސު ރައްކައުތެރިކޮށްދެވޭނެއެވެ. އިސްލާމީ ޖުމްހޫރިއްޔާއެއްގައި ޙާކިމެއްގެ މަސައްކަތްޕުޅަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރެއްވުމެވެ. މުސްލިމުންނަށް އަޅުކަންކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމާއި ހެޔޮކަންކަމަށް އަމުރުކުރައްވައި މުންކަރާތްތައް ނަހީކުރެއްވުމެވެ. އިސްލާމްދީން ފަތުރުއްވަން މަސައްކަތްޕުޅުކުރެއްވުމާއި އިސްލާމްދީނާއި މުސްލިމުންގެ ބާރުތައް އިސްރާފުވެ ބޭކާރުވިޔަ ނުދެއްވައި ރައްކައުތެރިކުރައްވައި ވަރުގަދަކުރެއްވުމެވެ. މުސްލިމުންގެ އަސާސީ ބޭނުންތައް ފުއްދައިދެއްވުމާއި އިސްލާމްދީން ބާރުވެރިކުރެއްވުމެވެ. ކުފްރާއި ޝިރުކު ބަލިކުރައްވައި ނިކަމެތިކުރެއްވުމެވެ. ނިރުބަވެރިކަމަށް ހިތްވަރުދޭ އަހްލުކިތާބީންނާއި ޣައިރުމުސްލިމުންގެ ބާރުތައް މުލުން ލުހެލެއްވުމާއި ދައުލަތުގެ ސަރަޙައްދު ރައްކައުތެރި ކުރެއްވުމާއި ބޭރުގެ ޙަމަލަތަކުން ދިފާޢުކުރެއްވުމެވެ. އަނިޔާލިބޭ މީހުންގެ ޝަކުވާތައް ފިލުވައިދެއްވުމާއި މުސްލިމުންގެ ބިމަކަށް ބޭރުބަޔަކު ޙަމަލަދީފިނަމަ ނުވަތަ ޣަޞްބުން ވެރިވާން އުޅޭނަމަ އޭގެ ދިފާޢުގައި ޖިހާދުކުރެއްވުމެވެ. އިސްލާމީ ދައުލަތުގައި ހަތިޔާރު އުފައްދާ ކާރުޚާނާތައް ބިނާކުރެއްވުމާއި އިސްލާމީ ލަޝްކަރަށް ރަނގަޅަށް ތަމްރީނުދެއްވައި އަބަދުވެސް ހުސިޔާރުކަމުގައި ތައްޔާރަށް ބައިތިއްބެވުމެވެ. އަބަދުވެސް ޝޫރާއީ ނިޒާމަށް ޢަމަލުކުރެއްވުމާއި އަމީރު އިންތިޚާބުކުރައްވަން އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހުލުވެރީން އެކުލަވައިލައްވައި ތައްޔާރުކުރެއްވުމާ މިހިރީ ހައްތާވެސް އިސްލާމީ ދައުލަތުގެ ވަލިއްޔުލްއަމްރުގެ ވާޖިބުތަކެވެ.

ކުރިންވެސް ދެންނެވިފަދައިން އިމާމަތުލްކުބްރާއާއި އިމާމަތުއްޞުޣުރާއާ ދެމެދު އެއްގޮތްކަމެއް ހުރެއެވެ. ނަމާދުގައި އިމާމު ވާންޖެހޭނީ އިމާމުކަމުގެ ޝަރުޠުހަމަވާ މީހެކެވެ. ހަމައެފަދައިން އަމީރުކަމަށް ކުފޫހަމަވާ ބޭފުޅަކު ހޮއްވެވުމަކީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ މައްޗަށް ލާޒިމު ކަމެކެވެ. އާދެ، ވެރިކަމުގެ އަމާނަތުގެ ބަރު އުފުއްލަވަން ޙަވާލުކުރެވޭންވާނީ އެކަމަށް އެކަށޭނަ ފަރާތަކާއެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަރަހުށި މާތް اللّــه ވަނީ އެކަމަށް އަމުރުކުރައްވައިފައެވެ. އިރްޝާދުދެއްވައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ހަމަކަށަވަރުން އަމާނަތްތައް، އޭގެ އަހްލުވެރީންނަށް އަދާކުރުމަށް، اللّــه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ ޢަދުލަށް ޙުކުމް ކުރުމަށްވެސް އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން اللّــه އީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ." (الـنّسـاء: 58)

ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތަކީ މުހިންމު އާޔަތެކެވެ. އޭގެތެރެއިންވެސް މިއާޔަތަކީ މުހިންމު އާޔަތެކެވެ. އެ އާޔަތަކާމެދު ވިސްނައި ތަދައްބުރުކުރާން ބޭނުން އާޔަތެކެވެ. އިސްލާމީ ވެރިކަމެއްގެ ބުރުސޫރަ، މިއާޔަތުން ޞަރީޙުވެއެވެ. ތިރީގައި މިދަންނަވަނީ މި އާޔަތުން އިސްތިންބާޠު ކުރެވޭ ބައެއް ކަންތައްތަކެވެ.

1. ވެރިކަން ނުވަތަ ޚިލާފަތަކީ ސަރާސަރު އަމާނަތެކެވެ. ވަކިޚާންދާނެއްގެ ނުވަތަ ވަކިދަރިކޮޅެއްގެ ވާރުތައެއް ނޫނެވެ.

2. ވެރިކަމުގެ އަމާނަތުގެ ޙަޤީޤީ ވެރީންނަކީ ޢާންމުންނެވެ. ޢާންމު މުސްލިމުންނެވެ. ޙާކިމުންނެއް ނޫނެވެ. މިއީ އަރަހުށި މާތް اللّــه މުސްލިމުންނަށް ދެއްވައިފައިވާ ދެއްވުމެކެވެ. އެބައިމީހުންގެ ޚިޔާލުދިނުމުގެ ޒަރީޢާއިން އެ އަމާނަތް ޙަވާލުކުރާންޖެހޭނީ އެކަމުގެ އެކަށޭނަކަމާއި ޤާބިލުކަންހުރި މީހުންނާއެވެ. މުސްލިމުންގެ މަންދޫބުން ކަމުގައިވާނީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ.

3. ސަރުކާރެއް އުފައްދާންވާނީ އަދި ޙާކިމަކު އިންތިޚާބުކުރާންވާނީ އެއަމާނަތުގެ ޢާމިލުން ނުވަތަ ވެރީންގެ ޚިޔާލު ދިނުމުގެ ޒަރީޢާއިންނެވެ. އެހެނީ އަމާނާތް އަދާކުރަން އަމުރުކުރައްވައިފައިވަނީ މުސްލިމުންނަށެވެ. އެހެންކަމުން ސަރުކާރު ހިންގުމަށްޓަކައި ކަމާއެކަށީގެންވާ ޤާބިލު މީހުން ހޮވައި އެބަޔަކާ ވެރިކަމުގެ އަމާނަތް ޙަވާލުކުރުމަކީ މުސްލިމުންގެ ޙައްޤެކެވެ. ގަދަބަދަވިކަމުން އެކަން ފިރުކައިގަނެގެން ކަމަކުނުދާނެއެވެ. ވިރާޘަތުގެ ގޮތްތައް އެކަމުގެ ތެރެޔަށް ވައްދައިގެން ނުވާނެއެވެ.

4. އަމީރު ނުވަތަ ޚަލީފާ އޭނާގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ޢަދުލުއިންޞާފު ޤާއިމުކުރެއްވުމަކީ އޭނާގެ މައްޗަށް ލާޒިމުކަމެކެވެ. ކުލައާއި ނަސްލާއި ޚާންދާނާއި (ޕާޓީގެ) ބިންގަލުގެ މަތީގައި މަގާމުތައް ބައްސަވައިގެން ނުވާނެއެވެ. މަޤާމުތައް ޙަވާލުކުރައްވާންވާނީ ޤާބިލިއްޔަތަށް ބައްލަވައިގެންނެވެ.

5. މިމާތް އާޔަތުގައި އަމުރުކުރައްވައިފައިވާ އެންމެ މުހިންމުކަމަކީ އަމާނަތް (ސަރުކާރު ހިންގުމާއި ވެރިކަމުގެ ބާރު) އެކަމުގެ ޤާބިލިއްޔަތުހުރި މީހުނާ ޙަވާލުކުރުމެވެ. އެމީހެއްގެ ކިބައިގައި ހިންގުންތެރިކަމާއި ރޭވުންތެރިކަން ހުންނަ މީހުނާ ޙަވާލުކުރުމެވެ. ތެދުފުޅެކެވެ. އަމާނަތުގެ ތަފާތު ވައްތަރުތައް ހުރެދާނެއެވެ. އެކަމަކު ވެރިކަންކުރުމުގެ އިޚްތިޔާރާއި ބާރާއި ދައުލަތުގެ ނިންމުންތައް ނިންމައި ތަންފީޒުކުރުމުގެ ބާރަށްވުރެ ބޮޑު އެހެން އަމާނަތެއް މިބިންމައްޗަކު ނުވެއެވެ.

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘުފުޅުގައިވެސް ސަރުކާރުގެ މަގާމުތަކާ ބެހޭގޮތުން ވަނީ "އަމާނަތް" މިލަފުޒު ބޭނުންފުޅު ކުރައްވައިފައެވެ. އިތުރު ސާހިބާ صـلّــى اللّــه
عـلـيــه وسـلّـــم، أبــو ذرّ الـغـفــارى رضـى اللّــه عــنـــه އާ މުޚާޠަބުކުރައްވައި އެއްފަހަރަކު ޙަދީޘު ކުރައްވައިފައިވެއެވެ.

(ނުނިމޭ)