ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަ އިރުމަތީ ޔޫރަޕުގެ އެހެން ގައުމުތަކަށް ފެތުރިގެން ދިޔުމުގެ ބިރަކީ ޔޫރަޕުގެ ވަރަށް ގިނަބައެއްގެ ހިތުތެރޭގައި އޮންނަ ބިރުވެރިކަމެކެވެ. އޭގެ ސިއްރަކީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށްފަހު އައު ގައުމުތަކެއް ވުޖޫދުވެގެން ދިޔައިރު ސަރަހައްދީ އިމުގެ މައްސަލައިގައި އަރައިރުންތަކެއް އުފެދިފައިވާ ގައުމުތަކެއް ހުރުމުންނެވެ. މިފަދަ އެއް ގައުމަކީ މޮލްޑޯވާއެވެ. މޮލްޑޯވާގެ އެންމެ އިރުމަތިން ޔުކްރޭނާއި ޖެހިގެން އޮންނަ ޓްރާންސްނިސްޓްރިއާއޭ ކިޔުނު ސަރަހައްދަކީ މައްސަލަ ޖެހިފައިވާ ސަރަހައްދެކެވެ. މޮލްޑޯވާގެ ހުކޫމަތު ނުހިނގާ ސަރަހައްދެކެވެ. ދާޚިލީ ހަނގުރާމަޔަކަށްފަހު ވަކި ވެރިކަމެއް އިއުލާންކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގެ ކޮންޓްރޯލް އޮތީ ރޫސީންގެ ތާއީދު ލިބިފައިވާ ހަނގުރާމަވެރި ޖަމާއަތަކަށެވެ.
މޮލްޑޯވާއަކީ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ފަނަރަ ޖުމްހޫރިއްޔާގެ ތެރެއިން ޖުމްހޫރިއްޔާއެކެވެ. މިނިވަންކަން ލިބުނީ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމާ ގުޅިގެން 1991 ގައެވެ. މިނިވަންކަން ހަމަލިބުމާއެކު ފެށުނީ ދާޚިލީ ހަނގުރާމައެކެވެ. މޮލްޑޯވާގެ ހުކޫމަތުގެ ދަށުން ވަކިވެގަނެ ޓްރާންސްނިސްޓްރިއާގެ ނަމުގައި އެގައުމުގެ އެންމެ އިރުމަތީގައި ވަކި ގައުމެއް އުފެއްދުމުގެ ހަރަކާތެކެވެ. އެ ސަރަހައްދުގައި އަޣުލަބިއްޔަތު އޮންނަނީ ރޫސީންނާއި ޔުކްރޭނުގެ މީހުންނަށެވެ. މޮލްޑޯވާގެ އެހެނިހެން ހިސާބުތަކުގައި ރުމޭނިޔާ ބަހުން ވާހަކަ ދައްކާ ރޫމަނުންނަށެވެ. އެހެންވީމާ ނަސްލީ އަދި ބަހަވީ ރޮނގަކުން ޓްރާންސްނިސްޓްރިއާ ވަކިކޮށްލަން ބަޔަކު ބޭނުންވީއެވެ. އެކަމަށް މަދަދުވެރިވީ ރޫސީވިލާތުންނެވެ. ނަތީޖާއެއްގެ ގޮތުން އެތަނުގެ މައްޗަށް މޮލްޑޯވާގެ ކޮންޓްރޯލެއް ނެތެވެ.
ދާޚިލީ ހަނގުރާމަ ނިމި ހިމޭންކަން ގެނެވިފައިވިޔަސް މައްސަލަ ހައްލެއް ނުވެއެވެ. ޓްރާންސްނިސްޓްރިޔާއަކީ މޮލްޑޯވާގެ ތެރެއިން ދެމިގެންދާ ނީޕަރ ކޯރުގެ އިރުމަތީ އައްސޭރިން ފެށިގެން ޔުކްރޭނުގެ ސަރަހައްދީ އިމާއި ހަމަޔަށް އޮންނަ ވަރަށް ހިމަދިގު އަރިވަރެކެވެ. އެސަރަހައްދުގައި ދިރިއުޅެނީ ގާތްގަޑަކަށް ބައިމިލިޔަން މީހުންނެވެ. ދާޚިލީ ހަނގުރާމަޔަށްފަހު އެހިސާބުގައި ސުލްހަ ގާއިމްކުރުމުގެ ނަމުގައި ރޫސީ ސިފައިންގެ ގާތްގަޑަކަށް ދެހާހެއްހައި މީހުންގެ ފައުޖެއް އަބަދުވެސް ޓްރާންސްނިސްޓްރިއާގައި އޮވެއެވެ. މި ސަބަބަށްޓަކައި ގަދަބާރުން އެހިސާބު ކޮންޓްރޯލްކުރަން މޮލްޑޯވާގެ ސަރުކާރަކުންވެސް މަސައްކަތެއް ނުކުރެއެވެ. އެކަމަކު މިމައްސަލަ އޮންނަނީ މޮލްޑޯވާގެ ގައުމިއްޔަތާއި ޝަރަފުގައި އުފެދިފައިވާ ފަސޭހަވުމެއްނެތް ބޮޑު ޒަޚަމެއްގެ ގޮތުގައެވެ.
ރޫސީންގެ މަދަދު ލިބޭ ހަނގުރާމަވެރިން ޓްރާންސްނިސްޓްރިއާގައި ވަކި ދައުލަތެެއް އިއުލާން ކުރިއަސް މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އެދައުލަތް ބަލައެއް ނުގަނެއެވެ. ޚުދު ރޫސީވިލާތުންވެސް އެއީ ވަކި ދައުލަތެއްކަމުގައި ރަސްމީގޮތުން ބަލައިގެންފައެއް ނުވެއެވެ. މުޅިދުނިޔެއިންވެސް ގަބޫލުކުރަނީ އެއީ މޮލްޑޯވާގެ ބައެއް ކަމުގައެވެ. މޮލްޑޯވާގެ ރުހުންނެތި ރޫސީ ސިފައިން ޓްރާންސްނިސްޓްރިއާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައިވެސް ޓްރާންސްނިސްޓްރިއާގައި ރޫސީ ސިފައިން ވަރަށް ވަރުގަދަ އަސްކަރީ ފަރިތަކުރުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޔުކްރޭނުގެ ހުޅަނގު ބިތުން ހަމަލަދޭން ޖެހިއްޖެނަމަ އެކަން ކުރުމަަށްޓަކައި ދިހަހާހަށްވުރެ މަދު ނޫން އަދަދެއްގެ ފައުޖެއްވެސް ޓްރާންސްނިސްޓްރިއާއަށް ވަނީ ޖަމާކޮށްފައެވެ.
ޔުކްރޭނުގެ ހަނގުރާމައިގެ ތެރެއަށް ޓްރާންސްނިސްޓްރިއާވެސް ވަދެގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް މިހަފުތާގައި ހިނގައިދިޔަ ހާދިސަައަކާ ގުޅިގެން މިބިރުވެރިކަން ވަނީ އިހުނަށްވުރެ ބޮޑުވެފައެވެ. ކޮންމެވެސް ބަޔަކު ޓްރާންސްނިސްޓްރިއާގައި ވަނީ ބޮންތަކެއް ގޮއްވާލައިފައެވެ. އެތަނުން އެއްގޮވުން ގޮވާފައިވަނީ ޓްރާންސްނިސްޓްރިއާގެ ވެރިރަށް ޓިރަސްޕޮލްގައި ހުންނަ ސްޓޭޓް ސިކިއުރިޓީ ހެޑްކުއާޓަރުގައެވެ. މިކަމަކީ ޔުކްރޭނުން ނުވަތަ ޔުކްރޭނަށް ތާއީދުކުރާ ބަޔަކު ކުރިކަމެއްކަމަށް ދޭހަވާ ބީދަޔަކުންނެވެ. މޮލްޑޯވާއިންވެސް އަދި ޔުކްރޭނުންވެސް ގަބޫލުކުރާ ގޮތުގައި މިއީ ޔުކްރޭނުގެ ހަނގުރާމައިގެ ތެރެއަށް ޓްރާންސްނިސްޓްރިއާ ވެއްދުމުގެ ގޮތުން ރޫސީވިލާތުގެ ރޭވުމެއްގެ ދަށުން ހިންގާފައިވާ އަމަލެކެވެ. މިކަމުގެ ފަހަތުގައި އޮތީ ރޫސީވިލާތެވެ.
ޓްރާންސްނިސްޓްރިއާ އަކީ މޮލްޑޯވާގެ ސަރަހައްދެއް ކަމަށްވެފައި އެސަރަހައްދުގައި ރޫސީ ސިފައިން ހަނގުރާމައިގެ ހަރަކާތްތަކެއް ފަށައި އެސަރަހައްދުން ޔުކްރޭނަށް ހަމަލަދޭން ފެށުމަކީ މިހަނގުރާމަ ފުޅާވެ އެހެން ގައުމުތަކެއް މިކަމުގެ ތެރެއަށް ވަނުމަށް ހުޅުވިގެންދާނެ ދޮރެކެވެ. މޮލްޑޯވާއަކީ ނޭޓޯގެ މެންބަރު ގައުމެއް ނޫނެވެ. އެކަމަކު މޮލްޑޯވާއަކީ ތާރީޚީގޮތުންނާއި ނަސްލީގޮތުންނާއި ސަގާފީގޮތުން ރުމޭނިޔާގެ އަޚެއް ކަމަށްވެފައި މިހާރުވެސް މޮލްޑޯވާއިން ގިނަ ކަންކަމުގައި ބަރޯސާކުރާ ގައުމަކީ ރުމޭނިޔާ ކަމަށްވާއިރު ރުމޭނިޔާއަކީ ނޭޓޯގެ މެންބަރު ގައުމެކެވެ. މޮލްޑޯވާއަށް ހަނގުރާމަ ފެތުރިގެން ހިނގައްޖެނަމަ މޮލްޑޯވާގެ ހިމާޔަތުގައި ނުކުންނަން ރުމޭނިޔާއަށް ލާޒިމުވާނެއެވެ. އެހެންވެއްޖެނަމަ އެއޮތީ ސީދާ ގޮތުން މިހަނގުރާމައިގެ ތެރެއަށް ވަންނަން ނޭޓޯއަށްވެސް މަޖުބޫރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ