ޚަބަރު

ވެނެޒުއެލާ އާއި އީރާންގެ ތެލުގެ ވަގު ވިޔަފާރީގެ ހަބަކަށް ރާއްޖޭގެ ކަނޑު ވަނީ؟

ރިފާ ހަލީލު

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް، ވެނެޒުއެލާ އާއި އިރާން އާ ދެމެދު ތެލުގެ ވަގު ވިޔަފާރި ކުރަމުންދާ ކަމަށާއި މި ވިޔަފާރީގެ ހަބަކަށް ރާއްޖެ ހަދާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

ޓޭންކާސް ޑޮޓް ކޮމް އާ ހަވާލާދީ ރޮއިޓާސް އިން ބުނީ ވެނެޒުއެލާ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ޕީޑީވީއެސްއޭގެ ތެޔޮ ޓެންކަރެއް މިދިޔަ މާޗު މަހުގެތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އައިސް އީރާންގެ ދިދަ ނަގާފައިވާ ބޯޓަކާއި ބައްދަލުކޮށް އެއިން ކާގޯ ނަގައިގެން އަނބުރާ އެ ގައުމަށް ދިޔަ ކަމަށެވެ. ޓޭންކާސް ޑޮޓް ކޮމް އަކީ ސެޓަލައިޓް ބޭނުންކޮށްގެން އުޅަނދުތައް ދަތުރު ކުރާ ގޮތް ބަލާ ކުންފުންޏެކެވެ.

ރޮއިޓާސް އިން ބުނީ މިއީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ، އެ ދެ ގައުމުން ތެލުގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ އާ އުކުޅެއް ކަމަށެވެ.

ވެނެޒުއެލާ އާއި އީރާނާއި ދެމެދު ތެލުގެ ވަގު ވިޔަފާރި ކޮށްފައިވަނީ ރާއްޖެއާ 37 ނޯޓިކަލް މޭލު ބޭރުން ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަމަށް ރޮއިޓާސް އިން ވަނީ ބުނެފަ އެވެ. ރޮއިޓާސް އިން ބުނީ އެ އުޅަނދުތަކުގެ އައިޑެންޓިޓީތައް ޔާގީން ކަމާއެކު ކަށަވަރު ނުކުރެވުނު ކަމަށާއި އަދި މިކަމާ ގުޅޭ ގޮތުން ޕީޑީވީއެސްއޭ އާއި އެންއައިޓީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވެސް ކާމިޔާބު ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ބަހެއްވެސް މި ވަގުތު ނުލިބޭ ކަމަށްވެސް ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގައި ވެނަޒުއޭލާގެ ޓޭންކަރަށް އެރުވި ސާފު ނުކުރާ ތެލުގެ ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެރެއިން އެއް ބައި އެ ގައުމުގެ ބަނދަރަކަށް ގެންގޮސް ބާލައިފައިވާ ކަމަށް ރޮއިޓާސް އިންބުންޏެވެ.

މިކަމާ ގުޅިގެން ރައިސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ މިކަން ބަލާނެ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ މިފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި މިފަދަ ކަމެއް ސަމާލުކަމަށް އައިސްފައިވެސް ނުވާ ކަމަށެވެ.