ޚަބަރު

ސްޓެލްކޯއިން ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަނީ

އަލީ ޔާމިން

ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި އަހުމަދު ޝަރީފް ރޭ ވިދާޅުވީ، ސްޓެލްކޯއަކީ ދުޅަހެޔޮ ކުންފުންޏެއް ކަމަށާއި އެކުންފުނި އެކި ޒަމާނުގައި ހިންގެވި ބޭފުޅުން ކުންފުނި ހިންގާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް ސްޓެލްކޯގެ ތެރޭގައިވެސް ރަނގަޅުކުރަން ކަންކަން އެބަހުރިކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އެގޮތުން، ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައި ނެތުމުން އެކަމުގެ ބުރަ ރައްޔިތުން އުފުލަން ޖެހޭކަން ފާހަގަކުރައްވައި ޝަރީފް ވަނީ އެފަދަ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"ބިިލު ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނޫނީ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މި ހަދަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސްކަންވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ހިދުމަަތަށް އެދޭ ފޯމަކީ ވަރަށް ކުރީގެ ފޯމެއް ކަމަށާއި އެ ފޯމު ޒަމާނީކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެއްފަހަރު ހިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭނަމަ ދެވަނަ ފަހަރަށް ފޯމު ފުރުން ފަދަ "ތަކުލީފުތައް" ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ލިބޭ ކަމަށެވެ. ނަމަވެސް ކަރަންޓު ބިލުގެ 60 ޕަސަންޓް ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކަރަންޓު ވަޔަރުކޮށްފައި ހުންނަ ގޮތުންވެސް ކަރަންޓު ބިލު ބޮޑުވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައެއް ދިމާވާނަމަ ސެޓިފައިޑް ރަނގަޅު ފަރާތަކުން ސާވޭކޮށްލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ހަ ރަށެއްގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.