މިއީ ދެހާސްބާވީސް ވަނަ އަހަރެވެ. މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕަކީ ބާވީސްވަނަ ވޯލްޑްކަޕެވެ. އެހެންވީމާ އަދަދުގެ ގޮތުން މިދިމާވަނީ ވަރަށް ބޮޑު އިއްތިފާގެކެވެ. ބާވީސްވަނަ ވޯލްޑްކަޕް މިދިމާވީ ދެހާސްބާވީސްވަނަ އަހަރާއެވެ. އަދި އެހެން އިއްތިފާގެެއްވެސް އެބައޮތެވެ. މުބާރާތް ފަށަނީ ނޮވެމްބަރު 21 ގައެވެ. ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 18 ގައެވެ. އެދުވަހަކީ ގަތަރުގެ ގައުމީ ދުވަހެވެ. ގައުމީ ދުވަހަކީ މިހާރު ގަތަރު އެއޮތްގޮތަށް 1878 ވަނަ އަހަރު ގުޅުވައިލެވުނު ދުވަހެވެ. މިފަހަރުގެ މުބާރާތުގައި 32 ގައުމު ވާދަކުރާއިރު އޭގެތެރެއިން 29 ގައުމު މިހާރު ވަނީ ފައިނަލްވެފައެވެ. ބާކީ ތިން ޖާގަ އަދި ކަށަވަރެެއް ނުވެއެވެ. އެކަންވެސް ޖުލައިމަހުގެ ތެރޭގައި ނިމޭނެއެވެ. ދެން އޮތީ ކުޑަކުޑަ ދުވަސްކޮޅެއްގެ އިންތިޒާރެކެވެ.

ވޯލްޑްކަޕްގައި ވާދަކުރާ 32 ގައުމު މިފަހަރުވެސް ބަހާލެވިފައިވަނީ 8 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި 4 ގައުމެވެ. ގްރޫޕްތަކަށް ބަހައިލުމުގެ ގުރުނެގުމުގައި ބްރެޒިލް ލައްވައިލީ ގްރޫޕް ޖީގައެވެ. ބްރެޒިލްއަކީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލްއާއެކު އެ ގްރޫޕްގައި ދެން ހިމެނެނީ ސާރބިޔާ އާއި ސުވިޒަރލެންޑާއި ކެމެރޫނެވެ. އެހެންވީމާ މިގްރޫޕަކީ ނިސްބަތުން ބްރެޒިލްއަށް ފަސޭހަ ގްރޫޕެއް ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. މިހާތަނަށް ކޮންމެ ވޯލްޑްކަޕެއްގައި ކުޅެފައިވާ ހަމައެކަނި ގައުމަކީވެސް ބްރެޒިލްއެވެ. އޭގެ ތެރެއިން ފަސްފަހަރު ބްރެޒިލްވަނީ ތަށި ނަގައިފައެވެ. އާޖެންޓީނާ ހިމެނެނީ ގްރޫޕް ސީގައެވެ. އެގްރޫޕްގައި ދެން ހިމެނެނީ ސައުދީ އަރަބިޔާ އާއި ޕޮލެންޑާއި މެކްސިކޯއެވެ. މިއީ އާޖެންޓީނާއަށްވެސް ފަސޭހަ ގްރޫޕެއް ކަމަށް ވަނީ ހީކުރެވިފައެވެ.

ވޯލްޑްކަޕްގައި ބްރެޒިލްއަށް ލިބިފައިވާ ރިކޯޑުތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެއް ރިކޯޑަކީ ވޯލްޑްކަޕުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑެވެ. މިހާތަނަށް އެކާވީސް ވޯލްޑްކަޕެއްގައި ޖުމްލަ 109 މެޗު ބްރެޒީލުން ވަނީ ކުޅެފައެވެ. ބްރެޒިލްއަށްވުރެ ޖާމަނީ ކުޅެފައިވާ ވޯލްޑްކަޕް މަދެވެ. ޖާމަނީ މިހާތަނަށް ކުޅެފައިވަނީ 19 ވޯލްޑްކަޕްގައެވެ. އެހެންނަމަވެސް ދެ ވޯލްޑްކަޕް މަދުން ކުޅެގެން މެޗުތަކުގެ އަދަދު ބްރެޒިލްއާ އެއްވަރެވެ. ޖާމަނީވެސް ވަނީ މިހާތަނަށް 109 މެޗު ކުޅެފައެވެ. އެއް އަދަދަކަށް މެޗު ކުޅެފައިވިޔަސް މޮޅުވެފައިވާ މެޗުތަކުގެ އަދަދުން ބްރެޒިލްއަށް ކުރި ލިބެއެވެ. މިހާތަނަށް 73 މެޗުން ބްރެޒިލް މޮޅުވެފައިވާއިރު ޖާރމަނީ މޮޅުވެފައިވަނީ 67 މެޗުންނެވެ. މި ދެގައުމު ފިޔަވައި އެހެން އެއްވެސް ބަޔަކަށް 50 މެޗުންވެސް މޮޅުވެވިފައެއް ނެތެވެ.

މޮޅުވެފައިވާ މެޗުތަކުގެ އަދަދުން ތިންވަނަ ލިބެނީ އިޓަލީއަށެވެ. އިޓަލީ ވަނީ ޖުމްލަ 45 މެޗުން މޮޅުވެފައެވެ. މިއަދަދު އިތުރުކުރާކަށް މިފަހަރު އިޓަލީއަށް ފުރުސަތެެއް ނެތެވެ. އެހެނީ މިފަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިއެއް ނުވެއެވެ. ލިސްޓުގެ ތިންވަނައިން ހަތަރުވަނައަށް އިޓަލީ ވެއްޓުމަކީވެސް މިފަހަރު ވެދާނެ ކަމެކެވެ. އިޓަލީ ވެއްޓޭނީ އާޖެންޓީނާއަށް ހޯދޭ ނަތީޖާތަކަކުންނެވެ. އިޓަލީ ވައްޓާލަން އާޖެންޓީނާ ބޭނުންވަނީ މިފަހަރު އެންމެ ތިން މޮޅެވެ. މިހާތަނަށް 43 މެޗުން މޮޅުވެގެން އާޖެންޓީނާއަށް ލިބެނީ ލިސްޓުގެ ހަތަރުވަނައެވެ. މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ލިބިއްޖެނަމަ ވޯލްޑްކަޕުގައި އާޖެންޓީނާ މޮޅުވި މެޗުތަކުގެ އަދަދުވެސް ފަންސާހަށް އަރާނެއެވެ. އެއީ ލިއޯ މެސީގެ އާޖެންޓީނާއިން މިފަހަރު އަމާޒު ހިފާފައިވާ ކަންކަމުގެ ތެރެއިން ކަމެކެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި އެހެން ބާރުތަކަށްބަލާއިރު އަދަދުގެ ގޮތުން ފެންނަނީ ކުރިން ބަޔާންކުރެވުނު ހަތަރު ގައުމުށްވުރެ މާބޮޑަށްވެސް ފަހަތުގައި ތިއްބައެވެ. ލިސްޓުގެ ފަސްވަނަ ލިބޭ ފްރާންސަށް ފަނަރަ ވޯލްޑްކަޕްގައި މިހާތަނަށް ކުޅެވުނީ ޖުމްލަ 66 މެޗެވެ. މޮޅުވެވިފައިވަނީ އޭގެތެރެއިން 34 މެޗުންނެވެ. ސްޕެއިނަށް ފަނަރަ ވޯލްޑްކަޕުގައި ކުޅެވުނީ 63 މެޗެވެ. އޭގެތެރެއިން މޮޅުވެވިފައިވަނީ ޖުމްލަ 30 މެޗުންނެވެ. އިންގްލެންޑަށް މިހާތަނަށް ފަނަރަ ވޯލްޑްކަޕުގައި ކުޅެވުނީ 69 މެޗެވެ. އޭގެތެރެއިން މޮޅުވެވުނީ އެންމެ 29 މެޗުންނެވެ. ހޮލެންޑަށް 10 ވޯލްޑްކަޕުގައި ކުޅެވުނީ 50 މެޗެވެ. މޮޅުވެވުނީ އޭގެތެރެއިން 27 މެޗުންނެވެ. އުރުގުއާއީއަށް 13 ވޯލްޑްކަޕްގައި 56 މެޗު ކުޅެގެން މޮޅުވެވިފައިވަނީ 24 މެޗުންނެވެ.

ވޯލްޑްކަޕްގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅެގެން އެންމެ ގިނައިން މޮޅުވެފައިވަނީ ކޮންބައެއްކަމާމެދު ވާހަކަ ދައްކާފައި ނިންމާލުމުގެ ކުރިން ވޯލްޑްކަޕްގެ ތަށި އެންމެ ގިނައިން ހޯދާފައިވާ ގައުމުތަކާއިމެދުވެސް ބަހެއް ދޮޅުބަހެެއް އިތުރުކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އެންމެ ގިނައިން ތަށި އުފުލާލީ ބްރެޒީލުންނެވެ. އެއީ ޖުމްލަ ފަސްފަހަރެވެ. ޖާމަނީ އާއި އިޓަލީ ވަނީ ކޮންމެ ބަޔަކުވެސް ހަތަރު ފަހަރު ތަށި އުފުލާލައިފައެވެ. އާޖެންޓީނާ، އުރުގުއާއީ އަދި ފްރާންސް ވަނީ ކޮންމެ ބަޔަކުވެސް ދެފަހަރު ތަށި އުފުލައިފައެވެ. ސްޕެއިނާއި އިންގްލެންޑަށް މިކަން ކުރެވުނީ ކޮންމެ ބަޔަކަށްވެސް އެއްފަހަރުއެވެ. އެންމެ ނަސީބު ދެރައީ ހޮލެންޑުގެއެވެ. މިހާތަނަށް ޖުމްލަ ތިންފަހަރު ފައިނަލްގައި ކުޅެގެންވެސް ވެފައިވަނީ ބައްޔެވެ. އެންމެފަހުން 2010 ގައި ސްޕޭން އަތުންނެވެ.