ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަވެ ވައިގަދަވެ، އަދި ކަނޑުވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމަޔަށް ޔެލޯ އެލާޓު ނެރެފައިވާ ކަމަށާއި އަދި ވައިޓް އެލާޓު ހއ. ފެށިގެން ރ. އަތޮޅާ ހަމަޔަށް ނެރެފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނީ ދެކުނު އަތޮޅުތަކުން ނަމަވެސް މިހާރު ދެކުނަށް މޫސުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް މި ހަފުތާ އެއްކޮށްވެސް ވިއްސާރަވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ދެކުނަށް ކެރީގެ އަސަރު ކުރިޔަސް އާންމުގޮތެއްގަ ރަނގަޅުވާނެ. ވައިވެސް މަޑުވެ ކަނޑުވެސް މަޑުވާނެ. އެކަމަކު މެދު ރާއްޖެތެރެއާއި އުތުރަށް ވިއްސާރަކޮށް މިދައްކަނީ. ވައިވެސް ގަދަވާނެ، ކަނޑުތައްވެސް ގަދަވާނެ. އެހެންވީމަ މި އަތޮޅުތަކުން ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އެދެން." އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ވިއްސާރައިގެ އަސަރު މާލެއަށްވެސް ކުރަމުންދާތީ، ވައިގަދަވާ ވަގުތުގައި ބުރިޖުން ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިވެ ސަމާލުވުމަށް ކަމާބެހޭ އިދާރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.