ސްރީލަންކާގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު އެގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ލަންކާގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ހުރިހާ ދިވެހިން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ލަންކާގައި ދިރިއުޅެމުންދާ ނުވަތަ އެގައުމަށް ގޮސްފައިވަނިކޮށް އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ހޮޓްލައިން ނަމްބަރު 0768816666 އަށް ގުޅައި އެކަމެއްގެ މައުލޫމާތުދިނުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މުޒާހަރާކުރަމުންދާ ސަރަހައްދުތަކަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، ބޭރު ފައިސާ ހުސްވުމުގެ ސަބަބުން އެގައުމުން މިހާރު ވަނީ އެއީ ބަނގުރޫޓުވެފައިވާ ގައުމެެއްކަން އިއުލާންކޮށްފައެވެ. ލަންކާގެ ފޮރިން ރިޒާވްގައި އެގައުމަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރެވޭނެހާވެސް ފައިސާ ނެތެވެ. ލަންކާގެ އިގުތިސޯދީ ހާލަތު އެހާވަރަށް ދިޔައީ ކޮރަޕްޝަނުގެ ސަބަބުންކަމަށް ބުނެ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާދިނުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.
އެ މުޒާހަރާތައް ކޮންޓްރޯލުކުރަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ލަންކާގައި ކާފިއު އިއުލާންކުރި ނަމަވެސް، ގިނަ އަދަދެއްގެ މީހުން ދަނީ މުޒާހަރާތަކުގައި ބައިވެރިވުމަށް މަގުތަކަށް ނުކުންނަމުންނެވެ. މުޒާހަރާތަކާއެކު ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު މިއަދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގައިފައެވެ. އެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އަނިޔާވެ، ބައެއް މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
މަހަކަށްވުރެ ގިނަ ދުވަހަށް ކުރަމުންދިޔަ އެ މުޒާހަރާތަކާއެކު ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުން، މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާދެއްވައިފައެވެ. ރާޖަޕަކްސާ އިސްތިއުފާ ދެއްވާފައި މިވަނީ ލަންކާގެ މަސްރަހު ފިނިކުރަން އެމަނިކުފާނު އިސްތިއުފާދެއްވަފާނެ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު