މިއަންނަ ޖޫން މަހުން ފެށިގެން ތެލެސީމިއާ ސެންޓަރުގައި ދިވެހި ހެމަޓޮލޮޖިސްޓެއް މަސައްކަތް ކުރަން ފަށާނެކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ހަލީމު އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ތެލަސީމިއާ ކުދިންނަށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"އެތެރެހަށީގެ ބަލިތަކަށް ހާއްސަ ހިދުމަތް 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދެމުން އަންނައިރު ސެންޓަރަށް މިހާރު ވަނީ ހާއްސަ ޑޮކްޓަރަކު ރެކްރޫޓްކޮށްފައި. މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗްގެ އެހީތެރިކަމާއިއެކު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން މި ޖޫންމަހުގެ ތެރޭގައި ސެންޓަރުގެ ހިދުމަތް ދޭން އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ތެލަސީމިއާ ސެންޓަރުގައި އެތެރެހަށީގެ ބަލިތަކަށް ހާއްސަ އަދި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ އޮންކޯލް ހިދުމަތް ކުރިއަށްއޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން." ހަލީމް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ތެލަސީމިއާ ސެންޓަރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޮރެންޖް ހިޔާއަށް ބަދަލުކޮށްފައި ކަމަށާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރެއް ތައާރަފްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއްވެސް ދޭން ފަށާފައިވާކަމަށް ހަލީމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ 32 އަހަރު ފަހުން ހުކުރު ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވައި ހިދުމަތްދޭގޮތަށް ހަމަޖައްސާފައިވަނީވެސް މިސަރުކާރުން ކަމަށެވެ.

އޭނާ ވިދާޅުވީ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަޓަކައި ހަދާ "ގޯލްޑް ސްޓޭންޑަޑް" ތަހްލީލެއް ކަމަށްވާ "ނެޓް" ޓެސްޓިންގެ ހިދުމަތް މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ތެލެސީމިއާ ސެންޓަރުގައު ރަސްމީކޮށް ފަށާނެ ކަމަށެވެ. މިއީ ލޭގެ ރައްކާތެރިކަން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ރާއްޖޭގެ އެޅޭ ތާރީހީ ފިޔަވަޅެއްކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ލިވާ ފައިބްރޯސިސް ދެނެގަތުމަށް ހަދާ ސްކޭންގެ ހިދުމަތްވެސް މިއަހަރު ތެރޭގައި ތެލަސީމިއާ ސެންޓަރުގައި ތައާރަފްކުރާނެކަމަށް ހަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން އަންހެނުންގެ ހާއްސަ ބަލިތަކުގެ އޮންކޯލް ހިދުމަތާއި އެހެނިހެން މުހިންމު އެކިއެކި ހިދުމަތްތަކުގެ ހާއްސަ ކޮންސަލްޓެންޓުން ތެލެސީމިއާ ސެންޓަރުގައި މަސައްކަތް ކުރާނެ އިންތިޒާމު މިއަަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މިއަހަރު ހަތަރު ތެލަސީމިއާ ކުދިން އުފަންވެފައިވާއިރު މިއީ ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށެވެ. ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކޮށް ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ތައާރަފުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރު ޑިޖިޓަލައިޒްކޮށް މިއަހަރު ތެރޭގައި ތައާރަފްކުރާނެކަމަށް ހަލީމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހަލީމް ވިދާޅުވިއެވެ.