ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކުން އެންމެ ގިނައަދަދެއްގެ އަރަބި ގައުމުތައް ފެނިފައިވަނީ މިހާތަނަށް 2018 ވަނަ އަހަރުގެ ވޯލްޑްކަޕުންނެވެ. ރަޝިޔާގައި އެފަހަރު ބޭއްވުނު ވޯލްޑްކަޕުން އަރަބި ދުނިޔޭގެ ހަތަރު ގައުމު ފެނިފައިވެއެވެ. އެއީ މޮރޮކޯއާއި ޓިއުނީޝިޔާއާއި މިސްރާއި ސައޫދީ އަރަބިޔާއެވެ. މީގެ ތެރެއިން އޭޝިޔާއަށް ނިސްބަތްވާ އަރަބި ގައުމަކީ ސައުދީ އަރަބިޔާ އެކަންޏެވެ. އަނެއް ތިން ގައުމު ނިސްބަތްވަނީ އެފްރިކާއަށެވެ. ހަމަ މިއަދަދަށް މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުންވެސް އަރަބި ގައުމުތައް ފެންނާނެއެވެ. ނުވަތަ އެއަށްވުރެ ގިނަވެސް ވެދާނެއެވެ. މިވަގުތު ޔަގީންވާ ގައުމުތަކަކީ މޮރޮކޯ އާއި ޓިއުނީޝިޔާ އަދި ސައުދީ އަރަބިޔާ އާއި ގަތަރެވެ. މީގެ ތެރެއިން ގަތަރާއި ސައުދީ އަރަބިޔާ ނިސްބަތްވަނީ އޭޝިޔާއަށެވެ. މިފަހަރު މިއީ ގަލްފުގެ އަރަބި ދެގައުމެއް ނުވަތަ އެއަށްވުރެ ގިނައިން ވޯލްޑްކަޕުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ވޯލްޑްކަޕް ބޭއްވެނީވެސް ގަލްފުގައި ކަމަށްވެފައި ގަލްފުގެ އަރަބި ދެގައުމެއް ނުވަތަ ތިން ގައުމެއް މި ވޯލްޑްކަޕުން ފެނުމަކީ ވަރަށްވެސް ތާރީޚީ އިއްތިފާގެކެވެ. ސައުދީ އަރަބިޔާ ކޮލިފައިވީ ކުޅެގެންނެވެ. ގަތަރު ކޮލިފައިވީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ނުކުޅެއެވެ. މި ދެގައުމުގެ އިތުރަށް ގަލްފަށް ނިސްބަތްވާ އެހެން ގައުމެއްވެސް މިފަހަރުގެ ވޯލްޑްކަޕުން ފެންނާނެއެވެ. އެއީ އީރާނެވެ. އެކަމަކު އީރާނަކީ އަރަބި ގައުމެއް ނޫނެވެ. އީރާނު ހިމަނައިގެން މި ވޯލްޑްކަޕުގައި ޔަގީނުންވެސް ގަލްފުގެ ޖުމްލަ ތިން ގައުމެއް ފެންނާނެއެވެ. ގަލްފުގެ ފުރަތަމަ ވޯލްޑްކަޕުން ގަލްފުގެ ތިން ގައުމެއް ފެނުމަކީ އަނެއްކާވެސް ވަރަށް ތާރީޚީ އިއްތިފާގެކެވެ. މި ތިން ގައުމުގެ ތެރެއިން ސައޫދީ އަރަބިޔާއާއި އީރާން ވަނީ މީގެ ކުރިންވެސް ވޯލްޑްކަޕުގައި ކުޅެފައެވެ. އެކަމަކު މިއީ ގަތަރުގެ ފުރަތަމަ ފަހަރެވެ.
މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ބޭއްވުނު ވޯލްޑްޕަކުން އަރަބި ހަތަރު ގައުމެއް ފެނުނުއިރު އިތުރު ދެގައުމެއް ލައިގެން އިސްލާމީ ދުނިޔެއަށް ނިސްބަތްވާ ޖުމްލަ ހަގައުމެއް ފެނިގެން ދިޔައެވެ. އެދެގައުމަކީ ސެނެގޯލާއި އީރާނެވެ. މިފަހަރުގެ ވޯލްޑްކަޕުގައިވެސް މި ދެގައުމު ކުޅޭނެއެވެ. އެހެންވީމާ މީގެ ހަތަރު އަހަރު ކުރިއެކޭ އެއްގޮތަށް މިފަހަރު ގަތަރުގެ ވޯލްޑްކަޕުންވެސް އިސްލާމީ ހަ ގައުމެއް ފެންނާނެއެވެ. މިއީ އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް ކަމަށްވެފައި މި ވޯލްޑްކަޕުގައި ވާދަކުރާ 32 ގައުމުގެ ތެރެއިން ހަ ގައުމެއް އިސްލާމީ އުއްމަތަށް ނިސްބަތްވުމަކީ އަނެއްކާވެސް ވަރަށް ތާރީޚީ އިއްތިފާގެކެވެ. މިހާތަނަށް އެއްވެސް ވޯލްޑްކަޕަކުން މިއަދަދަށްވުރެ ގިނައިން އިސްލާމީ ގައުމުތަކެއް ނުފެނެއެވެ. އެހެންވީމާ މިއީ ރިކޯޑް އަދަދެކެވެ.
މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި ވާދަކުރާނޭ 32 ގައުމުގެ ތެރެއިން ބައެއް ގައުމުތައް އަދިވެސް މުޅިއަކުން ޔަގީނެއް ނުވެއެވެ. ބައެއް ސްލޮޓްތައް އަދި އޮތީ ހުސްކޮށެވެ. އޭގެ ތެރެއިން ސްލޮޓެއް ކަށަވަރު ކުރުމުގެ ފުރުސަތު ގަލްފުގެ ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް އެބައޮތެވެ. އޭޝިޔާ ބައްރުގެ ފައިނަލް ޕްލޭއޮފްގެ ޖާގަ ހޯދުމަށްޓަކައި މިއަހަރުގެ ޖޫންމަހު އެމިރޭޓްސް އާއި އޮސްޓްރޭލިޔާ ބައްދަލު ކުރާނެއެވެ. އޮސްޓްރޭލިޔާގެ މައްޗަށް ކުރި ލިބިއްޖެނަމަ ދެން އެމިރޭޓްސްއަށް ބައްދަލުކުރަން ޖެހޭނީ ދެކުނު އެމެރިކާ ބައްރުގެ ފަސްވަނަ ޓީމު ކަމަށްވާ ޕެރޫއާއެވެ. ޕެރޫއަތުން ކުރި ލިބިއްޖެނަމަ އެމިރޭޓްސް ކޮލިފައިވީއެވެ. އޭރުން ގަތަރު ވޯލްޑްކަޕުން ގަލްފުގެ ހަތަރު ގައުމެއް ފެންނާނެއެވެ. އަރަބި ފަސް ގައުމެއް ފެންނާނެއެވެ. އިސްލާމީ ހަތް ގައުމެއް ފެންނާނެއެވެ.
މިފަހަރު މިއީ ގަލްފުގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް ކަމަށްވެފައި ގަލްފުގެ ގައުމުތަކުން ވޯލްޑްކަޕްގައި މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލައިލުމަކީ ބޭނުންތެރި ކަމެކެވެ. ގަލްފުގެ އަރަބީންގެ ތެރެއިން ވޯލްޑްކަޕެއްގައި އެންމެ ފުރަތަމަ ކުޅުނު ގައުމަކީ 1982 ގައި ކުވޭތެވެ. ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއްމެޗު އެއްވަރުވެ ގްރޫޕުގެ ފުލަށް ގޮސްގެން ކެޓީއެވެ. އެއްވަރުވީ ޗެކޮސްލޮވޭކިޔާއާއެކު ކުޅުނު މެޗެވެ. މިއީ ކުވޭތުގެ ހަމައެކަނި ވޯލްޑްކަޕެވެ. ގަލްފުގެ ގައުމުތަކުގެ ތެރެެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ހަމަ މިގޮތަށް މީގެ 32 އަހަރު ކުރިން 1990 ވަނަ އަހަރުގެ ވޯލްޑްކަަޕުގައި ކުޅުނެވެ. އެފަހަރު ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުންވެސް ބަލިވީއެވެ. އެއީ މިހާތަނަށް އެމިރޭޓްސްގެ ހަމައެކަނި ވޯލްޑްކަޕެވެ.
ގަލްފުގެ ގައުމުތަކުގެ ތެރެއިން އިރާގުވެސް ވަނީ 1986ގެ ވޯލްޑްކަޕުގައި ކުޅެފައެވެ. އެއީ އިރާގުގެ ހަމައެކަނި ވޯލްޑްކަޕެވެ. ކުޅުނު ތިން މެޗުންވެސް ބަލިވީއެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވޯލްޑްކަޕުގައި ކުޅުނު ގައުމަކީ އީރާނެވެ. އެއީ 1978 ގައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އީރާނުގެ ހަވަނަ ވޯލްޑްކަޕެވެ. ހަމައެގޮތަށް ސައުދީ އަރަބިޔާއަށްވެސް މިއީ ހަވަނަ ވޯލްޑްކަޕެވެ. ސައޫދީ އަރަބިޔާގެ ފުރަތަމަ ވޯލްޑްކަޕަކީ 1994ގެ ވޯލްޑްކަޕެވެ. އެފަހަރު ދެވަނަ ބުރުން ޖާގަ ހޯދިއެވެ. ބެލްޖިއަމް ކޮޅަށް ސައުދީ އަރަބިޔާގެ ސައީދު އުވައިރާން ޖެހި ގޯލަކީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް އެންމެ މޮޅު ގޯލްކަމަށް ބުނެވެއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ގަތަރު ކުޅުނީމާ ދެން ގަލްފުގެ ގައުމުތަކުގެ ތެރެއިން ވޯލްޑްކަޕުގެ ތަޖުރިބާއެއް ނުލިބޭ ތިބޭނީ އެންމެ ދެގައުމެވެ. އެއީ އޮމާނާއި ބަހުރޭނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022