ތެލެސީމިއަކީ ކޮންއެއްޗެއް ކަމާއި އެއާއި ގުޅޭ ގޮތުން އާންމުން މިހާރު ހޭލުންތެރިވިނަމަވެސް އަދަދުތައް އިތުރުވަނީ މާބަނޑު ދުވަސްވަރު ހަދަން ޖެހޭ ޕްރިނޭޓަލް ޓެސްޓު ރާއްޖެއިން ނުހެދޭތީ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާ ދުވަހާއި ގުޅިގެން "ވަން" އިން ގެނެސްދޭ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އުމަރު ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާ އަށް ހޭލުންތެރިވާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު ތެލެސީމިއާ ދަފުތަރުގައި ރެޖިސްޓްރީ ކޮށްފައިވަނީ 14 މީހުންނެވެ. 2017 ވަނަ 11 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު 2018 ވަނަ އަހަރު އެ އަދަދު ވަނީ 19 އަށް މަތިވެފަ އެވެ. އަދި 2019 ވަނަ އަހަރު 11 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު 2020 ވަނަ އަހަރު ފަސް މީހަކު ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު 22 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް 10 މީހަކު ވަނީ ރެޖިސްޓްރީކޮށްފަ އެވެ.

ޑރ. އުމަރު ވިދާޅުވީ މިދިޔަ އަހަރު މިއަދަދު އިތުރުވެގެންދިޔައީ ކޮވިޑު-19އިގެ ސަބަބުން ކަމަށެވެ. އެއީ ބަނޑުގައި ދަރިފުޅު އޮއްވައި ޕްރީނޭޓަލް ޑައެގްނޯސް ވެފައިވޭތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ރާއްޖެއިން ބޭރުން ހަދަން ޖެހުމުން ކޮވިޑުގެ ސަބަބުން ބޭރަށް ނުދެވުމުން ކަމަށް އުމަރު ވިދާޅުވި އެވެ.

"ކޮވިޑު-19އިގެ ސަބަބުންނޭ އަޅުގަނޑު މިދަންނަވަނީ ބޭރުން ހަދަން ޖެހޭ ޓެސްޓުތައް ހަދަން ގިނަ މީހުންނަށް ބޭރަކަށް ނުދެވުނު. މިއީ މާބަނޑު އިރު ކުއްޖާގެ ޕްލެސެންޓާ އިން ސާމްޕަލް ނަގައިގެން ހަދަންޖެހޭ ޓެސްޓެއް. މި ޓެސްޓު ރާއްޖެއިން ނުހެދޭ. ކޮވިޑުގެ ސަބަބުން ލޮކްޑައުންކޮށްފަ މިއޮތީ ހުރިހާ ތަނެއްވެސް. އެހެންވީމަ އެ ޓެސްޓު ގިނަ މީހުންނަށް ނުހެދުނީމަ ކަމަށް ގަބޫލު މިކުރަނީ." އޭނާ ވިދާޅުވި އެވެ.

ޑރ. އުމަރު ވިދާޅުވީ ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ތެލެސީމިއާ އަށް ޓެސްޓު ކުރަނީ މަދު ބަޔަކު ކަމަށެވެ. ގިނަ ފަހަރަށް ޓެސްޓު ކުރަނީ ކޯޓަށް ފޯމުލައި ކައިވެނީގެ ހަފުލާއަށް ބޮޑެތި ހަރަދުތައް ކުރާ ފަހުން ކަމަށް ޑރ. ވިދާޅުވި އެވެ.

"ވަގުތު ފާއިތުވާ ފަހުން މިއެނގެނީ ދެ މީހުންނަކީވެސް ދެ ކެރިއަރުންކަން. މިހާރު އާއިލާގެ ވެސް ޒިންމާއެއް އޮތް ކަމަށް ގަބޫލުކުރަން. މިސާލަކަށް ތިމާގެ ދަރިފުޅު ރައްޓެހިވެގެން އުޅެނީ ކޮން ރަށަކު ކޮން އާއިލާއަކު ކިހިނެތް އުޅޭ ކުއްޖެއްތޯ އެބަ ބަލާ. އެކަމަކު އެ ދެ މީހުންނަކީވެސް ކެރިއަރުންތޯ ބަލަން ބޭނުމެއް ނުވޭ. ނުވެސް ބަލާ. ގިނަ ފަހަރު ކޯޓަށް ފޯމުލައި ދެ އާއިލާއިންނާއި އެ ދެ މީހުންވެސް ބޮޑެތި ހަރަދުތައް ކުރާ ފަހުން މި ޓެސްޓު ކުރަނީ. އޭރު ދެ މީހުންވެސް ވަކިވާކަށް ބޭނުމެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދެ ކެރިއަރުން ކައިވެނި ކުރި ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން އެ ފަދަ ފަރާތްތަކަށް ހާއްސަ ކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގަމުން އަންނަ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ކައިވެނިކުރާ ދެ ކެރިއަރުންނަށް ޕްރީނޭޓަލް ޑައިގްނޯސިސް ހަދައި، ލޭ އަޅާ ކުއްޖެއް ލިބުމުގެ ފުރުސަތު ހަނިކުރެވިދާނެކަން ކިޔައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. ޑރ. އުމަރު ވިދާޅުވި ގޮތުގައި، އޭގެ ފަހުން، ލޭ އަޅާ ކުދިން އުފަންވާ މިންވަރު މަދުވި ކަމަށާއި އެކަމަކު މާލީ ގޮތުންނާއި އެހެން ސަބަބުތަކާ ހެދި ވެސް، މާބަނޑުވާ ކޮންމެ ފަހަރަކު ޓެސްޓު ހަދަން ބޭރަށް ނުދެވުމުން، ކޮންމެ އަހަރަކު ވެސް ދިޔައީ، ލޭއަޅާ ކުދިންގެ އާބާދީ އިތުރުވަމުން ކަމަށެވެ.

އަތޮޅުތަކުން ރެޖިސްޓްރީވާ ކުދިންގެ ބެލެނެވެރިންނަށްވެސް ހަގީގަތުގައި ބައްޔާ ބެހޭ މައުލޫމާތު ލިބުނު ނަމަވެސް މާބަނޑުވުމުން ދެން ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތެއް ނޭނގޭކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.

"ކެރިއަރުން ކައިވެނި ކުރި ކަމަށްވިޔަސް އަޅުގަނޑުމެން 2017 ވަނަ އަހަރު ފެށި ހޭލުންތެރިކަމުގެ ޕްރޮގުރާމް. މި ޕްރޮގުރާމުގައި ބައިވެރިވެގެން ސެޓުފިކެޓު ހުށަހެޅުމުން ނޫނީ ދެ ކެރިއަރުންނަށް ފެމިލީ ކޯޓުގައި ކައިވެންޏެއް ނުކުރެވޭނެ. އަތޮޅުތަކުގަވެސް މި ޕްރޮގުރާމު ކުރިއަށް ގެންދަން ފެށިތަނާހެން ކޮވިޑުގެ ބަލިމަޑުކަން އައީ. އޭގެ ފަހުން މި ޕްރޮގުރާމު މިއޮތީ މެދުކެނޑިފަ. އެކަމަކު މަސައްކަތް ކުރަމުން މިދަނީ އެ ޕްރޮގުރާމު އިތުރަށް ކުރިއަށް ގެންދަން." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތެލެސީމިއާ ބަލި ކުދިން އުފަންވާ ނިސްބަތާއި އެ ފުރުސަތު އޮތް ގޮތަށް ބަލާ ނަމަ، ސަރުކާރުގެ ސިޔާސަތަށް އިތުރުކުރަން ޖެހިފައި އޮތް އެއް ކަމަކީ ޕްރީނޭޓަލް ޑައިގްނޯސިސް ހެދުމުގެ އިންތިޒާމު ރާއްޖޭގައި ހަމަޖެއްސުން ކަމަށާއި އެކަމަކީ ރާއްޖޭގައި މިހާރު ނުވާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.