އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 14

އަބްދުﷲ ފާރޫގް ހަސަން

(25 އޭޕްރީލްގެ އަދަދާ ގުޅޭ)

ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ކީރިތި ޤުރްއާނާއި ޙަދީޘުގެ ތަޢުލީމުދޭ ދީނީ މަދަރުސާތަކުންވެސް ޤުރްއާނުގެ މި އަމުރުފުޅަށް ޢަމަލުކުރަމުން ނުގެންދާތަނެވެ. އެތަންތާނގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކެއް އެތަންތާނގެ ބޯޑު މެންބަރުންނަކަށްވެސް ނުދެއެވެ. އެތަންތަނަށް ޚައިރާތާއި ޞަދަޤާތްދެއްވާ ހެޔޮކަމުގެ އަހްލުވެރީންވެސް އެކަން ބޭނުންފުޅު ވެދާނެއެވެ. ނަމަވެސް އެތަންތާނގައި މަޝްވަރާ މަޖިލީހެއް އޮންނަކަމެއްވެސް ނޯންނަކަމެއްވެސް ނޭނގެއެވެ.

ތަކުރާރުކޮށް ހަނދުމަފުޅު އާކޮށްދެމެވެ. އަމީރަކު އިންތިޚާބުކުރެވުނީ މަޝްރޫޢުވެފައިވާ ޞައްޙަގޮތަށްކަމުގައި ނުވެފައި މީހަކު ގަދަބާރުން ނުވަތަ ކެހިވެރިކަމުގެ ޒަރީޢާއިން ވެރިކަމަށް އަރައި އަތްގަދަކޮށްލިކަމުގައިވިޔަސް ވެރިކަން އޮންނާނީ ޤާއިމުވެފައެވެ. (އަޅުގަނޑުގެ ބައެއް އަޚުން ތަކުރާރުކުރައްވައި އެވިދާޅުވާ ފަދައިން، "ކަޅުވަކަރޭ" ވެރިކަމަށް އެރިގޮތަށް ވެރިކަމަށް އެރިކަމުގައިވިޔަސް ވެރިކަން އެއޮތީ ޤާއިމުވެފައެވެ.) އެގޮތަށް ވެރިކަމަށް އެރިމީހާ ފާފަވެރިވިކަމުގައި ވިޔަސްވެހެވެ. ވެރިކަން ޤާއިމުވެފައި ނުވާކަމަކަށެއް ނުވާނެއެވެ. އެހެނީ ވެރިކަމެއް އޮތުމަކީ ހުރިހައި ޙާލަތެއްގައިވެސް ލާޒިމުކަމެކެވެ. ވެރިކަމެއް އޮވެގެން މެނުވީ ރައްޔިތުންގެ ކަންތައްތައް އިންތިޒާމެއް ނުކުރެވޭނެއެވެ. އެހުސްކަން ފުރައިނުލައި ބޭއްވުމަކީ ކަންބޮޑުވާންޖެހޭފަދަ އެތައްކަމެއް ޤައުމީ ޙަޔާތުގައި މެދުވެރިވެދާނެ ކަމެކެވެ. އިސްލާމީ ޞައްޙަގޮތުގައި އަމީރަކު އިންތިޚާބުވުމަކީ ވަކިކަމެކެވެ. ސަރުކާރެއް ޤާއިމުވުމަކީ ވަކިކަމެކެވެ. އިސްލާމީ އުންމަތުގެ ތާރީޚަށް ކަޅިހިންގައިލާއިރުވެސް ހުރިހައި ފަހަރަކު ވެރީން ޢައްޔަންވެފައިވަނީކީ ރަނގަޅު ގޮތަކަށެއް ނޫނެވެ. އިސްލާމީ ޢިލްމުވެރީން އެކަން ދެނެވަޑައިގަންނަވައެވެ. ވެރިކަން އުފެދެނީ ރަނގަޅަކަށް ނޫންކަންވެސް ޤަބޫލުކުރައްވައެވެ. އެކަން ބަދަލުކުރެއްވުމުގެ އެކަށޭނަކަމެއް ނެތުމުން އެބޭކަލުން ސިޔާސަތާ އެއްކިބާވެވަޑައިގެންނެވީއެވެ. ސިޔާސީ މީހުންނަށް އެއްބާރުލުން ދެއްވުމުގެ ބަދަލުގައި ޢިލްމު ފެތުރުއްވުމާއި މުސްލިމުންނަށް އަޚްލާޤީ ތަރުބިޔަތު ދެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވީއެވެ. ސަރުކާރެއް ބަދަލުކުރަން ވިސްނާއިރު އެކަމަށް މޫސުން ތަންދޭންޖެހެއެވެ. ވައިފަހިވާން ޖެހެއެވެ. ޢާންމު ރައުޔު އެއްގާނިވާން ޖެހެއެވެ. ކަމަށްބޭނުންވާ އާރާއި ބާރު ލިބިފައިއޮތުން ލާޒިމެވެ. މިހުރިހައިކަމެއް ފަހިވެއްޖެކަމުގައިވާނަމަ، އެކަމަށް މަސައްކަތް ކުރެވިދާނެއެވެ. އެހެންނޫންނަމަ ޖެހޭނީ ސަރުކާރަށް ބޯލަނބާށެވެ. ކޮންމެ ގޮތެއްގައިވެސް ސަރުކާރެއް އޮންނާންޖެހެއެވެ. އެސަރުކާރު އުފެދުނީ ރަނގަޅުނޫން ގޮތަކަށް ކަމުގައިވިޔަސްވެހެވެ.

ޙާކިމަކު ވަކިމުއްދަތަކަށް ޢައްޔަންކުރުމާއި ވޯޓު ނެގުން

ހުޅަނގުގެ ޖުމްހޫރިއްޔަތުގައި ވެރިޔަކު އިންތިޚާބުކުރެވެނީ ކަނޑައެޅޭ ވަކިމުއްދަތަކަށެވެ. އިސްލާމީ ޖުމްހޫރިއްޔަތުގައި ޙާކިމަކު ނުވަތަ ޚަލީފާއަކު އެބޭފުޅެއްގެ މުޅި އުމުރުފުޅަށްވެސް އިންތިޚާބު ކުރެވިދާނެއެވެ. الخــلفــاء الــرّاشــدون ގެ ޒަމާނުގައި ޢަމަލުކުރެވެމުންއައި ގޮތުގެމަތީންނެވެ. އެކަމަކު އިސްލާމީ ނިޒާމުގައި މިކަމަކަށް ޞަރީޙު ޙުކުމެއް އައިސްފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ މިކަމާބެހޭގޮތުން ޚިޔާރުކޮށްފައިވަނީ ހަނުހުރުމެވެ. އާދެ، މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ބޭނުންފުޅުކަމުގައިވާނަމަ ކަނޑައެޅޭ މުއްދަތަކަށްވެސް ޙާކިމަކު ނުވަތަ ޚަލީފާއަކު ޢައްޔަން ކުރެއްވެވިދާނެއެވެ. އިސްލާމީ ޝަރީޢަތުގައި ޚިލާފަތުގެ މުއްދަތު ވަކި ޙުދޫދެއްގައި ބޭއްވުން މަނާކުރެވިފައެއްނެތެވެ. ޢުރުފާއި ޙާލަތާއި ޒަމާނަށް ރިޢާޔަތްކުރައްވައި މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން މިކަމުގައި ވަކިގޮތަކަށް ޤާނޫނު ހެއްދެވުމުގައި މައްސަލައެއް ނެތެވެ. ޝަރްޢީ މަނާކުރުމެއްނެތެވެ. الخــلفــاء الــرّاشــدون ފަދަ ރާޝިދުންނެއްވެސް މިހާރަކު ނުތިއްބަވައެވެ. ފުރިހަމަ ނަމޫނާއެއްކަމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެއްވެސް މިހާރަކު ނެތެވެ. ނަބަވީ މަދަރުސާގެ ތަރުބިޔަތު ލިބިވަޑައިގެންނެވި އިސްދަރިވަރުންގެ ދައުރުވަނީ މާޒީވެފައެވެ. ޒަމާނަށް އައިސްފައިވާ ނުރަނގަޅު ބަދަލަށް ވިސްނާއިރު ވެރީން އިންތިޚާބުކުރާއިރު ކުރުމުއްދަތަކަށް އިންތިޚާބުކުރުން މާބޮޑަށްވެސް ރަނގަޅެވެ. އައުލާކަން ބޮޑެވެ. ހަމައެކަނި ސަރުކާރަކުން ނޫނެވެ. މުސްލިމުންގެ ދީނީ ޖަމާޢަތްތަކާއި ކަމުވޮށީންނަށް މިކަމާބެހޭގޮތުން އިޖްތިހާދުތަކެއް ކުރެއްވިދާނެއެވެ.

عــمــربـــن الخطّـاب رضى اللّــه عـنــه އެކަލޭގެފާނުގެ ޚިލާފަތުގައިވަނީ ސިޔާސީ އަދި އިންތިޒާމީ އިޖްތިހާދުތަކެއް ކުރައްވައިފައެވެ. އިދާރީ ހިންގުމާއި ތަމައްދުނާ ބެހޭގޮތުން ދީނުގައި ޞަރީޙު އެންގެވުންތަކެއް އައިސްފައިނުވާ ފަރުޢީ ކަންކަމުގައި އިންސާނީ ތަޖުރިބާތަކުގެ ބޭނުންކުރެވިދާނެއެވެ. އެފަދަ ކަންކަމުން ފައިދާތަކެއް ލިބިގަތުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެއް ނޫނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ވަނީ ބޭރުޤައުމުތަކުގެ ޢަސްކަރީ ތަޖްރިބާތަކުގެ ބޭނުންފުޅުކުރައްވައިފައެވެ. އަޙްޒާބު ހަނގުރާމައިގައި ޚަންދަޤު ކޮންނެވުމަކީ މިފަދަ ތަޖްރިބާއެއްގެ ބޭނުން ހިއްޕެވުމެވެ. އެހެންކަމުން އިސްލާމީ ސިޔާސީ ނިޒާމުގައި ދުނިޔޭގެ ތަޖްރިބާތަކުގެ ފައިދާ ލިބިގަތުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. އެގޮތުން ވޯޓު ނެގުމާއި އިންތިޚާބާގުޅޭ ކަންކަމުގައިވެސް ޒަމާނީ ތަޖްރިބާތަކުގެ މަންފާ ހޯދިދާނެއެވެ.

އަމީރުކަމަކީ ނުވަތަ ޚަލީފާކަމަކީ އަމާނަތެއް ކަމުގައިވާއިރު އެ އަމާނަތާ ޙަވާލުކުރެވޭ މީހާ އެ އަމާނަތާ ޙަވާލުވެހުންނާނެ މުއްދަތެއް ކަނޑައެޅުމަކީ މައްސަލައެއް ނޫނެވެ. މިސާލެއްގެގޮތުން ފަސްއަހަރެވެ. ނުވަތަ ދިހައަހަރެވެ. ނުވަތަ އެނޫންވެސް ބޭނުން މުއްދަތެކެވެ. ޝައްކެއްނެތެވެ.

الخــلفــاء الــرّاشــدون ގެ ދައުރަކުން މިކަމުގެ މިސާލެއް ނުފެނެއެވެ. ނަމަވެސް މިކަމުގައި ޝަރުޢީ އެއްވެސް މަނާކުރެއްވުމެއްނެތެވެ. އިމާމުކަން ލިބެނީ ބައިޢަތުގެ ޒަރީޢާއިންނެވެ. އިމާމުކަމާއި ވެރިކަމަކީ މުޢާހަދާއެކެވެ. އެހެންވެސް މުޢާހަދާތަކެކޭ އެއްފަދައިން ވެރިކަން ޙަވާލުކުރުމުގެ މުޢާހަދާވެސް ޝަރުޠުތަކަކާ ގުޅުވިދާނެއެވެ. الخــلفــاء الــرّاشــدون ގެ ދައުރުގައި މިފަދަ ގޮތަކަށް މުއްދަތު ކަނޑައެޅިފައި ނުވަނީ އެހައިތަނަށް ދުނިޔޭގައި ވެރީން ވެރިކަން ކުރައްވަމުން ގެންދަވައިފައިވަނީ އެބޭފުޅެއްގެ މުޅިއުމުރުފުޅަށް ކަމުގައިވާތީ ކަމުގައި ބެލެވެއެވެ. އެހެންކަމުން އިސްލާމީ ނިޒާމުގައިވެސް އެކަމާ ހަނުހުރުން ޚިޔާރުކުރެވިފައިވަނީއެވެ. އަމީރަކު ނުވަތަ ޚަލީފާއަކު އެބޭފުޅެއްގެ މުޅި ޢުމުރުފުޅަށް ޢައްޔަންކުރާކަށްވެސް އަދި ވަކިމުއްދަތަކަށް ޢައްޔަންކުރާކަށްވެސް އިސްލާމްދީން އަމުރެއް ނުކުރެއެވެ. އެކަންވަނީ އުންމަތާއި ޒަމާނުގެ ޙާލަތާ ގުޅުއްވައިގެން މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ގޮތެއް ނިންމަވަން ދޫކޮށްލައްވައިފައެވެ.

މިޒަމާނުގެ ޙާލަތަށް ވިސްނާއިރު ސަލާމަތްބުއްދި ލާޒިމުކުރަނީ ވެރިކަން ޙަވާލުކުރުމުގައި މުއްދަތެއް ކަނޑައެޅިފައި އޮތުމަށެވެ. ވެރިކަމަކީ ސިޔާސީ، މުޢާޝަރަތީ، ދީނީ މުޢާހަދާއެއްކަމުގައި ބެލުމުން ނުހަނު ފަސޭހައިން މައްސަލަ ވިސްނައިގަނެވެއެވެ. އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނަށް ޤައުމުގެ އަމީރު ނުވަތަ ޙާކިމު ވެރިކަން ކުރައްވާނެ މުއްދަތެއް ކަނޑައަޅުއްވައި ދުސްތޫރުގައި ލިޔުއްވިދާނެއެވެ. އަމީރު ނުވަތަ ޙާކިމު އެ ޝަރުޠަށް އިސްތަށިފުޅު ލަންބަވާން ޖެހިވަޑައިގަންނަވާނެއެވެ. މިނުކުތާ ވިސްނައިވަޑައިގެންނެވުމަށްޓަކައި الخــلافــة الــرّاشــدة ގެ ހާދިސާއެއް ހަނދުމަފުޅުކޮށް އަރުވަމެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން عــمــربـــن الخطّـاب رضى اللّــه عـنــه އެކަލޭގެފާނަށްފަހު އެބޭކަލުންގެ ތެރެއިން ޚަލީފާއަކު ޢައްޔަންކުރެއްވުމަށްޓަކައި ކޮމެޓީއެއް އެކުލަވައިލެއްވިއެވެ. އެކޮމެޓީގެ މަންދޫބު عبـدالــرّحمــن بــن عــوف رضى اللّــه عـنــه އެންމެފުރަތަމަ عـلـــى بـــن أبــى طـالـب رضى اللّــه عــنـــه އާ ވާހަކަފުޅު ދެއްކެވިއެވެ. ޚަލީފާކަން ޙަވާލުކުރެއްވުމަށްޓަކައި ޝަރުޠުތަކެއް ހުށަހެޅުއްވިއެވެ. އެ ޝަރުޠުތަކަކީ ކީރިތި ޤުރްއާނަށާއި ނަބަވީ ސުންނަތަށާއި ކުރީން ތިއްބެވި ދެ ޚަލީފާއިން ހިންގެވި މަގަށް ތަބާވެވަޑައިގެންނެވުމެވެ. ނަމަވެސް عـلـــى رضى اللّــه عــنـــه ފަހުގެ ޝަރުޠު ޤަބޫލުފުޅެއް ނުކުރެއްވިއެވެ. (ޢިލްމުވެރީން ވިދާޅުވާގޮތުގައި عـلـــى ގެފާނު އެ ޝަރުޠު ޤަބޫލު ނުކުރެއްވީ އެކަލޭގެފާނަކީވެސް أبــوبكــر ގެފާނާއި عــمــر ގެފާނު (رضـى اللّــه عنـهــم) ފަދަ މުޖްތަހިދަކަށް ވާތީއެވެ.) ނަމަވެސް عـثمــان بـــن عـفّـــان رضـى اللّــه عــنـــه ގެ އަރިހަށް އެ ޝަރުޠުތައް ހުށަހެޅުއްވުމާއެކު عـثمــان ގެފާނު އެހުރިހައިކަމެއް ޤަބޫލުކުރައްވައިފިއެވެ. އެހެންކަމުން عبـدالــرّحمــن بــن عــوف رضـى اللّــه عــنـــه ޚިލާފަތުގެ އަމާނަތް ޙަވާލުކުރެއްވީ عـثمــان ގެފާނާއެވެ. މި ޙާދިޘާއިން އެނގެނީ ޚިލާފަތާ ޝަރުޠުތަކެއް ގުޅުވިދާނެކަމެވެ. އެހެނީ ޚިލާފަތަކީ ޚަލީފާއާއި އުންމަތާ ދެމެދު ކުރެވޭ މުޢާހަދާއެކެވެ. މުޢާހަދާއެއްގައި ދެފަރާތުގެ ދެމެދުގައި ޝަރުޠުތަކެއް ކުރެވިދާނެއެވެ. އެހެންކަމުން އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ޚަލީފާއެއްގެ ވެރިކަމުގެ ދައުރުގެ މުއްދަތަކީ ފަސްއަހަރު ކަމުގައި (ނުވަތަ ފަސްއަހަރުގެ ދެދައުރު ކަމުގައި) ދުސްތޫރުގައި ލިޔުއްވައިފިނަމަ ޚަލީފާ އެޝަރުޠަށް ތަބާވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ.

މުއްދަތެއް ކަނޑައެޅިދާނެކަމުގެ ދެވަނަ ދަލީލެއްގެގޮތުން ދަންނަވަމެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ދެފަހަރަކު މަދީނާއިން ބޭރަށް ފައިންޕުޅު ބީއްސަވަމުން عـبـد اللّــه بـــن أمّ مـكــتــــوم رضـى اللّــه عــنـــه އާ އެމާތް ސާހިބާގެ ޤާއިމްމަޤާމުކަން ޙަވާލުކުރެއްވިއެވެ. ކޮންމެފަހަރަކުވެސް ކަނޑައެޅިފައިވާ މުއްދަތަކަށެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم މަދީނާއަށް އެނބުރި ވަޑައިގަންނަވަންދެނެވެ. عـبـد اللّــه بـــن أمّ مـكــتــــوم ދެފަހަރުވެސް އަމީރަކަށް ނުވަތަ ޤާއިމްމަޤާމަކަށް ހުންނެވިއެވެ. ކަނޑައެޅިފައިވާ މުއްދަތަށެވެ. އަމީރުގެ ޤާއިމްމަޤާމަކީވެސް އަމީރެކެވެ. ރިސާލަތުގެ ދައުރުގައި إبـــن أمّ مـكــتــــوم ވަނީ ދެފަހަރަކު އަމީރުކަން ކުރައްވައިފައެވެ. ކަނޑައެޅިފައިވާ މުއްދަތަށެވެ.

އިސްލާމީ ޙުކޫމަތާއި މިޒަމާނުގައި ޙުކޫމަތެއް އުފެއްދުން

އިސްލާމީ ނިޒާމުގެ ސަރުކާރެއް އުފެއްދުމުގައި މިޒަމާނުގެ ތަޖްރިބާތަކުގެ ބޭނުންކުރެވިދާނެއެވެ. މިޒަމާނުގައި ސަރުކާރުތައްވަނީ ޤާނޫނު ހެދުމުގެ ބާރާއި ހިންގުމުގެ ބާރާއި، ނިޔާކަނޑައެޅުމުގެ ބާރުގެ އަސާސްގައި، ޕާލަމެންޓަރީ ނިޒާމާއި ރިޔާސީ ނިޒާމާ ދެނިޒާމަކަށް ބަހައިލެވިފައެވެ. ޕާލަމެންޓަރީ ނިޒާމުގެ ސަރުކާރުތަކުގައި އިޚްތިޔާރުތައް އޮންނަނީ ވަޒީރުންގެ މަޖްލީހެއްގެ އަތްމަތީގައެވެ. ދައުލަތުގެ ވެރިޔާ ވަޒީރުން ޢައްޔަންކުރައްވަނީ އަކްސަރިއްޔަތު ލިބިފައިވާ ޕާޓީގެ މަޝްވަރާގެ މަތީންނެވެ. ވަޒީރުންގެ މަޖްލިސް ޕާލަމެންޓުގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހެއެވެ. ދުނިޔޭގެ އެތަކެއް ޤައުމުތަކެއްގައި މިއުސޫލަށް ޢަމަލުކުރެވެމުންދެއެވެ. ރިޔާސީ ނިޒާމުގެ ސަރުކާރުތަކުގައި ހިންގުމުގެ ބާރުގެ އިޚްތިޔާރުތައް އޮންނަނީ ރައީސްގެ އަތްޕުޅުގައެވެ. ރައީސަކު ހޮވެނީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. އެމުއްދަތު ހަމަވުމުގެ ކުރީން ރައީސް އޭނާގެ މަގާމަކުން ދުރެއް ނުކުރެވޭނެއެވެ. މިދެ ނިޒާމުންކުރެ الخــلافــة الــرّاشــدة ގެ ނިޒާމާ އެންމެ ކައިރިކަމުގައި ބެލެވެނީ ރިޔާސީ ނިޒާމެވެ. ނަމަވެސް މިއިން އެއްވެސްކަމަކީ އިސްލާމްދީނުގައި ޞަރީޙު ޙުކުމްތަކެއް ބަޔާންކުރައްވައިފައިވާ ކަންކަމެއް ނޫނެވެ. މިއީ އުންމަތުގެ ޙާލަތާއި ޒަމާނަށް ރިޢާޔަތްކޮށް އުންމަތުގެ ޝޫރާއިން ގޮތެއް ނިންމާންޖެހޭ ކަންކަމެވެ. އެހެންކަމުން ސަރުކާރުތަކުގެ ތަޖްރިބާއިން މަންފާ ހޯދުމުގެ ޖާގަ މުސްލިމުންނަށް އެބައޮތެވެ. މިޒަމާނުގެ ޖުމްހޫރީ ނިޒާމުގައި ބޭނުންކުރެވެމުންދާ އުސޫލުތައް އިޚްތިޔާރުކުރުމަކީ މުސްލިމުންނަށް އެއްވެސް ހުރަހެއް އޮތްކަމެއް ނޫނެވެ. މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ބޭނުންފުޅު ކޮންމެ ނިޒާމެއް އިޚްތިޔާރު ކުރެއްވިދާނެއެވެ. އަދި އިޖްތިހާދު ކުރައްވައިގެން ތަފާތު ނިޒާމެއް އުފެއްދެވިވެސްދާނެއެވެ. އިސްލާމްދީން ސިޔާސަތުގެ ފަރުޢީ ކަންކަން އުންމަތަށް ދޫކުރައްވައިފައިވަނީ ނުހަނު ފަހެލިކަމާއެކުގައެވެ. ޝައްކެއްނެތެވެ. މުސްލިމުންނަށް އިރްޝާދު ދެއްވައިފައިވާ އަސާސީ އުސޫލުތަކުގައި ކޮލުދަތުން ހިފަހައްޓާންޖެހެއެވެ. އާދެ އަމީރަކު ނުވަތަ ޚަލީފާއަކު ހޮވާންޖެހޭނީ އިންތިޚާބަކުންނެވެ. އިންތިޚާބުގައި ތަފާތު ގޮތްތައް ޚިޔާރުކުރެވިދާނެއެވެ. އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނާ އަޅާނުފައި މަޝްވަރާކުރަމުން ގެންދާންޖެހޭނެއެވެ. އުންމަތުގެ ހުރިހައިކަމެއް ނިންމާންޖެހޭނީ މަޝްވަރާގެ އަޣުލަބިއްޔަތުންނެވެ. މަޝްވަރާކުރުމަށްޓަކައި ބޯޑުތަކާއި މަޖްލިސްތައް ހެދިދާނެއެވެ. ވަޒީރުންގެ މަޖްލިސް ހެދިދާނެއެވެ. އަމީރު ނުވަތަ ޚަލީފާގެ މައްޗަށް މަޝްވަރާކުރެއްވުން ލާޒިމުވާނެއެވެ. އިންތިޚާބުތަކަށްޓަކައި އެޒަމާނެއްގެ ޙާލަތު ނިޔާކުރާގޮތަކަށް ޝޫރާއީ ނިޒާމެއް އޮތުމާއި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ތިއްބެވުމަކީ ލާޒިމުކަމެކެވެ. (މިޒަމާނުގައި މިކަމުގެ ބަދަލުގޮތަކީ ވޯޓުފޮއްޓާއި ރައްޔިތުންގެ މަޖްލިސްކަމުގައި ބަލައިގަނެވިދާނެއެވެ.) ވެރިޔަކު އިންތިޚާބުވުމަށްފަހު އެބޭފުޅެއްގެ އެންމެ އިސްވާޖިބަކަށްވާނީ އަރަހުށި މާތް اللّــه މުސްލިމުންނަށް ބިންމަތީގައި ބާރުދެއްވާއިރު ވާޖިބުކުރައްވައިފައިވާ ކަންކަން ފުރިހަމަކުރެއްވުމެވެ. އާދެ، އިސްލާމްދީނަށް ދަޢުވަތު ދެއްވުމެވެ. (ދީނުގެ ޢަދުއްވުންގެ މަސައްކަތްތަކަށް ފުރިހަމަޔަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދެވުމެވެ.) ޢަދުލުއިންޞާފު ޤާއިމުކުރެއްވުމެވެ. ނަމާދު ޤާއިމުކުރެވޭނެގޮތް ފުރިހަމަޔަށް ރާއްވަވައި ހަމަޖެއްސެވުމެވެ. އިސްލާމީ ވެރިކަމަކަށްވާނީ މާތް اللّــه މުސްލިމުންނަށް ބިންމަތީގައި ބާރުދެއްވުމުގެ މަޤްޞަދު ފުރިހަމަކުރަމުންގެންދާ ސަރުކާރުތަކެވެ. (ހަމައެކަނި އިސްލާމީ ޤައުމެކޭ ނުވަތަ އިސްލާމީ ސަރުކާރެކޭ ބުނެ މީޑިޔާތަކުގައި ބަޔާންދިނުމަކުން އިސްލާމީ ސަރުކާރެއް ކަމަކަށެއް ނުވާނެއެވެ.)

(ނުނިމޭ)