ތ. ދިޔަމިގިލި މިސްކިތުގެ މުދިމު އަހުމަދު ރަަޝީދު (55އ) އަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލައިފިއެވެ.
އެ ރަށު މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމު ރަޝީދަށް ވަޅިން ހަމަލާދިނީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަހުމަދު ރަޝީދުގެ ހަށިގަނޑުގެ 13 ތަނަކަށް ވަޅި ޖަހާފައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ދިޔަމިގިލި/ މޯނިންގްސްޓާ ހަސަން ސާމިދު ހުސެއިންގެ މައްޗަށް ދައުވާ އުފުލައި މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ދިޔަމިގިލި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 15-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާ މިހާރުވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ޝަފީއު ވިދާޅުވީ، މި މައްސަލައިގައި އަނިޔާ ލިބުނު ރަޝީދު، ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް ސާމިދު އޭނާ ހުއްޓުވައި ރަޝީދުގެ ބޮލާއި، ކަރާއި، ބުރަކައްޓާއި، ކަނާއަތު ކޮނޑާއި، ވާއަތަށް ވަޅިއަކުން ހަމަލާދީފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.