ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ޔޫއޭއީއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ހަލީފާ އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ ޝެއިޚް ހަލީފާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު މާދަމާ މެންދުރު ޔޫއޭއީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝެއިޚް ހަލީފާ އަވަހާރަވުމާއި ގުޅިގެން މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ޔޫއޭއީ ސަރުކާރުން ވަނީ މިއަދުން ފެށިގެން 40 ދުވަސް ވަންދެން އެގައުމުގެ ދިދަވެސް ބައިދަނޑިއަށް ތިރިކުރަން ނިންމައިފަ އެވެ.
ޔޫއޭއީގެ ގާނޫނު ބުނާގޮތުން ހަތް އެމިރޭޓްސްގެ ވެރިން ހިމެނޭ ފެޑެރަލް ކައުންސިލުން ބައްދަލުކޮށް, ރައީސަކު އިންތިހާބުކުރަންދެން ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް އެވެ. އާ ރައީސަކު އިންތިހާބުކުރުމަށް ފެޑެރަލް ކައުންސިލުގެ ބައްދަލުވުން 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.
ޝައިޚް ހަލީފާގެ ކޮއްކޯފުޅު, ޝެއިޚް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް ވަނީ މީގެ ކުރިން 2014 ގައި ޝެއިޚް ހަލީފާއަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުން ވެސް ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވައިފައެވެ.
ޝައިޚް ހަލީފާ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަދި ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމުންނެވެ. ޝައިޚް ހަލީފާ ވަނީ 2004 ވަނަ އަހަރުން ފެށިގެން ޔޫއޭއީގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.