މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓިސީސީން ބުނެފި އެވެ.

ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ ގޮނޑުދޮށް ހިމާޔަޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މުޅި މަޝްރޫއުގެ 50 ޕަސެންޓު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްލޭނިން އެންޑް ހައުސިން މިިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ.