މިހާރު ވެއްޓިފައިވާ ސިޔާސީ އަދި އިގްތިސާދީ ފުން ވަޅުގަނޑުން ގައުމު ނަގައި ތެދުކުރުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ އައު ސަރުކާރެއް ގެނައުމުގެ އަޑުތައް ލަންކާގައި ވަނީ ގަދަވެފައެވެ. ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސާ ވަކިކޮށް އައު ބޭފުޅަކު އެމަގާމަށް އައްޔަންކޮށް އައު ކެބިނެޓެއް ގެނައުމުގެ ގޮވެލީގެ އަޑުވެސް ވަނީ ގަދަވެފައެވެ. ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސާ ދުރުކުރަން ނުވަތަ އިސްތިއުފާއަށް މަޖުބޫރުކުރަން ރުހިވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ދާދިފަހުން ކުރައްވައިފައެވެ. އެފަދަ އެދިވަޑައިގަތުމެއް ރައީސްގެ ފަރާތްޕުޅުން އަތުވެއްޖެނަމަ ލަސްނުކުރައްވައި މަގާމު ދޫކޮށްލައްވާނެ ކަމަށް ޚުދު މަހިންދަ ރާޖަޕަކްސާ ވެސް ވަނީ ވިދާޅުވެފައެވެ. އެކަމަކު މިކަން ކުރައްވާ ތަނެއް ނުފެނެއެވެ. އަދިވެސް ހުންނެވީ މަގާމުގައެވެ.
އިދިކޮޅު ލީޑަރުންނާއެކު ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި އިދިކޮޅު ލީޑަރުން ވަނީ ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސަ ވަކިކުރުމުން ނޫނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ބައިވެރިވުމަށް ނުވެސް ވިސްނާނެ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުގެ އެދުމަކީ މިއީ ކަމަށްވާނަމަ ގައުމުގެ މަސްލަހަތުގައި މިކަންވެސް ކުރައްވާނެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ. އެހެން ވިދާޅުވިތާވެސް ހަފުތާއަކަށްވުރެ ގިނަވެއްޖެއެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އެންމެ ފަހުން ބުދަދުވަހު ވިދާޅުވީ އިސްތިއުފާ ދޭން ރައީސް ނާންގަވާ ކަމުގައެވެ. އިސްތިއުފާ ދެއްވާނީ އެކަމަށް ރައީސް އެންގެވުމުން ކަމުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިއީ ސިޔާސީ ގޭމެއް ބާވައެވެ. ވާންއުޅެނީ ކޮންކަމެއް ބާވައެވެ.
ރައީސް ގޮޓާބަޔާ ރާޖަޕަކްސާޔާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާޔަކީ އެއްބަނޑު އެއްބަފައި ދެބެއިންނެވެ. މިތަނުން ސީނިއަރ ބޭފުޅަކީ އަދި ސިޔާސީ ގޮތުންވެސް ބޮޑު ބަރުދަނެއް ލިބިފައިވާ ބޭފުޅަކީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ. ރައީސް ގޮޓާބަޔާއަށް އެ މަގާމަށް ވަޑައިގެންނެވުނީވެސް މަހިންދަ ރާޖަޕަކްސާގެ ސަބަބުންނެވެ. އެހެންވީމާ އިސްތިއުފާ ދިފައި ބޭބެ ދެން ގެޔަށް ދާށޭ، ފުދިއްޖެޔޭ، ދެން ހެވޭ ވިދާޅުވާކަށް، އަންގަވާކަށް ރައީސް ގޮޓާބަޔާއަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އަމްދުން މަހިންދަ ރާޖަޕަކްސާގެ ނުރުހުމުގައި އެފަދަ އަމުރެއް ކުރައްވަން ކެރިވަޑައެއް ނުގަންނަވާނެއެވެ. އިސްތިއުފާޔަކީ ދެން ނުހަނު ގާތުގައި އޮތް ކަމެއް ކަމަށް ހީވާ ބީދަޔަކުން މިދެބޭފުޅުން މިހާރު އެދައްކަވާ ވާހަކަފުޅަކީ ވަގުތު ހޯއްދެވުމުގެ ނިޔަތުގައި ކުޅެވޭ ސިޔާސީ ގޭމެކެވެ.
މަގާމުގައި އިތުރު ވަގުތު ހޯއްދެވުމަށް ރާޖަޕަކްސާގެ ދެބެއިން ބޭނުންފުޅުވާ މަގްސަދު ވަރަށް ސާފެވެ. އެބޭފުޅުން ގަބޫލުކުރައްވާ ގޮތުން ސްރީލަންކާއަށް ދިމާވެގެން މިއުޅެނީ މޫސުމީ މައްސަލައެކެވެ. އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނީ ކޮވިޑުގެ ސަބަބުންނެވެ. އެކްސްޕޯޓާއި ފަތުރުވެރިކަމަށް އެޅުނު ހުރަހަކީ އެއީއެވެ. އެކަމުން ދެން މިއަރައިގަނެވެނީއެވެ. މިހާބޮޑަށް ލަސްވުމުގެ ސަބަބަކީ ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމައެވެ. އެކަންވެސް ދާދި އަވަހަށް ނިމިދާނެއެވެ. ސިޔާސީ ގަޑުބަޑަކަށް ބަދަލުވީ އިގްތިސާދީ ތަދުމަޑުކަމާހެދިއެވެ. އިގްތިސާދު ހިނގައިގަތީމާ ރައްޔިތުން ހަމަޖެހިދާނެއެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކު ފަދަ ތަންތަކުން މިހާރު ދޭން އުޅޭ ޮޕެކޭޖް ނެގީމާ އިގްތިސާދު އަލުން ހިނގައިގަންނާނެއެވެ. އެހިސާބަށް ދެވެންދެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ހިފަހައްޓައިލީމާ ނިމުނީއެވެ.
ސަރުކާރުގެ މިސާލަކީ މާކަނޑުގައި ދުވެފައިދާ އޮޑިއެއްގެ މިސާލުކަމަށް ވާނަމަ މިހާވަރަށް އޮޑިއަށް ގުޑުން އަރައި ދެފަރާތުން ރާޅުއަރަނީ މާލިމީގެ ގޯސްވެގެން، މިސްރާބު ކަސިޔާރުވެގެން ނޫންކަމަށާއި އެއީ މޫސުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ރާޖަޕަކްސާގެ ދެބެއިން ގަބޫލުކުރައްވާތީ ތޯއްޗެކެވެ. ހަޅުތާލުނުކޮށް ގެއަށްދާށޭ، ތިޔަހެން ހެދީމާ ވަގުތު ގެއްލި އިތުރަށް ކަންކަން ގޯސްވާނީއޭ، ދެންވެސް މަސައްކަތާއިގެން މަޝްއޫލުވެގެން އިންތިޒާރުގައި ތިބޭށޭ އެބޭފުޅުން އެބަވިދާޅުވެއެވެ. އެހެން ވިދާޅުވިޔަސް އިދިކޮޅު ލީޑަރުން އެތިއްބެވީ އިންތިޒާރު ކުރާ ގޮތަކަށް ނޫނެވެ. ރައްޔިތުން އެތިބީ އޮޓޯ ގިޔަރުގައި ކަންކަން ހަމަޖެހި އޮމާންވެދާނެ ކަމަށް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެންމެން އެއްވާނެއްގައި އެހިފަނީ އެއްކަމަކަށެވެ. ސަރުކާރު ބަދަލުކުރުމަށެވެ.
އިދިކޮޅު ގިނަ ބަޔަކު މިހާރު ތިބީ ކުރީގެ ރައީސް ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާގެ ލީޑަރޝިފްގެ ފަހަތުގައެވެ. ސަޖިތުމެން ވަނީ އަންގާރަ ދުވަހު ބޮޑުވަޒީރުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ޕާލަމަންޓުގެ ސްޕީކަރަށް ރަސްމީ ގޮތުން ހުށައަޅައިފައެވެ. އެފަދަ ވޯޓެއް ނަގައިފިނަމަ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާޔާއި އޭނާގެ ކެބިނެޓް ހަފޮޅުން ބޭރުކޮށް އެއްލައިލާން ބޭނުންވަނީ ޕާލަމެންޓްގެ 225 މެންބަރުންގެ ތެރެއިން ސިމްޕަލް މެޖޯރިޓީއެކެވެ. އިދިކޮޅަށް އެ އަދަދު ހަމަކުރެވޭނެކަން ކަށަވަރެއް ނޫނެވެ. ސަރުކާރު ހިންގާ ޕާޓީން ގިނަ އަދަދެއްގެ މެންބަރުން ވަކިވެ އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވިޔަސް އިދިކޮޅު ވޯޓުގައި ބައިވެރިވެ މަހިންދަ ރާޖަޕަކްސާޔާ ދެކޮޅަށް ވޯޓުދޭނޭކަން ކަށަވަރެއް ނޫނެވެ. ދީވެސްފާނެއެވެ. ނުދީވެސްފާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ