ލުއި ޚަބަރު

ނޭޕާލުގެ އަންހެނަކު ދިހަވަނަ ފަހަރަށް އެވަރެސްޓް ފަރުބަދަޔަށް އަރައިފި!

ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ އެވަރެސްޓް ފަރުބަދައިގެ އެންމެ އުސް ކުންނަށް އެންމެ ގިނައިން އެރި އަންހެނާ ކަމުގައިވާ ނޭޕާލުގެ 48 އަހަރުވީ ލަކްޕާ ޝޭރްޕާ އޭނާގެ ރިކޯޑް އަނެއްކާވެސް އައުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ އެވަރެސްޓް ފަރުބަދައިގެ އެންމެ އުސް ކުންނަށް އެރިއެރުމަކީ މިހާތަނަށް އޭނާ މިކަންކުރި ދިހަ ވަނަ ފަހަރެވެ.

ނޭޕާލާއި ޗައިނާގެ އިމުގައި ހުންނަ އެވަރެސްޓް ފަރުބަދަޔަކީ 29 ހާސް ފޫޓު އުސް ފަރުބަދައެކެވެ. ލަކްޕާ ޝޭރްޕާ މިދިޔަ ބުރާސްފަތި ދުވަހު ފަރުބަދަޔަށް އަރައި ދިހައެއް ހަމަކުރުމުގެ ކުރިން އޭނާ އެންމެ ފަހުން މިފަރުބަދަޔަށް އަރައިފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2018 ގައެވެ. ލަކްޕާޔަކީ އެވަރެސްޓް ފަރުބަދަޔަށް އެރުމުގައި ދިހައެއް ހަމަކުރި ފުރަތަމަ އަންހެނާ ކަމަށްވާއިރު ފިރިހެނުންގެ ތެރެއިން ރިކޯޑް އޮތީ ސައްބީސް ހަމަކޮށްފައިވާ ނޭޕާލުގެ ކަމިރީޓާ ޝޭރްޕާއަށެވެ. މިހާތަނަށް އެވަރެސްޓް ފަރުބަދަޔަށް އެރި އަންހެނުންގެ އަދަދަކީ 678 އެވެ.

ކުރިއަށްމިދާ މެއި މަހަކީ އެވަރެސްޓް ފަރުބަދަޔަށް އެރުމުގެ އެންމެ ފަހި މޫސުމެވެ. މި ފަރުބަދަޔަށް އެންމެ ފުރަތަމަ އެރީ 1953 ވަނަ އަހަރު ނިއުޒިލެންޑްގެ އެޑްމޮންޑް ހިލަރީ އާއި ނޭޕާލުގެ ޓެންޒިން ނޯގޭއެވެ. އޭގެ ފަހުން މިހާތަނަށް އެކި މީހުން ވަނީ 10657 ފަހަރު މި ފަރުބަދަޔަށް އަރައިފައެވެ. މިކަން ކުރަން އުޅުމުގެ ތެރޭގައި މިހާތަނަށް 311 މީހަކު މަރުވެފައިވެއެވެ.

އެވަރެސްޓް ފަރުބަދަޔަކީ ހަގީގަތުގައި ހިމާލިޔާއޭ ކިޔުނު ފަރުބަދަ ރޭންޖުގައިވާ ކުންނުތަކުގެ ތެރެއިން ބޮޑު ކުންނެކެވެ. ނޭޕާލުގައި މި ކުންނަށް ކިޔަނީ ސަގަރުމަތާއެވެ. ޗައިނާގައި ކިޔަނީ ޗޮމޮލުންގްމާއެވެ. ދުނިޔޭގެ ޖިއޮގްރަފިކް ސޮސައިޓީގެ ފަރާތުން މިފަރުބަދައިގެ ނަމަކީ އެވަރެސްޓްކަމަށް ނިންމީ މީލާދީން 1865 ގައެވެ. މި ނަން ނިސްބަތްވަނީ އިނގިރޭސިވިލާތުން އިންޑިޔާ ސާރވޭކުރަން ފޮނުވި ސަރ ޖޯޖް އެވަރެސްޓަށެވެ.