ޚަބަރު

ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ، އެ މަސައްކަތް އަންނަނީ ކުރަމުން: ފިނޭންސް

މުހައްމަދު އިޝާން

ޓީޗަރުންނާއި ޕްރިންސިޕަލުންނެކޭ އެއްގޮތަށް ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރިކަން އިއުލާންކުރެއްވުމަށް، މިދިޔަ އާދިއްތަ ދުވަހު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، މި ސަރުކާރުން ތައުލީމަށް ހާއްސަ އިސްކަމެއް ދެނީ ވިސްނުންތޫނު އިލްމީ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި ނަމަވެސް، ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ދެ ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ބުނެފައިވަނީ، ޓީޗަރުންނަށް ކިޔަވައިދެނީ އެމީހުން ކަމަށާއި ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރި އިރު ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދުފުޅަކީ މުޅި ތައުލީީމީ ދާއިރާގެ މުސާރަ ބޮޑުކުރުން ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ލެކްޗަރާއިންގެ ކަންބޮންޑުވުންތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި ޕޮލިޓެކްނިކްގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ވެސް ފިނޭންސުން ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ލެކްޗަރާއިންގެ މުސާރަ "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމިގެންދާއިރު ލެކްޗަރާއިންގެ މުސާރަވެސް ބޮޑުވާނެ ކަމަށް ލަމާން ވިދާޅުވިއެވެ.

"ދައުލަތުގެ ޕޭ ފްރޭމް ވާކް" ގެ ދަށުން ސަރުކާރުން ވަނީ ޕްރިންސިޕަލުންގެ މުސާރަ 82 ޕަސެންޓާ ހަމައަށް ބޮޑުކޮށް، އެންމެ ކުޑަކޮށްވެސް 30،000 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް ހަމަޖައްސައިފައެވެ. އަދި ޓީޗަރުންގެ މުސާރަ 50 ޕަސެންޓާ ހަމައަށް ބޮޑުކޮށް، އެވްރެޖް މުސާރަ 20،000 ރުފިޔާ އިން މައްޗަށް ވަނީ ބޮޑުކޮށްފައެވެ.

އޭގެ އިތުރުން ލީޑިން ޓީޗަރުންގެ އެލަވަންސް 2،000 ރުފިޔާއަށް ބޮޑުކޮށް، ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ އަދަދަށް ބަލައި ޕްރިންސިޕަލުންގެ މުސާރަ އިތުރުކުރެވޭނެ އުސޫލެއްވެސް ވަނީ ގާއިމުކޮށްފައެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެއީ މުސާރައިގެ އާ އޮނިގަނޑަށް ބަދަލުވުމުގެ ގޮތުން ފުރަތަމަ ގެނައި ބަދަލު ކަމަށެވެ. ހަމަ އެގޮތަށް އެހެން ދާއިރާތަކަށްވެސް އެ ބަދަލު އަންނާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.