ސްރީ ލަންކާގެ އާންމުންގެ ތަންތަނަށް ގެއްލުންދީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ ލަންކާ ސިފައިންނަށް އެ ގައުމުގެ ސަރުކާރުން ދީފިއެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ އިރު، އެގައުމުގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވާ އިރު، މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.
އެ ހަމަނުޖެހުންތަކުގައި ވެރިކަން ކުރާ ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް ވަނީ މަރާލާފައިވާ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިން މަގުތަކަށް ވަނީ ނެރެފައެވެ. އަދި ކޯޓު އަމުރު ނެތި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް ވަނީ ފުލުހުންނަށް ދީފައެވެ.
ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެފައިވާ އިރު، 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ދަނީ ފަރުވާ ދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ