ޚަބަރު

ރާއްޖެ ޕްރޮމޯޓް ކުރަން ގަތަރު އެއާވޭސްއާއެކު އެއްބަސްވެއްޖެ

ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އިންބައުންޑް އެއާ ޓްރެފިކް އިތުރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ގަތަރު އެއާވޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2022 ގެ ހަވާސާގައި، މިދިޔަ ހޯމަ ދުވަހު ގަތަރު އެއާވޭސްގެ ސްޓޭންޑްގައެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ތިއެރީ އެންޓިނޯރީއެވެ.

މި އެއްބަސްވުމުގެ ދަށުން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ކަސްޓަމާ ކެމްޕެއިންތައް ހިންގާނެއެވެ. އަދި މީޑިއާގައި ނުފޫޒުގަދަ މީހުންނާއި ޓްރެވަލް ޕާޓްނަރުންނަށް ހާއްސަކޮށް ރާއްޖެ ތައާރަފުކުރުމުގެ ދަތުރުތައް ހިންގުމާއި ޓްރޭޑް ޕާޓްނަރުންނާ ގުޅިގެން އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ފާހަގަކުރެވިފައިވާ ކީ މާކެޓްތައް އެސެސްކޮށް، ރާއްޖޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ދެ ފަރާތުންވެސް މާކެޓިން ހަރަކާތްތައް އިންތިޒާމްކޮށް، ހިންގުންވެސް ހިމެނެއެވެ.

ތޮއްޔިބް ވިދާޅުވީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން، ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓެއް ކަމަށާއި އެސަރަހައްދަކީ ފަތުރުވެރިން ރާއްޖެއަށް އަންނަ މައި ހަބެއް ކަމަށެވެ.

ރާއްޖެ އަށް 35 ބައިނަލްއަގްވާމީ އެއާލައިނެއް އޮޕަރޭޓްކުރެ އެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި ފްލައި ދުބާއީ އާއި އެތިހާދް އެއާވޭސް އަދި ގަލްފް އެއާ ފަދަ މެދުއިރުމަތީގެ މައި އެއާލައިންތައް ކޮންމެ ހަފުތާއަކު ގިނަ ދަތުރުތަކެއް ކުރެއެވެ.