"ފަޒީސް ހިޖާމަ ތެރެޕީ"ގެ ނަމުގައި ހިންގަމުންދާ ތަނަކީ ރަޖިސްޓަރީ ނުކޮށް ހިންގަމުން އަންނަ ތަނެއް ކަމަށާއި އެތަނުން މީހުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުން ދާތީ, އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
"ފަޒީސް ހިޖާމަ ތެރަޕީ"އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް، ހިޖާމައިގެ ފަރުވާ ދެމުން އަންނަ އެއް ތަނެވެ.
"ފަޒީސް ހިޖާމަ ތެރަޕީ"ގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަންް ނިންމާފައި މިވަނީ، ހަކުރު ބައްޔަށް ޖަހަމުން އަންނަ އިންސިއުލިންގެ ބަދަލުގައި ހިޖާމައިން ފަރުވާ ލިބޭނެ ކަމަށް ބުނެފައިވާތީ، އެކަމާ ޑޮކްޓަރުންނާއި ޑައިބެޓިކްސް އެސޯސިއޭޝަންގެ އިތުރުން އާންމުން ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ، "ފަޒީސް ހިޖާމަ ތެރަޕީ"އަކީ ރަޖިސްޓަރީ ނުކޮށް ހިންގަމުންދާ ތަނެއް ކަމަށެވެ. އެހެންވެ، އެތަން ރަޖިސްޓަރީކޮށް، ގަވައިދުގެ ތެރެއަށް ފެއްތުމަށް މީގެ ކުރިން ހެލްތު މިނިސްޓްރީން އެތަނަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީކުރީމާ ހިންގުމުގެ ހުއްދަ އަޅުގަނޑުމެން މިދެނީ. ނަމަވެސް މިހާތަނަށް ނެތް އެފަދަ އެއްވެސް ކަމެއް އެފަރާތުން (ފަޒީސް ހިޖާމަ ތެރަޕީ) އިން ކޮށްފައެއް،" ތަސްލީމާ ވިދާޅުވިއެވެ.
ތަސްލީމާ ވިދާޅުވީ، ގަވައިދާ ހިލާފަށް ސިއްހީ ހިދުމަތްތަކެއް ބަޔަކު ދެމުންދާ ނަމަ، ހެލްތު މިނިސްޓްރީއަށް އެންމެ ބޮޑު ކަމަކަށް ކުރެވެން އޮންނަނީ އެތަނެއް ބަންދުކުރުން ކަމަށެވެ.
"ދެން އޮތް ސްޓެޕަކީ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިއުން. އެކަމަކު، އޭގެ ކުރިން މިނިސްޓްރީގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބަލާނެ،" ތަސްލީމާ ވިދާޅުވިއެވެ.
"ފަޒީސް ހިޖާމަ ތެރަޕީ" އަކީ، ފަޒީލާ އުސްމާން (ފަޒީ) އިސްވެ ހުރެ، 2018 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ. "ފަޒީސް ހިޖާމަ ކްލިނިކް"ގެ މައްސަލައެއްގައި 2019 ވަނަ އަހަރު ވެސް ފަޒީ ވަނީ ހެލްތު މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ރާއްޖޭގައި ހުއްދަ ނުނަގައި ސިއްހީ ހިދުމަތްދޭ ބައެއް ތަންތަނުގެ މައްސަލަ ބަލައިދިނުމަށް ފުލުސް އޮފީހުގައިވެސް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު