މީހާގެ މަގާމަށް ބެލުމެއްނެތި އެމީހާ ދޭ ދައުވަތަކަށް އިޖާބަ ދިނުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތްالله ގެ އެއްކައުވަންތަކަން ގަބޫލުކުރުމާއި ކީރިތި ރަސޫލާއަށް ލޯބިވުމާއި އެކަލޭގެފާނަށް އަދަބު އިހުތިރާމް އަދާކުރުމާއި އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށެވެ.

އަދި އެއީ މާތް الله އާއި ރަސޫލާއަށް އަދާކުރަންޖެހޭ ހައްގެއް ކަމަށާއި އެ ހައްގުތަކުގެ އިތުރުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކެއްވެސްވާ ކަމަށް ބުންޏެވެ.

އެގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ފަސް ހައްގުތައް ކީރިތި ރަސޫލާ ވަނީ ހަދީޡް ކުރައްވާފައިވާ ކަމަށާއި އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތަކުގެ ތެރޭގައި ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމާއި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަދިނުމާއި ކިނބިއްސެއް އެޅޭހިނދު މާތް الله އަށް ހަމްދުކޮށްފި ނަމަ, އޭނާއަށްޓަކައި ހެޔޮދުއާ ކުރުމެވެ. އަދި ބަލިވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި ދުނިޔެ ދޫކޮށްފި ނަމަ އޭނާގެ ޖަނާޒާގައި ބައިވެރުވުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, މުޖުތަމައުގެ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުންވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމަށް ބުންޏެވެ.

އެގޮތުން ކީރިތި ރަސޫލާއަށް ދައުވަތު ދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހެއްކަމުގައި ވީނަމަވެސް އަދި އެ ދައުވަތު ދެވުނީ ކިތަންމެ ކުޑަކުޑަ ކާއެތިކޮޅަކަށް ކަމުގައިވީ ނަމަވެސް އެ ދައުވަތަކަށް އިޖާބަ ދެއްވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, މީހާގެ މަގާމަށް ބެލުމެއްނެތި އެމީހާ ދޭ ދައުވަތަކަށް އިޖާބަ ދިނުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި އެ ދައުވަތަކީ ކާވެނީގެ ވަލީމާއެއް ނަމަ, އެ ދައުވަތަށް އިޖާބަދެއްވުން އަވަސް ކުރައްވާ ކަމަށް ބުންޏެވެ.