ތ. ދިޔަމިގިއްޔާއި އެ އަތޮޅު ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ދިޔަމިގިލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 205 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 392 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުން ހިމެނެއެވެ.
ޖުމުލަ 23 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ވިލުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 184 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 135 މީޓަރުގެ ގްރޮއިން ގާއިމުކުރުން ކުރާނެއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި މޫދަށް އެެރޭ ސަރަހައްދެއް ފުންކުރުންވެސް ހިމެނެއެވެ.
ޖުމުލަ 11 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 130 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު