ބާ ޖަމާލުއްދީންގެ އިމާރާތް ތަޅައިލަން ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، 2.9 މިލިއަން ރުފިޔާއަށް ބާ ޖަމާލުއްދީން ތަޅައިލުމުގެ މަސައްކަތް ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަނީޒެވެ.
ބާ ޖަމާލުއްދީންގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒު ހިންގަމުން ދަނިކޮށް، މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު އެތަން ހުސްކުރަން ވަނީ އަންގައިފައެވެ. ސަރުކާރުން އެތަން ހުސްކުރުމަށް އަންގާފައިވަނީ ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރަތް އެޅުމަށެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.
ނަމަވެސް އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމި އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ, ބެލެނިވެރިން އެކަމާ ދެކޮޅު ހަދަމުންދިޔައެވެ. އަދި އެކަމާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ އިހުޖިޖާޖު ވެސް ކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން މިހާރު ބޭނުންކުރަމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތެވެ.
ބާ ޖަމާލުއްދީން ހުރި ގޯތި ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 20 ގައެވެ.