ގިނގިނަމީހުން ތެލެސީމިއާއަށް ޓެސްޓުކުރަނީ ކޯޓަށް ފޯމުލައި ކައިވެނި ހަފުލާއަށް ތައްޔާރުވާފަހުން ކަމަށާއި ކެރިއަރުކަން އެނގުނު ނަމަވެސް ވަކިވާން ބޭނުންނުވާ ކަަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާ ދުވަހާއި ގުޅިގެން "ވަން" އިން ގެނެސްދޭ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އުމަރު ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ތެލެސީމިއާ ކުދިން ތިބީ ރާއްޖޭގައި ކަމަށެވެ.

ތެލިސީމިއާއަށް މިހާތަނަށް 900 އަށް ވުރެގިނަ ކުދިން ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބީ 630 މީހުންނެވެ.

ޑރ. އުމަރު ވިދާޅުވީ އުމުރުން 12 އަހަރުން ފެށިގެން ތެލެސީމިއާއަށް ޓެސްޓު ކުރުން ލާޒިމު ކުރި ނަމަވެސް ގިނަ ފަހަރަށް ޓެސްޓު ނުކުރާ ކަމަށެވެ. އަދި ޓެސްޓު ކުރާނީ ކައިވެނި ކުރުމަށް ފޯމު ހުށަހަޅާއިރު ތެލެސީމިއާ ކާޑު ހުށަހަޅާން ޖެހޭތީ އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި އެންމެ އާންމުކޮށް ދިމާވާ އެއް ކަމަކީ، ތެލެސީމިއާ އަށް ޓެސްޓު ކުރަނީ ކައިވެންޏަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމުމަށްފަހު ކަމަށެވެ.

"ވަގުތު ފާއިތުވާ ފަހުން މިއެނގެނީ ދެ މީހުންނަކީވެސް ދެ ކެރިއަރުންކަން. މިހާރު އާއިލާގެ ވެސް ޒިންމާއެއް އޮތް ކަމަށް ގަބޫލުކުރަން. މިސާލަކަށް ތިމާގެ ދަރިފުޅު ރައްޓެހިވެގެން އުޅެނީ ކޮން ރަށަކު ކޮން އާއިލާއަކު ކިހިނެއް އުޅޭ ކުއްޖެއްތޯ އެބަ ބަލާ. އެކަމަކު އެ ދެ މީހުންނަކީވެސް ކެރިއަރުންތޯ ބަލަން ބޭނުމެއް ނުވޭ. ނުވެސް ބަލާ. ގިނަ ފަހަރު ކޯޓަށް ފޯމުލައި ދެ އާއިލާއިންނާއި އެ ދެ މީހުންވެސް ބޮޑެތި ހަރަދުތައް ކުރާ ފަހުން މި ޓެސްޓު ކުރަނީ. އޭރު ދެ މީހުންވެސް ވަކިވާކަށް ބޭނުމެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ހަގީގަތުގައި މިއީ ވަގުތީ އުފަލަކަށްޓަކައި ދެމަފިރިންނަށްވެސް ދަރިންނަށް ދެވޭ އަނިޔާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ދެ ކެރިއަރުންނަށް ކައިވެނި ކުރެވޭނީ ތެލެސީމިއާ ސެންޓަރުން ހިންގާ ހާއްސަ ޕްރޮގުރާމެއްގައި ބައިވެރިވެ، އެކަމުގެ ސެޓުފިކެޓެއް ކޯތަށް ހުށަހެމުން ކަމަށެވެ. އެހެންކަމުން ދަރިއެއް ހޯދުމުގައި ދެމަފިރިންވެސް ވިސްނަންވީ ކަންކަމާގުޅޭ ގޮތުން ހޭލުންތެރިވެ، މައުލޫމާތުތަކެއް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ދެ ކެރިއަރުންކަން އެނގި ތިބެ ކައިވެނި ކުރަނީ. މިއީ ކުރީ ޒަމާނެއް ނޫން. އެހެންވީމަ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ތެލެސީމިއާއަށް ޓެސްޓު ކުރެވޭނެ. ޓެސްޓު ކުރުމަށްފަހު ނޫނީ ޒަވާޖީ ހަޔާތެއް ނުފެށުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން. ބައެއް މީހުން ބުނާނެ ބަލި ކުއްޖެއް ލިބުނަސް އޯކޭއޭ. އެކަމަކު އެ ކުދިން އުފުލަން ޖެހޭ ތަކުލީފު މާބޮޑު. ހަށިގަނޑުގަ އެ އަޅާ ވޭން މާ ބޮޑު. މަހަކު ދެފަހަރު ނޫނީ ތިން ފަހަރު ލޭ އަޅާ ކުދިންވެސް އެބަތިބި. ލޭ ހޯދަން އުޅޭ ހާލު އެނގޭނީ އެ މައިންނަށް. ދެން ދަގަނޑުގެ ބައި ދަށް ކުރަން އެ ގުޅާ ޑެސްފަރޯލް. އެވެސް ކޮންމެ ދުވަހަކު އެތައް ގަޑިއަކަށް ގުޅައިން ހުންނަން ޖެހޭ އެއްޗެއް. މިހުރިހާ ކަމަކާ ވިސްނަންވާނެ ހަގީގަތުގަ." އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އަމިއްލަ އެދުން އިސްނުކޮށް ދަރިންގެ މުސްތަގުބަލާމެދު ވިސްނުމަށް އުމަރު ވަނީ އިލްތިމާސްކުރައްވައިފައެވެ. ޕްރިނޭޓަލް ޓެސްޓަކީވެސް ރާއްޖެއިން ބޭރުން ހެދޭ އަގު ބޮޑު ޓެސްޓަކަށްވާއިރު މިއީ އެންމެނަށް ކުރެވޭނެ ކަމެއް ނޫންކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން އެންމެންނަކީ މާލީ ގޮތުން ތަނަވަސް ބަޔަކަށް ނުވުމުން ޕްރިނޭޓަލް ޓެސްޓު ނުހެދި ލިބެނީ ކޮން ކަހަލަ ކުއްޖެއްތޯވެސް ބަލައިނުލެވޭ ކަމަށެވެ.

މި ހުރިހާ ގޮތަކަށް ވިސްނައި ލޯބީގެ ގޮތުން ގުޅިގެން އަހަރުތަކެއް ހޭދަކުރުމަށްފަހު ކައިވެންޏަކަށް ދިޔުމުގެ ކުރިން ނުވަތަ ކައިވެންޏަށް ޕްލޭން ކުރުމުގެ ކުރިން ތެލެސީމިއާ ޓެސްޓު ކުރުމަކީ ތިމާ އަމިއްލަ ނަފުސަށް އަދި އުފާވެރި މުސްތަގުބަލަކަށް ވިސްނާ ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ކުރުމަށްވެސް އުމަރު ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި މިގޮތަށް ކަންތައް ކޮށްފި ނަމަ ތެލެސީމިއާ ކުދިންގެ އަދަދު ސުމަކަށް ވެއްޓިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.