އިސްލާމީ ތާރީޚު

"ކްރިސްޓިއަނިޓީ ވަނީ ނޭވާ ހޮޅިޔަށް އެޅިފައެވެ." – މުޙައްމަދު އަމީން (2)

އަބްދުﷲ ފާރޫގް ހަސަން

(29 އޭޕްރީލްގެ އަދަދާ ގުޅޭ)

ކްރިސްޓިއަން ދީނާއި އިސްލާމްދީން ވެސް ޤަބޫލުކުރާ ގޮތުގައި ޢީސާއަލައިހިއްސަލާމަކީ ބަފައިކަލަކާ ނުލައި އެކަލޭގެފާނުގެ މައިކަނބަލުންގެ ބަނޑުފުޅުން ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ގަރުބަގެންވަޑައިގަތީ މުޢުޖިޒާތީ ގޮތެއްގައެވެ. އެކަލޭގެފާނަށް އިންޖީލު ބާވައިލެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުމަތީން އެތައް މުޢުޖިޒާ ތަކެއް ފާޅުވިއެވެ. ނަމަވެސް ކްރިސްޓިއަންދީނާއި އިސްލާމްދީނާ ދެމެދު ދެބަސްވުންތައް ހިނގަމުން އަންނަކަމެއް އެބައޮތެވެ. ކްރިސްޓިއަނުން ޤަބޫލުކުރާ ގޮތުގައި ޢީސާގެފާނަކީ ކަލާނގެއެކެވެ. ކަލާނގެ ދަރިކަލެއްވެސް މެއެވެ. މުސްލިމުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ހަމައެކަނި ނަބީބޭކަލެއް ކަމުގައެވެ. މުސްލިމުން ޤަބޫލުކުރަނީ ޢީސާގެފާނަކީ ކަލާނގެ ދަރިކަލެކޭ ބުނުމަކީ އެއްކައުވަންތަ ﷲ އާ މެދު ބުނެވޭ އިހާނެތި ބަހެއް ކަމުގައެވެ. ކަނޑައެޅިގެން ހުރި ކުފުރުވުމެއް ކަމުގައެވެ. މެތިއުގެ އިންޖީލުގައި ޚުދު ޢީސާގެފާނުގެ ދޫފުޅުންވެސް އައިސްފައިވަނީ އެގޮތަށެވެ.

"ހަމައެކަނި ޙަޤީޤީ ރައްބަކީ އިބަރަސްކަލާނގެ ކަމަށް ޤަބޫލުކުރުމާއި، ޢީސާއަކީ އިބަރަސްކަލާނގެ ފޮނުއްވައިފައިވާ (ނަބީއެއް) ކަމަށް ޤަބޫލުކުރުމަކީ ދާއިމީ ދިރިހުރުމެވެ. " (މެތިއު: 17/3)

ޢީސާޢަލައިހިއްސަލާމް ވަނީ އެކަލޭގެފާނަކީ މާތް ﷲ ފޮނުއްވި ނަބީބޭކަލެއް ކަމަށް އިޢުތިރާފުވެވަޑައިގެންފައެވެ. ޚުދު އެކަލޭގެފާނު އިލާހުވަންތަކަމުގެ މަޤާމުން މުޅީން އެއްކިބާކުރައްވައިފައެވެ. އިންޖީލުގެ މިބައި ޤުރްއާން ކަރީމުގެ އަންނަނިވި އާޔަތާ އެއްގޮތެވެ؛

"އަދި އެބޭކަލުންނާ ވިދިގެން ފަހަތުން މަރިޔަމްގެފާނުންގެ ދަރިކަލުން ޢިސާގެފާނު ތިމަންރަސްކަލާންގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން (ބާވައިލައްވައިފައިވާ) ތައުރާތުގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ. އޭގައި ތެދުމަގާއި ނޫރުވެއެވެ. އެއީ އޭގެ ކުރިން ބާވައިލައްވައިފައިވާ ތައުރާތުގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި، ތަޤްވާވެރީންނަށް ތެދުމަގާއި ވަޢުޛެއް ކަމުގައެވެ." (އަލްމާއިދާ: 46)

އިސްލާމްދީން ޤަބޫލުކުރުން:

އިސްލާމްދީނާ ބެހޭގޮތުން މުޠާލިޢާކުރުމުގެ ތެރޭގައި އަޅުގަނޑަށް ދަސްވީ އިސްލާމްދީނުގައި އެއްކައުވަންތަކަމުގެ ޢަޤީދާ އޭގެ އެންމެ ފުރިހަމަ އަދި އެންމެ ޚާލިޞްގޮތުގައި އެބައޮތްކަމެވެ. އިސްލާމްދީން އަޅުގަނޑަށް ދަސްކޮށްދިން ގޮތުގައި އަރަހުށި މާތް ﷲ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެކަލާނގެއީ ވަނިވިހައި ތަކެއްޗެއްގެ ޚާލިޤެވެ. އެކަލާގެ މަޚްލޫޤުން ދެކެ ލޯބިވެވޮޑިގަންނަވައެވެ. އެހީތެރިވެވޮޑިގަންނަވައެވެ. އެކަލާގެއީ ކާއިނާތުގެ ވެރި ރަސްކަލާނގެއެވެ. އަޅުގަނޑުމެންގެ ހުރިހާ އިޚްލާޞްތެރި އަޅުކަމާއި، މާތްކޮށްހިތުމެއް ޙައްޤުވެގެން ވަނީ އެކަލާނގެއަށެވެ. އަސްމާއުލް ޙުސްނާ ނުވަތަ އުނަސައްތަ އިސްމުފުޅުގައިވާ ހުރިހާ ފުރިހަމަ ސިފަފުޅުތަކެއްގެ ހަމައެކަނި ވެރިފަރާތަކީ އެކަލާނގެއެވެ. އެއްވެސް މަޚްލޫޤަކަށް އެސިފަފުޅުތަކުގައި އެފަރާތެއް ބައިވެރިވާކަމަކަށް ދަޢުވާއެއް ނުކުރެވޭނެއެވެ. އެކަލާގެ ރަސްކަންފުޅާ އެއްވެސް ފަރާތެއް ބައިވެރިކުރުމާއި، އެހެން އިލާހަކު ވާކަމަށް ބެލުމަކީ ތައުޙީދާ ވަޑިފަތި ކަމެކެވެ. އިސްލާމްދީން އަޅުގަނޑަށް ޙަޤީޤީ ތެދުމަގު އަލިކޮށްދިނެވެ. ކުށެއްނެތް ސާފު ޢަޤީދާއެއް ދަސްކޮށްދިނެވެ. އަޅުގަނޑުގެ ވެރި ރަސްކަލާނގެ ހަޟުރަތަށް ވާޞިލު ވެވޭނެ ސީދާ މަގު ދައްކައިދިނެވެ. ގާތްގަނޑަކަށް ނުވަމަސްދުވަހު އިސްލާމްދީން އުނގެނުމުން އިސްލާމްދީނަކީ ޙައްޤު ދީންކަން ކުޑަވެސް ޝައްކެއް ނެތި އަޅުގަނޑަށް ޔަޤީންވިއެވެ. އެހެންކަމުން 3 ޖޫން 1985 ގައި އަޅުގަނޑު އިސްލާމްދީން ޤަބޫލުކޮށްފީމެވެ. އިސްލާންދީން ޤަބޫލުކުރުމުގައި އެއްވެސް ވަރެއްގެ ފަސްޖެހުމެއް ނުވަތަ ހުރަހެއް އަޅުގަނޑަކާ ކުރިމައްޗެއް ނުވެއެވެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އިންސާނާއަކީ ބުއްދިއާއި ވިސްނުން ދެއްވައިފައިވާ މަޚްލޫޤެކެވެ. އެހެންކަމުން އޭނާއަށް ޖެހެނީ ހަމައެކަނި ޙައްޤުގޮތް ޤަބޫލުކުރާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ހުރިހާ ޙާލަތެއްގައިވެސް ޙައްޤު އިޢުލާންކުރުމާއި ޙައްޤު ދިފާޢުކުރުމަކީވެސް އޭނާގެ ވާޖިބެކެވެ.
ޙައްޤު ގޮތާމެދު އަޅައިނުލައި ދޫކޮށްލުމަކީ ލަދުވެތި ކަމެކެވެ. ހަވާ ނަފުސަށް ތަބާވުމެވެ. ހުތުރުކަންބޮޑު ފާފައެކެވެ. އަދި ކީއްތޯއެވެ؟ އެއީ ތިމާ ހެއްދެވި ފަރާތަށް ޙަރާންކޯރުވުމެވެ. އެފަރާތަށް ބަޣާވަތްކުރުމެވެ. ޣަދަރުވެރިވުމޭ ބުނުމަކީވެސް ކުށަކަށް ނުވާނެއެވެ. އަޅުގަނޑުމެން ވުޖޫދަށް ގެންނެވީ އެކަލާނގެއެވެ. އެކަލާނގެ އަޅުގަނޑުމެން ފަނާކޮށްލެއްވުމަށް މިންވަރުކުރައްވައިފިނަމަ ކޮންމެ ހިނދަކުވެސް އަޅުގަނޑުމެން ވުޖޫދުން ފޮހެލެއްވިދާނެއެވެ. އެކަލާނގެ އިންސާނުން ހެއްދެވީ ޚާއްޞަ މަޤްޞަދަކަށްޓަކައެވެ. އެހެންކަމުން އެމަޤްޞަދު ފުރިހަމަނުކުރައްވައެއް އިންސާނިއްޔަތު ފަނާކޮށެއްނުލައްވާނެއެވެ. އަރަހުށި މާތް ﷲ އިންސާނުން އުފެއްދެވި މަޤްޞަދު ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހަދަވަމެވެ." (އައްޒާރިޔާތު:56)

އަޅުގަނޑުގެ އުނި ބުއްދިއާ އެއްގޮތަށް މި އާޔަތް ޝަރަޙަކުރާއިރު އަރަހުށި މާތް ﷲ އެދިވޮޑިގެންވަނީ ހުރިހާ މަޚުލޫޤާތު ތަކަކަށްވެސް ތަރައްޤީގެ ޒަރީޢާއިން ޚާލިޤުގެ ޙަޟުރަތަށް ކުއްތަންވުމުގެ ފުރުޞަތު ދެއްވުމެވެ. ހުރިހާ ބާރަކާއި ފުރިހަމަކަމެއްގެ މަންބަޢަކީ އެކަލާނގެއެވެ. އަޅުގަނޑުމެންގެ ތަރައްޤީ ބިނާވެގެންވަނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތަށް ހިނގުމުގެ މައްޗަށެވެ. އަޅުކަން ކުރުމަކީ އެއީއެވެ. އަޅުގަނޑުމެންގެ އަޅުކަންކުރުމަކީ އަރަހުށި މާތް ﷲ އަށް އެކަމަކުން ކުޑަނަމަވެސް މަންފާއެއް ލިބިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އެކަމުގެ ހުރިހާ ލާބައަކާއި ފައިދާއެއް ހުރީ ހަމަ އަޅުގަނޑުމެންނަށެވެ.
"އަލް އަޚް މުޙައްމަދު އަމީން ސީ.ކޭވް އިސްލާމްވެވަޑައިގަތުމާ ބެހޭ ގޮތުން އޭނާ ދެއްވި ޢާންމު ބަޔާނަށްފަހު ދެން މި ލިޔަނީ "އަލްމުސްލިމީން" އިން އޭނާއާ ކުރިމަތި ކުރި ބައެއް ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކެވެ.

ސުވާލު: ތި އަޚާ އިސްލާމްވެވަޑައިގަތުމުގެ ކުރީގެއާއި އޭގެ ފަހުގެ އިޙްޞާސްތައް ވިދާޅުވެދެއްވަފާނުތޯއެވެ؟
ޖަވާބު: ތިޔަކުރެއްވި ސުވާލަށް ޖަވާބު އެރުވުމުގެ ކުރީން އަޅުގަނޑު ދަންނަވާލަން ބޭނުމެވެ. ފައްކާ ޕްރޮޓެސްޓަންޓް ކްރިސްޓިއަނެއްގެ ޙައިޘިއްޔަތުން އަޅުގަނޑު އައީ މެދުކެނޑުމެއްނެތި ދީން އުނގެނެމުންނެވެ. ހޯދައިބަލަމުންނެވެ. ޙައްޤު ހޯދަން މަސައްކަތްކުރަމުންނެވެ. އަޅުގަނޑުގެ ތަޙްޤީޤީ މަސައްކަތް ކުރިޔަށް ދިޔަދިޔަހެން އަޅުގަނޑަށް ފެންނަމުން ދިޔައީ އަޅުގަނޑުމެންގެ ޢަޤީދާގައި ހުރި އުނިކަމެވެ. ދެކޮޅުނުޖެހޭކަމެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑު "ކަލާނގެ ހެކިވެރީން" (Jehovah’s Witnesses) ގެ ފިރުޤާގެ މަޒުހަބު ޚިޔާރުކޮށްފީމެވެ. ނަމަވެސް އެހައިތަނަކުންވެސް އަޅުގަނޑުމެންގެ ޢަޤިދާއިން އަޅުގަނޑަށް ފެންނަ ފުށުއެރުންތައް ނިމުމަކަށް ނުދިޔައެވެ. އެފުށުއެރުންތަކަކީ ކްރިސްޓިއަނިޓީ އަކީ ޙައްޤުދީނެއް ނޫންކަން ސާފުކޮށްދޭ ފުށުއެރުން ތަކެކެވެ. އިސްލާމްދީން ޤަބޫލުކުރުމުން އެ އޮޅުންބޮޅުންތަކުން ފުރިފައިވާ ހުރިހާ މައްސަލަތަކެއް ޙައްލުވެއްޖެއެވެ. އެއްކައުވަންތަކަމާއި، އީމާންކަމާއި، ﷲ ސުބުޙާނަހޫވަތަޢާލާގެ އުލޫހިއްޔާތުގެ ޙަޤީޤަތާމެދު އަޅުގަނޑުގެ ހިތުގައި އުފެދިފައި ހުރި ހުރިހާ ޝައްކުތަކެއް ފިލައިގެން ހިނގައްޖެއެވެ. އަޅުގަނޑުގެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލުތަކެއްގެ ޖަވާބު ލިބިއްޖެއެވެ. އަރަހުށި މާތް ﷲ ފިޔަވައި ޙަޤީޤަތުގައި އަޅުކަން ކުރުން ޙައްޤު އެއްވެސް ފަރާތެއް ނެތްކަމެވެ. ޚާލިޤަކީ އެކަލާނގެ ކަމެވެ. އެކަލާނގެ އަޅުތަކުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވާ ކަމެވެ. މުޅި ކާއިނާތުގެ ވެރި ފަރާތަކީ އެކަލާނގެ ކަމެވެ. އެކަލާނގެ ރަސްކަންފުޅަށް އެއްވެސް ބައިވެރިޔަކު ނުވާ ކަމެވެ. މި ހުރިހާ ކަމެއް އަޅުގަނޑަށް ކަށަވަރުވެ ޔަޤީންވެއްޖެއެވެ.

ދީނަށް ގޮވައިލާންވީ ގޮތާއި ދާޢީންގެ ސިފަތައް

ސުވާލު: އިސްލާމްދީނަށް ގޮވާލަން އެންމެ ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު: އަރަހުށި މާތް ﷲ ގެ ޙައްޤުތައް އަދާކުރާނެ މަގު ނުދައްކަވައެއް އެކަލާނގެ އިންސާނިއްޔަތު ދޫކޮށެއް ނުލައްވައެވެ. އިސްލާމްދީނަކީ ޙަޔާތުގެ ވަރަށް ފުރިހަމަ ނިޒާމެކެވެ. މީސްތަކުންނަށް އިސްލާމްދީންގެ ދަޢުވަތު ދޭނެ ގޮތާމެދު އަންނަނިވި އާޔަތް އަޅުގަނޑުމެންނަށް މަގުދައްކައެވެ.
"ޙިކުމަތާއި ރިވެތި ވައުޛާ އެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ. ހަމަ ކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދު މަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (އައްނަޙްލު: 125)
އިންސާނާއަކީ އާދަޔާ ޚިލާފު މޮޅު މަޚްލޫޤެކެވެ. ވަރަށް މަތިވެރި ވުޖޫދެކެވެ. އެކަލާނގެ އިންސާނާއަށް ދެއްވައިފައިވަނީ ހަމައެކަނި ނުހަނު ގިނަގުނަ ޤާބިލިއްޔަތާއި ކުޅަދާނަކަން އެކަންޏެއް ނޫނެވެ. ނުހަނު ލަޠީފު ޖަޒުބާތުތަކަކާއި އިޙުސާސްތަކެއް ވެސް ވަނީ ދެއްވައިފައެވެ. އޭގެ ސަބަބުން އިންސާނާގެ އަޚްލާޤު ރީތިވެ ފުރިހަމަވެއެވެ. އޭނާ ތަހްޒީބުވެއެވެ. ދީނަށް ގޮވައިލަންވީ ގޮތާބެހޭ ގޮތުން ސައްޔިދު އަބުލް އަޢުލާ މައުދޫދީ ވިދާޅުވެފައިވެއެވެ. "މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތުދޭއިރު ދެކަމެއް ހަނދާނުގައި ބަހައްޓަންވާނެއެވެ. އެންމެ ފުރަތަމަ ކަމަކީ ޙިކުމަތްތެރިކަމެވެ. ދެވަނަ ކަމަކީ ރަނގަޅު ނަސޭހަތެވެ."

(ނުނިމޭ)