ތެލެސީމިއާ

ތެލެސީމިއާ ކުއްޖެއްގެ ދުލުން: "ލޭހޯދަން އުޅުމުން އިވުނީ އަހަރެންނަކީ ލޭބޯމީހެކޭ ކިޔާ އަޑު!"

މަރިޔަމް ޝަފާ އިބްރާހިމް

2

ދުނިޔޭގެ ނިސްބަތުން ވެސް ކަންބޮޑުވާންޖެހޭ މިންވަރަށް ތެލެސީމިއާ ބައްޔަށް، ލޭއަޅާ ކުދިންގެ އަދަދު ރާއްޖޭގައި ގިނަކަމަށްވާއިރު، އުފާކުރަންޖެހޭ ހަގީގަތެއްވެސް އެބައޮތެވެ. ހެދިބޮޑުވަމުން އަންނަ ޅަޒުވާނުން މިކަމަށް ހޭލުންތެރިކަމެވެ. އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި، އަމިއްލަ ފައިމައްޗަށް ތެދުވެ، އުފާވެރި ހަޔާތެއް ވޭތި ކުރަމުންދާ ޒުވާނުން ގިނަކަމެވެ. އިރެއްގައި ނޭނގުމާއި، ހޭލުންތެރިކަމާއި މައުލޫމާތު ނޭނގުމުގެ ތެރެއިން، އަމިއްލަ މައިންބަފައިންނަށް ހެދިފައިވާ ގޯސްތަކުގެ ސަބަބުން ތިމަންނާމެންގެ ހަޔާތުގައި ލޭއަޅަން ޖެހުމުގެ ތަކުލީފު އުފުލަން ޖެހުނުކަމަށް ވިޔަސް އެފަދަ ކަންތައްތަކުން މިއަދު ރެކިގަނެ ސަލާމަތް ވެވެން އެބައޮތްކަން އަދުގެ ޅަޒުވާން ޖީލަށް ވިސްނޭކަމެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން ޝެހެނާޒް އަހުމަދަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން، އެންމެ ހަގު ދަރިފުޅު، އައިޝަތު ފިރުޝާއަކީ ލޭ އަޅަންޖެހޭ ކުއްޖަކަށްވިޔަސް މިއީ ހިތްވަރުގަދަ ޒުވާން ޖިންސުއްލަތީފެކެވެ. މިހާރު އައްޑޫސިޓީ ހިތަދޫގައި، މަންމަމެނާއެކު ދިރިއުޅެމުން އަންނަ ފިރޫއަކީ އަމިއްލަ ދިރިއުޅުމަށް މަސައްކަތް ކުރުމުގެ އިތުރަށް ކޮންމެ މަހަކު އެއްފަހަރު ގަޔަށް އަޅަން ޖެހޭ ލޭގެ ކަންތައްވެސް އަމިއްލައަށް ހަމަޖައްސަމުން އަންނަ ހިތްވަރުގަދަ ޒުވާނެކެވެ. ހިތަދޫގެ ރެސްޓޯރެންޓެއްގައި ކޭޝިއަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ފިރޫއަކީ ވަރަށް ހިތްވަރުގަދަ، ބަލިތަކާ ހަނގުރާމަކުރުމުގައި ލާމަސީލު ނަމޫނާއެކެވެ. އެހެނީ ތެލެސީމިއާ ބައްޔަށް ލޭއަޅާ މީހަކަށް ވުމާއެކު، ޑައެބެޓިކްސް އަދި ކޮލެސްޓްރޯލްމަތިވުމާއި މައިގްރެއިންގެ އުނދަގޫވެސް ފިރޫ އަންނަނީ ތަހައްމަލު ކުރަމުން ކަމަށްވާތީއެވެ.

ލޭއެޅުމަކީ ދުލުން ބުނެލާހާ ފަސޭހަ ކަމެއް ނޫންކަމަށާއި ހިތަށްވެސް ނާރާފަދަ އުނދަގުލާއި ދަތިކަމާ ބައެއް ފަހަރު ކުރިމަތިލާން ޖެހޭކަމަށްވެސް ފިރޫ ބުންޏެވެ. އެއްފަހަރު ލޭއެޅުމަށްފަހު ދެން އަޅަންޖެހޭ ލޭ ލިބޭނެ މަގު ހަމަޖެހިފައި ހުންނަން ޖެހެއެވެ. އަދިވެސް މުޖުތަމައުގައި ލޭ ހަދިޔާ ކުރުމަށް ބިރުގަނެ، ޖެހިލުންވާ މީހުން ތިބުމުގެ ސަބަބުން ލޭ ލިބުމުގައި ވަރަށްވެސް ދަތިވާފަހަރުތައް ދިމާވެއެވެ. އަބަދުހެން އެއްބަޔަކު ލޭދިނުމުގައި އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމަކު ތިމާގެ ހަށިގަނޑުން ލޭފޮދެއް ދީގެން އެހެން މީހަކަށް ދިރުމެއް ދެވޭނަމަ، އެވަރުގެ މާތްކަމެއް ދޫކޮށްލަންވީ ކީއްވެހެއްޔެވެ؟

ބޯންމެރޯ ހެދުމަކީ ވަރަށްވެސް ބޮޑު ހަރަދެއްކަމުން ފިރުޝާއަކަށް އެވަރުގެ ކަމެއް ކުރެވޭނެ ފެންވަރެއް ލިބިފައެއް ނެތެވެ. ލޭއެޅުމުގައި، ލޭހޯދުމަށް ދަތިވާކަން ފާހަގަކުރަމުން ފިރުޝާ ބުނީ ބޯންމެރޯ ހައްދަން ބޭނުން ނުވާކަމަށެވެ. ސަބަބަކީ އެއީ އެންމެނަށް ކުރެވޭ ވަރުގެ ހަރަދަކަށް ނުވާކަމަކަށްވެފައި، ފިރުޝާގެ މަންމައާއި އާއިލާގެ އެހެން މީހުން މިކަމުގައި އެއްވެސް ތަކުލީފެއް އުފުލާން ފިރުޝާ ބޭނުމެއް ނުވުމެވެ.

"ވަޒީފާ އަދާ ކުރާ ތަންތަނުން ހަމަ ވަރަށް ރަނގަޅު. އެކަމަކު އެއްތަނަކުން މައްސަލަ ޖެހުނު. އެފަރާތުން ފިރޫ ޑޮކްޓަރަށް ދެއްކުމަށް އަބަދު ފޮނުވަދޭން ޖެހެއޭ، ބަލިވީމަ ޑޮކްޓަރަށް ދާން ޖެހުމުން އެކަހަލަ ބަސް އިވުމުން ދެރަވޭ. ދެން ލޭ ހޯދަން އުޅުނު އިރު ދިމާވީ ވަރަށް އެހެން ކަހަލަ ކަމެއް، ތަނަކަށް ދިޔަ ދުވަހެއްގަ، ފިރޫއާ ދިމާއަށް ހަމަ އިވޭ ވަރަށް ބުނީ 'އޭ..ވެމްޕަޔަރެއް އަތުވެއްޖެއޭ މިތަނަށް. އެދުވަހު ހަމަ ވަރަށް ދެރަވި، ރޮވުނު."

ވެމްޕަޔަރެއް އަތުވެއްޖެއޭ ބުނީ ސީދާ ފިރުޝާއަށް އިވޭ ގޮތަށް، ފިރުޝާއާ ދިމާލަށް ކަމަށާއި އެއީ އެކަކު ބުނިބަހެއް ނަމަވެސް އެތައް ބައެއްގެ ހިޔާލެއްކަން ފިރުޝާއަށް އެނގުނެވެ. ސަބަބަކީ އެތަނުގައި ތިބީ ފިރުޝާއަކީ ލޭއަޅާ މީހެއްކަން އެނގޭ މީހުންނަށްވެފައި، އެކެއްގެ ދުލުން އެހާ ފާޅުކަން ބޮޑުކޮށް އެހެން ކިޔާނީ، އެގޮތަށް ދެކޭތީ، އެގޮތަށް ހިޔާލު ބަދަލު ކުރެވޭތީއެވެ. އެކަމަކު ލޭއެޅުމަކީ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެއްބާވައެވެ؟ ލޭއަޅާން ޖެހޭ ބަލި މީހަކު ވެމްޕަޔަރަކަށް ހަދައިލިއިރު އެބުނެވުނީ ކިހާވަރެއްގެ ބަހެއްކަން އެމީހަކަށް އިހުސާސްކުރެވުނު ބާވައެވެ؟ ފިރުޝާ ބުނި ގޮތުގައި އެއީ ވަރަށްބޮޑަށް ހިތުގައި ޖެހި، ދެރަވެ، ގިސްލައި ރޮވުނު ދުވަހެކެވެ. އެފަދަ ބަހަކުން، ނަމަކުން މީހަކު އޭނާއާ މުހާތަބުކޮށް އެފަދަ ނަޒަރަކުން އޭނާއަށް ބަލާނެކަމަކަށް ފަހަރެއްގައިވެސް، ދުވަހަކުވެސް ފިރުޝާގެ ހިތަކަށް ނާރައެވެ.

ފިރުޝާގެ ދުލުން އެބުނެދިނީ މުޖުތަމައުގެ ހާލަތެވެ. ވެމްޕަޔަރުން ނުވަތަ ލޭބޯމީހަކަށް ހަމަތިމާފަދަ އަނެއް އިންސާނަކު ހެދުމުން އޭގެން ދޭހަވަނީ އެވާހަކަ ދެއްކި މީހެއްގެ ނުކުޅެދުންތެރިކަން ނޫންހެއްޔެވެ؟ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ގޮތުގައި، ކަލާނގެ އެންމެ ފުރިހަމައަށް ހައްދަވާފައިވާ މީހެކެވެ. ލޭއެޅުމަކީ ބޮޑުވެގެންވާ ނުބައި ބައްޔެއް ނޫނެވެ. ލޭއަޅާ ކުދިންނަކީ ނާގާބިލު ބައެއްވެސް ނޫނެވެ. ނުވަތަ ލޭއަޅާ ކުދިންނަކީ 'ބޯންމެރޯ' ނުހެދުމުން ނުތިބެވޭނެ ބައެއްވެސް ނޫނެވެ. ދާއިމީ ބޭސްކާން ޖެހޭ، ބޭހާ ނުލައި ނޫޅެވޭނެ އެހެން ބަލިތައްވެސް ހުންނަ ފަދައިން ލޭއެޅުމަކީވެސް ހަށިގަނޑުން މަދުވާ ލޭ އަނބުރާ ހަށިގަނޑަށް އެޅުމަށް ކިޔާ ނަމެކެވެ. ވީއިރު މިވަރުގެ ކަމެއްގައި މިފަދަ ބަސްތައް މީހުންނާ ދިމާއަށް ބުނުމަކީ ވަރަށްވެސް ހިތާމަވެރިކަމެކެވެ.

ފިރުޝާ ކިޔައިދިން ގޮތުގައި ބައްޕައަކީ އުޅޭ މީހެއްކަން އެނގުނަސް އެއްވެސް ކަމެއްގައި އެއްވެސް އެހީތެރިކަމެއް ބައްޕަގެ ފަރާތަކުން ވެސް ނުލިބެއެވެ. އެންމެ ހަގު ދަރިފުޅަކީ ލޭއަޅާ ކުއްޖެއްކަން އެނގުމުން އާއިލާއަށް އަޅައިލައި، އޯގާތެރިވުމުގެ ބަދަލުގައި ފިރުޝާގެ ބައްޕަ ވަނީ މަންމައާއި ފިރުޝާމެން ދޫކޮށް ގޮސްފައެވެ. އަމިއްލަ އުފަން ރަށާއި މާދުރަށް، އައްޑޫ ސިޓީގެ ފޭދޫއަށް ފުރަތަމަ ދިރިއުޅުން ބަދަލުވީ، އާއިލާގެ ދޮށްޓަށް ހުރި، ފިރުޝާގެ ބޭބެގެ ވަޒީފާ އޮތީ މިހިސާބުގައިކަމަށްވާތީއެވެ. އާއިލާގެ ހުރިހާ ހަރަދެއްހެން ބަލަހައްޓަނީ ބޭބެކަމަށްވާތީ، ފިރުޝާ ބޭނުންވީ އަމިއްލަ ކަންތައްތައް ބޭބެއަށް ބުރައަކަށް ނުޖައްސައި އަމިއްލައަށް ކުރެވޭނެ މަގުފަހި ކުރުމާއެކު ބޭބެއަށް ލުއިކޮށް އާއިލާގެ ޒިންމާ އަމިއްލަޔަށް ވެސް ނެގުމަށެވެ. ހަމައެހެންމެ ތެލެސީމިއާގެ އިތުރަށް އެހެން ވެސް ބަލިތަކުގެ އުނދަގުލާއެކު އިތުރަށް ކިޔެވުމަކީވެސް ފަސޭހަކަމަކަށް ނުވީ މާލީ ހާލަތު ހުރި ގޮތުން ބޭސްފަރުވާ ކުރަމުން ކިޔެވުން ކުރިއަށް ގެންދެވެން ނެތުމުންނެވެ.

ފޭދޫގައި އުޅެމުން ހިތަދޫއަށް ހޮސްޕިޓަލަށް ގޮސްއައިސް ވުމަކީވެސް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަަކަށްވާތީ، އެއާއިލާ ހިތަދުއަށް ބަދަލުވީއެވެ. އަދި މިހާރު ހިތަދޫގެ ގެއެއް ކުއްޔަށް ހިފައިގެން އާންމު ދިރިއުޅުމުގެ ހާލަތު މެދުމިނެއްގައި އުޅެވޭވަރުވެފައިވާކަމަށް ފިރުޝާގެ ވާހަކައިން އެނގެއެވެ. ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފިރުޝާގެ ކޮންމެ ދުވަހަކީވެސް އޭނާގެ ބަލިތަކަށް ސަމާލުވެ، ބަރާބަރަށް ބޭސް ބޭނުންކުރުމާއެކު. ދުވަހުގެ ވަޒީފާއަށް ކަމޭހިތުމުގައާއި އާއިލާގެ ކަންތައް ހަމަޖެއްސުމުގައި ބެލެހެއްޓުންތެރިކަމާއެކު ހޭދަކުރާ ދުވަހެކެވެ. ބޭބެއާ އެކީ އެކުޑަ އާއިލާ ކުރިއަށް ގެންދިއުމަށް ހިތްވަރު ކުރާ ފިރުޝާއަކީ ތެލެސީމިއާ ލޭއެޅުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަގީގަތްކަން ހެޔޮހިތުން، ޝުކުރުވެރިކަމާއެކު ގަބޫލުކޮށްގެން ކުރިއަށްދާ ހިތްވަރުގަދަ އަންހެނެކެވެ.

ފިރުޝާއަށް ހާލަތު ނިޔާ ކުރި ގޮތުން އެންމެ މޮޅަށް ތައުލީމު ހާސިލު ކުރާނެ ފުރުސަތެއް ނުލިބުނެވެ. އެހެންނަމަވެސް ލިބިފައިވާ އިލްމަކާ އެކަށީގެންވާ ވަޒީފާއެއް އަބަދުވެސް ފިރުޝާ ހިތްވަރުކޮށްގެން ހޯދައި، ވަޒީފާއަށް ކަމޭހިތައެވެ. މިއަދު ފިރުޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަމިއްލައަށް އަމިއްލަ ކަންތައް ކުރުމާއިއެކު އާއިލާއަށްވެސް އެހީވެދެވޭނެ ފެންވަރެއް އޭނާއަށް ލިބިފައިވުމެވެ. ލޭހޯދުމާއި ލޭއެޅުމުގެ ކަންތަކުގައިވެސް މިއަދު އަމިއްލައަށް ހަރަކާތްތެރިވެ، އަމިއްލަ ދިރިއުޅުން އަމިއްލަ ބާރުގައި ހޭދަކުރި ނަމަވެސް މިއަދުވެސް އަދިވެސް ފިރުޝާއަކީ ލޯބިވާ މަންމައެއްގެ އެންމެ ހަގު ދަރިފުޅެވެ. ބައްޕައަކާނުލައި މަންމަ އުޅޭ އުޅުމުގައި އެންމެ ގާތުން މަންމައާއެކު ވަގުތުހޭދަކުރާ، މަންމަގެ އެހީތެރިއެއްވެސްމެއެވެ.