ސްރީލަންކާގައި ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ ހަޅުތާލުތައް ގިނަވެ އެންމެފަހުން ހުރިހާ ދޮރެއް ބަންދުވުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އެވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މި އިސްތިއުފާޔަކީ ކުރިއަށް ހުރި ކަންތައްތަކުގެ ފެށުމެކެވެ. އެންމެ އަވަހަށް ދެން އޮންނާނެ ކަމަށް ގަބޫލުކުރެވެނީ ޕާލަމެންޓްގައި ހިމެނޭ ހުރިހާ ޕާޓީއެއް ތަމްސީލުވާ ގޮތަށް އައު ކެބިނެޓަކާއެކު އައު ސަރުކާރެެއް އެކުލަވައިލުމަށް ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ދައުވަތު ދެއްވުމެވެ. އައު ބޮޑުވަޒީރަކަށްވާނީ ކޮން ބޭފުޅެއް ބާވައެވެ. އެބޭފުޅަކު އަދި ޔަގީނެއް ނޫނެވެ. ބައެއް މީހުން ބުނެއެވެ. އެބޭފުޅަކީ ސަޖިތު ޕްރެމަދާސައެވެ. އެއީ އެންމެ ބޮޑު އިދިކޮޅު ޖަމާއަތް ކަމުގައިވާ އެސްޖޭބީގެ ލީޑަރެވެ. އެކަމަކު ސަޖިތު ޕްރެމަދާސާ ވިދާޅުވެފައިވަނީ ވަގުތީ ސަރުކާރެއްގެ ބޮޑުވަޒީރުކަން ކުރެއްވުމުގެ ނިޔަތެއް ނެތް ކަމުގައެވެ.

ކުރިންވެސް ހީކުރެވުނު ގޮތަށް އިސްތިއުފާ ނުދެއްވައި ފަރުޖެއްސޭތޯ ލައްކަ ގިނަ އުކުޅުތައް މަހިންދަ ރާޖަޕަކްސާ ވަނީ ބޭނުން ކުރައްވައިފައެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ދިރިއުޅުއްވާ ރަސްމީ ގަނޑުވަރުގެ ކައިރި ހިސާބުތަކަށް އެއްވެގެން ހަޅުތާލު ކުރަމުންދިޔަ މީހުންނާ ދިމާކޮށް މާރާމާރީ ހިންގަން ފައިސާ ދީފައި ގޭންގުތަކުގެ ޒުވާނުން ނެރުންވެސް ހިމެނެއެވެ. މިގޮތަށް އިއްޔެ އާއި މިއަދު ގޭންގުތައް ނެރެގެން ހިންގި ހަމަނުޖެހުންތަކުގައި ވަރަށް ގިނަ ބަޔަކަށް އަނިޔާވެގެން ހަސްފަތާލުތަކުން ފަރުވާ ހޯދަން ޖެހުނެވެ. ހަމަނުޖެހުންތައް ފެށި ލޭއޮހޮރުވުމަކަށް ބަދަލުވީމާ ރައްޔިތުން ގެޔަށްދާށޭ، ސުލްހަވެރިކަން އިޚުތިޔާރުކުރާށޭ، ތަހުޒީބުކަމުގެ ސިފަތައް އިޚުތިޔާރުކުރާށޭ ވިދާޅުވެ މަހިންދަ ރާޖަޕަކްސާ ވަނީ މަތިއޮމާންކުރުމުގެ ގޮތުން ޓްވީޓްތަކެއްވެސް ކުރައްވައިފައެވެ.

މިފަދަ ޓްވީޓުތަކަށް އެންމެ ފުރިހަމަ އެއް ޖަވާބު އެރުވީ ލަންކާގެ ކުރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ކުމާރު ސަންގައްކަރައެވެ. އޭނާ ބުންޏެވެ. މަނިކުފާނެވެ. ހަމަނުޖެހުން އުފައްދައި ލޭއޮހޮރުވުމަކަށް ބަދަލުކުރީ މަނިކުފާނު ފޮނުއްވި ގޭންގްސްޓާރުންނެވެ. ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަން ތިބި މީހުންގެ ތެރެއަށް ގޭންގްސްޓާރުން ވަދެ މީސްތަކުން ތަޅައި ރޯނާ ގެންނެވީ މަނިކުފާނުގެ ގަނޑުވަރަށްގޮސް މަނިކުފާނާއި ބައްދަލުކޮށް މަނިކުފާނުގެ ކިބައިން އިރުޝާދު ލިބިގެންނެވެ. މިއީ އެންމެންގެ ކުރިމަތީގައި ހިނގައިދިޔަ ކަމެކެވެ. އެހެންވީމާ އޮޅުވައިލަން ނޫޅުއްވާށެވެ. އިސްތިއުފާ ދެއްވާށެވެ. މިކަމުގައި ރައްޔިތުންގެ ގިނަބައެއްގެ ބަހަކީވެސް ސަންގައްކަރާގެ ބަހެވެ. އަނިޔާކޮށް ތަޅައި ރޯނާ ގެންނެވިއަސް ރައްޔިތުން ގެޔަކަށް ނުވަދެއެވެ. އެހެންވީމާ އިސްތިއުފާ ދެއްވުން ނޫން ގޮތެެއް ނެތުނީއެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ ކުރިން ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓުގެ މެންބަރަކުވެސް ވަނީ އަވަހާރަކޮށްލައިފައެވެ. ރާޖަޕަކްސާއިންނަށް ވަފާތެރި މެންބަރެއްކަމުގައިވާ އަމަރްކީރްތީ އަތުކޮރަލާ އަވަހާރަކޮށްލީ ހަޅުތާލުކުރާ މީހުންގެ ތެރެއިން ބަޔަކު ކޮޅުނބުގެ ކޮންމެވެސް ހިސާބެއްގައި އޭނާގެ ކާރު ހުއްޓުވީމާ ކޯފާވެގެން އެމީހުންގެ ތެރެއަށް ބަޑި ޖައްސަވައި ދެމީހަކު ޒަޚަމްކޮށްލެއްވުމަށްފަހު ފިއްލެވުމަށް ދުވެވަޑައިގަންނަވަނިކޮށެވެ. ކައިރީގައިވާ އިމާރާތަކަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އޭގެކުރިން އޭނާ އަތުލައިގަނެ ރައްޔިތުން ހެދުނު އެއްޗެއް ހަދައިލީއެވެ. މިހާދިސާޔާއި ގުޅިގެން ޕާލަމެންޓްގެ މެންބަރުންގެ ތެރެއިން ރާޖަޕަކްސާއިންނަށް ވަފާތެރި ވަރަށް ގިނަ މެންބަރުން ފިއްލަވައިފިކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ގޭންގުތައް ނެރެގެން އިދިކޮޅު މީހުން މައިތިރިކުރަން ރާޖަޕަކްސާއިން ހިންގި ހަމަނުޖެހުންތަކުގައި ޒަޚަމްވީ މީހުންގެ ތެރެއިން ބައެއް މީހުންތިބީ ވަރަށް ސީރިއަސް ހާލަތެއްގައެވެ. އެހެންވީމާ މަރުވާ މީހުންގެ އަދަދު މައްޗަށްދާނޭ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި ސަރުކާރުގެ އެންގުންތަކަށް ބޯނުލެނބުން ބޮޑުވަމުން އަންނަ ކަމުގެ ކުލަވަރުވެސް މިހާރު ދަނީ ފެންނަމުންނެވެ. މިކަންކަން މިހެން ހުރީމާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އަތްޕުޅުގައި ދެން ޖަހާނެ ހުކުމް ގަނޑެއް ނެތުނީއެވެ. ރައީސް ގޮޓާބަޔާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި މަހިންދަ ރާޖަޕަކްސާ ވިދާޅުވެފައިވެއެވެ. މިވަގުތުން ފެށިގެން މަގާމުން ވަކިވީއެވެ. މަނިކުފާނު އެދިވަޑައިގަންނަވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ހުރަސްއަޅާ މީހަކަށް ނުވުމުގެ ގޮތުންނެވެ.

މިހާރު އެންމެންވެސް އިންތިޒާރު ކުރަމުންދަނީ އައު ބޮޑުވަޒީރަކަށާއި އައު ކެބިނެޓަކަށެވެ. ވަގުތީ ބޮޑުވަޒީރެއްގެ މަގާމު ބޭނުންފުޅު ނުވާކަމަށް އެންމެ ބޮޑު އިދިކޮޅު ލީޑަރު ސަޖިތު އެވަނީ ވިދާޅުވެފައެވެ. އަދިވެސް އިތުރު ޝަރުތުތަކެއް އިދިކޮޅު ޕާޓީތަކުން އެބަކުރިމަތިކުރެއެވެ. ރާޖަޕަކްސާއިންގެ ތެރެއިން ބޭފުޅަކު އިސްކޮށް ހުންނަވާ ސަރުކާރެެއްގައި ބައިވެރިވެސް ނުވާނޭކަމަށް ވަނީ ބުނެފައެވެ. އެހެންވީމާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާން އާއިލާގެ ތެރެއިން އެހެން ރާޖަޕަކްސާޔަކު ނެރެގެން އައު ސަރުކާރެެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް ގޮޓާބަޔާއަކަށް ނެތެވެ. އަދި އެންމެފަހުން ޚުދު ގޮޓާބަޔާއަށްވެސް ރައީސްކަމުގައި ދެމިހުންނެވުމުގެ ފުރުސަތު ދާނީ ހަނިވަމުންނެވެ. މި ހާލަތުގައި ދެން ކޮންމެވެސް ކަމެއް އޭނާ ކުރައްވާނެތާއެވެ. އޭނާވެސް މަގާމު ދޫކޮށްލައްވާނީ ދިވެހިން ކިޔައިއުޅޭ ގޮތަށް ހިބަރު ތެޅިލުމަކަށްފަހުގައެވެ.