ލޭގެ ރައްކާތެރިކަން ނުކުރެވޭ ހާލަތުގައި ހުރި "ކޮމްޕްރޮމައިޒްޑް" ލޭ އެޅުނު މައްސަލައެއް ތަހުގީގުކުރުމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން ގޮވާލައިފިއެވެ.
މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކްރޮސްމެޗްކޮށް ނިމި "ރެޑީ ޓު ޓްރާންސްފިއުސް" ލޭ ޕެކްތައް ރައްކާކުރެވިފައިވާ ފްރިޖުގެ ޓެމްޕްރޭޗަރު ޑްރޮޕްވެ، ލޭގެ ރައްކާތެރިކަން ނުކުރެވޭ ހާލަތުގައި ހުރި "ކޮމްޕްރޮމައިޒްޑް" 12 ލޭޕެކެއް ހުރި ކަމަށެވެ.
"އެ ލޭޕެކްތައް އުކާލަން ޖެހިފައިވާކަން އެނގުނު ހިސާބުން، މި ސޮސައިޓީން ވަނީ ކަމާބެހޭ ފަރާތްތަކާއެކު މީގެ އަދާހަމަތައް ހޯދައި، މިކަމުގައި އަޅަމުންގެންދާ ފިޔަވަޅުތައް ވަރަށް ގާތުން ބަލަމުން ގެންގޮސްފައި. އަދި އެ ދުވަހު މި 12 ޕެކް އަޅަން ޖެހިފައިވާ ކުދިންނަށް އެމްބީއެސް އިން ގުޅައި، އެ ކުދިންނަށް އަލުން ޑޯނަރުން ހޯދައި މާފަށް އެދި ވަރަށް އަވަސް ގޮތެއްގައި މިކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ފިޔަވަޅު އަޅަމުންދާ ކަމަށް މި ސޮސައިޓީއަށް އެ ފަރާތުން މައުލޫމާތުދޭ،" ތެލެސީމިއާ ސޮސައިޓީން ނެރުނު ބަޔާނުގައިވެއެވެ.
ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ހެނދުނު ތިން ޕޭޝަންޓަކަށް އެ ލޭ އަޅާފައިވާކަން، އެ ސޮސައިޓީއަށް މިމަހުގެ 22 ގައި އެތަނުން އެއް ޕޭޝަންޓްގެ ބެލެނިވެރިއެއް ހިއްސާކުރި ކަމަށެވެ. އެ ހިސާބުން އެ ކަންތައް ހިނގައިދިޔަ ގޮތާއި، އެފަދަ ކަމެއް ހިނގަން މެދުވެރިވީ ސަބަބު ހޯދާ ކަމަށް ތެލެސީމިއާ ސޮސައިޓީން ބުންޏެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެސޮސައިޓީން ދީފައިވެއެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ އަޅާ ލެޔަކީ ރައްކާތެރި ލެޔެއްކަން ކަށަވަރު ކުރުމަށް މިވަގުތުން މިވަގުތަށް ކުރަންޖެހޭ ކަންތައްތައް ވަރަށް ސީރިއަސްކަމާއެކު ކަމާބެހޭ އެންމެ މަތީ ފަރާތަތްކަށް އެ ސޮސައިޓީން ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް ބެލުމަށްޓަކައި އެމްބީއެސް، ހުޅުމާލެ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްފަރާތްތަކާ ބައްދަލުކުރުމުން، ތެލެސީމިއާ ސޮސައިޓީގެ ކަންބޮޑުވުންތަކާއި އެކަމުގައި އެ ކޮމިއުނިޓީގެ ފަރާތުން ދެކޭގޮތާއި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް ހުށަހަޅާފައިވާނެ ކަމަށެވެ.
ލެޔަކީ ތެލެސީމިއާ ހުންނަ ކޮންމެ ފަރާތެއްގެ ފުރާނައާ ގުޅުންހުރި ކަމަކަށްވާ އިރު، އެ ކަމަކީ ހިނގައިގެންނުވާނެ، އަދި ހާއްސަކޮށް ތަކުރާރު ވެގެންނުވާނެ ކަމެއްކަމުގައި ތެލެސީމިއާ ސޮސައިޓީން ދެކޭ ކަމަށެވެ. ކޮންމެ ތެލެސީމިއާ ކުއްޖަކަށްވެސް އަޅާ ލެޔަކީ ރައްޔާތެރި ލެއެއްކަމުގައި ކަށަވަރުކުރުމަކީ އެ ހިދުމަތް ދޭ ފަރާތަށް އޮންނަ އެންމެ އިސް އަދި އެންމެ ފުރަތަމަ ވާޖިބު ކަމުގައިވެސް އެ ސޮސައިޓީން ދެކޭ ކަމަށެވެ.
ހަމައެއާއެކު، އެފަދަ ކޮންޕްރޮމައިޒްޑް ލެޔެއް އެންމެ ކުއްޖެއް ގަޔަށްވެސް އެޅިގެން ނުވާނެ ހާލަތެއްގައި، އެ ލޭ އެޅުނު ސަބަބު ތަހުގީގުކޮށް، ވަރަށް ހާމަކަން ބޮޑު ގޮތެެއްގައި ކުރިއަށް އޮތްތަނުގައިވެެސް އެ ކޮމިއުނިޓީއާ ހިއްސާކުރަމުން ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް ތެލެސީމިއާ ސޮސައިޓީން ވަނީ ގޮވާލައިފައެވެ.
އެ ސޮސައިޓީން އިތުރަށް ބުނީ މި ވަގުތަކީ ތެލެސީމިއާ ކޮންމެ ކުއްޖަކާއި ބެލެނިވެރިއަކަށްވެސް ވަރަށް ނުތަނަވަސް ވަގުތަކަށްވާތީ، މިވަގުތުގައި ތެލެސީމިއާ ކޮމިއުނިޓީ އިތުރަށް ނުވަތަވަސްވާނެ ފަދަ ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް ގޮވާލާ ކަމަށެވެ.
"އަދި ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގުކޮށް، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެލުމަށާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުވާނެ ފަދަގޮތަކަށް އިންތިޒާމުތައް ހަމަޖެެއްސުމަށް ކުރާ މަސައްކަތްތަކަށް، ބުރޫއަރަފާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރަން،" ތެލެސީމިއާ ސޮސައިޓީން ބުންޏެވެ.
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދިމާވާ ކޮންމެ ކަމެއްގައިވެސް، އެކަމަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތް، ތެލެސީމިއާ ކިމިއުނިޓީ އާއި ކަމާބެހޭ އެންމެހާ ފަރާތްތަކާއެކު ވީހާވެސް ގާތުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން، ތެލެސީމިއާ ބަލި މީހުންނަށާއި ބެލެނިވެރިންނަށް ދޭ ކަމަށް ވެސް ތެލެސީމިއާ ސޮސައިޓީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ތެލެސީމިއާ