ޚަބަރު

ދިވެހި ޑިވެލޮޕަރު ނައްޓުގެ ލޮޓީފައިލްސްއަށް އިތުރު 37 މިލިއަން ޑޮލަރު

އަލީ ޔާމިން

ދިވެހި ޑިވެލޮޕަރަކު އިސްވެހުރެ އުފައްދާފައިވާ އެނިމޭޝަންސްއަށް ހާއްސަ ކުންފުނި ނުވަތަ ޕްލެޓްފޯމް ލޮޓީފައިލްސްއިން އިތުރު 37 މިލިއަން ޑޮލަރު (571.7 މިލިއަން ރުފިޔާ)ގެ އިންވެސްޓްމަންޓެއް ހޯދައިފިއެވެ.

ލޮޓީފައިލްސް އަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އާއި އިންޑިއާގެ ޝިޓީޖް މިންގްލާނީ އިސްވެ ތިބެ 2017 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ލޮޓީފައިލްސްއިން ވަނީ، އެކުންފުންޏަށް ސީރީޒް ބީ ނުވަތަ އިންވެސްޓްމަންޓް ހޯދުމުގެ ދެވަނަ ބުރުގައި 37 މިލިއަން ޑޮލަރު ލިބުނުކަން އިއުލާނުކޮށްފައެވެ. ފަސް ފަރާތަކުން މި ބުރުގައި އެކުންފުންޏަށް އިންވެސްޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓް ވެސް ހިމެނެއެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް މައިކްރޮސޮފްޓްގެ ވެންޗާ ފަންޑުން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ދީފައިވެއެވެ.

މި އިންވެސްޓްމަންޓާއެކު ލޮޓީފައިލްސްއަށް ލިބުނު އިންވެސްޓްމަންޓުގެ އަގު ވަނީ 47 މިލިއަން ޑޮލަރަށް އަރައިފައެވެ.

ލޮޓީފައިލްސްގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ އަދަދު ތިން މިލިއަންއަށްވުރެ ގިނައެވެ.

ލޮޓީފައިލްސް ވެބްސައިޓުގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 135،000 އަށްވުރެ ގިނަ ކުންފުނިތަކުގެ ޔޫޒަރުން ގުނާ އިރު، އޭގެ ތެރޭގައި ދުނިޔޭގައި ފަހާގަކޮށްލެވޭ ކުންފުނިތައް ކަމުގައިވާ ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އޫބާ، އެއާބީއެންބީ އަދި ނެޓްފްލިކްސްގެ އެނިމޭޝަން ޑިޒައިނަރުންނާއި މޯޝަން ޑިޒައިނަރުން ހިމެނެއެވެ.