ދުނިޔެ

ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ހަލީފާ ބިން ޒައިދް އަލް ނަހްޔާން އަވަހާރަވެއްޖެއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ, ޑަބްލިޔުއޭއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބޫދާބީ އެމިރޭޓްގެ ވެސް ވެރިޔަކަށް ހުންނެވި އުމުރުފުޅުން 73 އަހަރުގެ ޝެއިޚް ހަލީފާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

ޔޫއޭއީގެ ގާނޫނު ބުނާގޮތުން ހަތް އެމިރޭޓްސްގެ ވެރިން ހިމެނޭ ފެޑެރަލް ކައުންސިލުން ބައްދަލުކޮށް, ރައީސަކު އިންތިހާބުކުރަންދެން ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމެވެ. އާ ރައީސަކު އިންތިހާބުކުރުމަށް ފެޑެރަލް ކައުންސިލުގެ ބައްދަލުވުން 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.

ޝައިޚް ހަލީފާގެ ކޮއްކޯފުޅު, ޝެއިޚް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް ވަނީ މީގެ ކުރިން 2014 ގައި ޝެއިޚް ހަލީފާއަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުން ވެސް ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވައިފައެވެ.

ޝައިޚް ހަލީފާ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަދި ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމުންނެވެ. ޝައިޚް ހަލީފާ ވަނީ 2004 ވަނަ އަހަރުން ފެށިގެން ޔޫއޭއީގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.