މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.63 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ލިބުނު 1.63 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށް ވުރެ 14.7 ޕަސަންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނާއި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. އަދި އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުންވެސް އާމްދަނީއަށް ވަނީ ކުރިއެރުން ލިބިފައެވެ.
މީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.
މިދިޔަ މަހު މީރާއަށް ޖީއެސްޓީގެ ގޮތުގައި 977.88 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ އެ އިދާރާއިން ލަފާކުރި އަދަދަށް ވުރެ 45.8 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު