އިއްޔެއަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ އާއިލާތަކާ ބެހޭ ދުވަހެވެ. އދ ގެ ފަރާތުން 1993ވަނަ އަހަރުންގެ ފެށިގެން ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ ބައިނަލްއަގުވާމީ އާއިލާތަކާ ބެހޭ ދުވަހުގެ ގޮތުގައެވެ. މިދުވަހަކީ އާއިލާގެ މަތިމަތިފުށުން ދުރުދުރުން ވާރުތަވެފައިވާ ހުރިހާ އެންމެނާ ގުޅުން ބަދަހިކޮށް، އާއިލީ ދުޅަހެޔޮކަން ބިނާކޮށް، ދުރުދުރަށް ފެތުރިފައިވާ އާއިލީ ގުޅުންތައް ދެނެގަނެ، އެގުޅުންތައް ދެމެހެއްޓުމަށް ހޭލުންތެރިކުރުމުގެ ގޮތުން ހާއްސަކޮށްފައިވާ ދުވަހެކެވެ. އާއިލާއެއް ބިނާވެ، ދުރުދުރަށް ފެތުރި، ޖީލުތަކަށް ފުޅާވެގެންދާ ގޮތާ ބެހޭ ގޮތުން ހޭލުންތެރިކަން އުފައްދައި، މިއަދު ވަކިވަކިން އުޅޭ ކުދިކުދި އާއިލާތައް، ހަމައެކަނި ބައްޕައަކާއި މަންމައެއް އަދި އެންމެ ދަރިފުޅެއް ނުވަތަ ދެދަރިފުޅަކާއެކު އުޅޭ އާއިލާތައް، އެއާއިލާތަކުގެ ގާތްތިމާގެ އަދި ދުރުދުރަށް ގޮސް އޮބާލައިފައިވާ އާއިލީ ގުޅުންތައް ދެނެގަނެ، އެގުޅުންތައް ބަދަހިކުރުމަށް، އަދި އާއިލާގެ މުހިންމުކަމާއި ބޭނުންތެރިކަމަށް ހާއްސަ މިދުވަސް ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15ވަނަ ދުވަހު ފާހަގަ ކުރުމަށް އދ އިން ރަސްމީކޮށް ކަނޑައަޅައި، ނިންމާފައިވަނީ މީލާދީން 1994ގައެވެ.

ބައިނަލް އަގުވާމީ އާއިލާތަކާ ބެހޭ މިދުވަހުގައި އަހަރެމެންނަށް ކުރެވިދާނެ ހާއްސަ ކަންތައްތަކެއް އޮތްތޯ ބަލައިލަމާ ހިނގާށެވެ. ސްކޫލުތަކުންވެސް މިއަދަށް ހާއްސަ ކަންތައްތަކެއް ކުރެވިދާނެއެވެ. ކުދިން ގޮވައިގެން ގޭގައިވެސް ކަންތައްތަކެއް ކުރިއަށް ގެންދެވިދާނެއެވެ. ހުރިހާ ކުދިން އެއްބައިވެގެން އާއިލާގެ މުނިކާފަ، މުނިމާމަ ހިމެނޭހެން 'ފެމިލީ ޓްރީ' އެއް ކުރެހިދާނެއެވެ. އާއިލާގެ ކުދިބޮޑު އެންމެން ހިމެނިގެން، އާއިލީ ކާޑުތަކެއް ތައްޔާރު ކުރެވިދާނެއެވެ. ދެބޭންގެ ދެދަރި ކުދީންނަށް ދޭން އެއްއާއިލާއިން އަނެއް އާއިލާއަށް ހަދިޔާ ދޭ ގޮތަށް އާދައިގެ ކުޑަހަދިޔާއަކާއި ކާޑެއް ތައްޔާރު ކުރެވިދާނެއެވެ. މިދުވަހުގެ މުނާސަބާގައި ހާއްސަ ލަވައެއް ނޫނީ ޅެމެއް ނޫނީ ކުރެހުމެއް ތައްޔާރު ކުރެވިދާނެއެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ މަންމައަށާއި ބައްޕައަށް ހަދިޔާ ނޫނީ ޅެމެއް ނޫނީ ކުޑަކާޑެއް، ޕޯސްޓް ކާޑުވެސް ތައްޔާރު ކުރެވިދާނެއެވެ. އެގޮތުން ކޮންމެ ކުއްޖަކު މަގުން މުނިކާފަ، މުނި މާމައާ ހިސާބަށް ހަދިޔާ ބަދަލު ކުރެވޭނެއެވެ. އާއިލާގެ ހުރިހާ އެންމެން އެއްތަނަކުން ބައްދަލުވުމަށް ކިތަންމެހާވެސް ރަނގަޅު ފުރުސަތެކެވެ. ހަވީރުގެ ސަޔަށް ނޫނީ އައިސްކްރީމް ނުވަތަ ރޭގަނޑުގެ ކެއުމަށް ކޮންމެވެސް ތަނަކަށް ދެވިދާނެއެވެ. ނޫނީ ގޭގައި ތިބެގެންވެސް ކޮންމެވެސް ދައުވަތެއް ދެވިދާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް، ރަނގަޅު ކާނާއާއި ކަސްރަތު އަދި ނިދުމާއި ސިކުނޑި ހުޅުވޭފަދަ މައުލޫމާތުތަކުގެ މުހިންމުކަން ބުނެދޭށެވެ. އާއިލާގެ މުހިންމުކަމަކީ ކިހާވަރަކަށް އެނގެން ޖެހޭ ކަމެއްކަންވެސް ދެނެގަނެ، ބުނެދެވެން ވާނެއެވެ. ހަށިގަނޑަށާއި ވިސްނުމަށާއި ފިކުރަށް، ތޮބީއީ ގޮތުން އުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކުގެ ބައެއް އާއިލާގައި ތިމާއާއި ގުޅުން ހުންނަ މީހުން ހިއްސާކުރާކަން ދެނެގަނެ، އެހެންކުދިންނަށް ބުނެދެވެން ވާނެއެވެ. ޖެނެޓިކަލް ޑިސްއޯޑާތަކާއި ވާރުތަވާ ބަލިތަކާއި ނަފުސާނީ މައްސަލަތަކަކީވެސް އާއިލާގެ އެހެން މީހުންގެ މިފަދަ ކަންތައްތައް ދެނެގަތުން މުހިންމުވާ ސަބަބުތަކެކެވެ. ލޭގެ ގުޅުން މާބޮޑަށް ގާތްމީހުންނާއެކު ގުޅުން ބަދަހިކުރުމާއި ޒަވާޖީހަޔާތެއް ފެށުމުގައި ލޭގެ ގުޅުން ގާތް މީހުންނާއެކު ހަޔާތެއް ފެށުމުން ދިމާވާ ގިނަ މައްސަލަތައް ދެނެގަންނަން ޖެހެއެވެ. އެގޮތުން ބަލިބަލި ވަރަށް ގާތްވާ މައްސަލައެއްކަން ސައިންސްގެ ހޯދުންތަކުން ވަނީ އެނގިފައެވެ. މިއީ މިއަދު "އާއިލާތަކާ ބެހޭ "ދުވަހު ދެނެގަތުން މުހިންމު ކަންތައްތަކެވެ. އަދި އާއިލާގެ އެހެނިހެން ކުދިންނަށް ބުނެދޭން ޖެހޭވެސް ކަންތައްތަކެވެ.

ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުޑަކުދިންނަށް އާއިލާއަކީ ކިހާ މުހިންމު އެއްޗެއްކަން ބުނެދެވިދާނެއެވެ. އާއިލީގުޅުންތަކަކީ ކިހާ ބޭނުންތެރި ގުޅުންތަކެއް ކަމާއި ތިމާއާއި ތިމާގެ އާއިލާއާ ދެމެދުގައި އޮންނަ ގުޅުން ރަނގަކުރުމާއި އެގުޅުން ހަރުދަނާކޮށް ބާރުގަދަ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުދީންނަށް ބުނެދެވިދާނެއެވެ. އެއްގެއެއްގައި އެކުގައި ނޫޅުނު ކަމުގައިވިޔަސް މިފަދަ ދުވަސްތަކުގައި ދުރުގައި އުޅޭ އާއިލާގެ އެހެނިހެން މެންބަރުންނާއި ގުޅުންބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތައް ގޭގައި ތިބޭ ކުޑަކުދިންނަށް ބުނެދޭށެވެ. އަދި މިދުވަހުގެ މުނާސަބާގައި ކުދިން މެދުވެރިކޮށް ކޮންމެވެސް ހާއްސަ ކަމެއް ބާއްވާށެވެ.

މުދައްރިސުންނަށް މިފަދަ ދުވަހެއްގައި ދަރިވަރުންނަށް ވަރަށްވެސް ބޭނުންތެރި ގޮތުގައި ހޭލުންތެރިކުރުވުމުގެ ކަންކަން ރޭވިދާނެއެވެ. ކުދީންނަށް އާއިލާއަކީ ކޮބައިކަން ބުނެދީ 'ފެމިލީ ޓްރީ" ހަދާނެ ގޮތް ކިޔައިދެވިދާނެއެވެ. އާއިލާގެ އެންމެ އިސް ފަރާތަކީ ކޮބައިތޯ އަހައި ސުވާލު ކުރެވިދާނެއެވެ. އެއަށްފަހު އާއިލާގައި ދަރިވަރު އެންމެ ލޯބިވާ މީހުންނަށް ލޯބިވާ ސަބަބު، އަދި މިއަދު އެމީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ އެހިދާނެއެވެ. ކާޑެއް ހެދުމަށް ބުނެ، އެކާޑު ހެދުމުން، އެންމެ ހާއްސަ ފަރާތްތަކަށް އެކާޑު ހަދިޔާ ކުރެވިދާނެއެވެ. ހަމައެހެންމެ އާއިލީ ގުޅުން ހަރުދަނާ ކުރުމަށް ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން އާއިލާއަކީ ކޮބައިކަމާއި ކިހާވަރަކަށް ގުޅުން ބަދަހިކުރަން ޖެހޭ ކަމާއި އަދަބު އިހުތިރާމުގެ ބައިތައްވެސް ބުނެދެވިދާނެއެވެ..

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ މިފަދަ ދުވަސްތަކަކީ ދަރިވަރުންނަށާއި ކުޑަކުދީންނަށް އަދި އެހެންވެސް މީހުންނަށް ވަރަށްވެސް ބޭނުންތެރި މައުލޫމާތުތަކާއި ހާއްސަ ގުޅުންތައް ބަދަހިވެގެންދާނެ ކަންކަން ކުރެވިދާނެ، ބޭނުން ހިފޭނެ ދުވަސްތަކެކެވެ. ކަލަންޑަރުގައި ދުވަހެއް އޮތުމުން އެކަކު އަނެކަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ކިޔަން ހަނދާން ނައްތައިނުލާށެވެ. ހަމައެކަނި ކޮށްލާ ސަލާމަކުންވެސް ގުޅުންތައް ބަދަހިވެ، ދެމެދުގައި އޮންނަ ގުޅުން ހަރުދަނާވެދާނެއެވެ. އަދި ހަމައެންމެ ހިނިތުންވެލުމަކާއެކު ބުނެލާ އެންމެ ބަހަކުން ދެމީހެއްގެ ދެމެދުގައި އޮތް އޮޅުންބޮޅުންގަނޑެއް ހައްލުވެ، ދެމެދުގައި އޮތް ނުރުހުންތެރިކަމެއް ނަމަ ފިލައި ހިނގައިދާނެއެވެ. ހިނިތުންވުމާއި ސަލާމްކޮށްލުމަކުން ކިތަންމެހާވެސް ބޮޑު ފައިދާއެއް ވެދާނެއެވެ. ހަމައެހެންމެ ހޭލުންތެރިކަމާއި، މައުލޫމާތުގެ ހަޒާނާ މުއްސަނދިވުމަކީ ކިހާމުހިންމުކަމެއްކަން އެނގޭނީ ކަމެއް ދިމާވާ ހިނދު އެކަމުގެ އިލްމު ތިމާއަށް ލިބިފައި ހުންނަ ވަގުތުތަކުގައިވާ ފައިދާތައް ފެންނަ ވަގުތުތަކުގައެވެ.

ބައިނަލްއަގުވާމީ އާއިލާތަކާ ބެހޭ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ 'ވަން'ގެ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަމުން މި ދުވަހުގެ މުނާސަބާގައި ގުޅުންތައް ބަދަހިކުރުމަށް ހަނދާން އާކޮށްދެމެވެ. ހުރިހާ ކުދިކުދި އާއިލާތަކުން ބޮޑެތި އާއިލާތަކާއި ހިސާބަށްވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.