އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަން ދެވަނަ ބޯޓު މިހާރު ގެނެވޭނެ ކަމަށް ބެލެވެނީ މިމަހު ފަހުކޮޅު ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެންނަ އެ ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއާއެކެވެ. މިހާރު ބޯޓު އޮތީ ޔޫއޭއީގައެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު މީގެ ކުރީން "ވަން" އަށް ވިދާޅުވި ގޮތުގައި، ޔޫއޭއީން މުދާ ބަރުކޮށްގެން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެއެވެ. ނަމަވެސް އެ ބޯޓު އަދިވެސް ރާއްޖެ ގެނެސްފައެއް ނުވެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ "ވަން" އަށް މިއަދު ވިދާޅުވީ، ބޯޓު ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ބޯޓު މިހާރު ގެނެވޭނެ ކަމަށް ބެލެވެނީ މިމަހު ފަހުކޮޅު ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެ ބޯޓުން ގެންނާނީ އިމާރާތް ކުރުމަށް ބޭނުންވާ ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި ގަނޑުކޮށް ގެނެސް, ހުސް ނުވެ ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ. އަދި އެތަކެތި ލިބޭ ހުރިހާ ގައުމަކަށް ބޯޓު ދަތުރުކޮށް ތަކެތި ގެންނާނެ ކަމަށް ވިދާޅުވިއެވެ.
މި ބޯޓަކީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެންނާނެ އެންމެ ބޮޑު ބޯޓެވެ. އެ ބޯޓުގެ ކުރޫންގެ ގޮތުގައި 22 މީހުން މަސައްކަތްކުރާ އިރު, އޭގެ ތެރެއިން ހަތަރު މީހުން ފިޔަވައި ދެން ހިމެނެނީ ހުސް ދިވެހިންނެވެ.