ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލި ކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށް ލާން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރީ ގ. ޗެރީ، އަލީ ހަސަން 35އ ކަމަށާއި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު، އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. އޭނާ ހައްޔަރުކޮށް ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ.
އަލީ ހަސަން ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން އޭނާ 150 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށާއި، އަދި އޭނާއާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ ހަސަންގެ ފަރާތުން އަނިޔާ ލިބުނު މީހެއްގެ އާއިލާ މީހެއްކަމަށްވާ ނަސްރު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އަލީ ހަސަން އެގެއަށް އައިސް މާރާމާރީ ހިންގަން ފެށި ރޭ ފަތިހު ކަމަށާއި އޭރު ގޭގައި ކުޑަކުދިންވެސް ތިބި ކަމަށެވެ. ނަމަވެސް މާރާމާރީގައި ކުއްޖަކަށް އަނިޔާވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށާއި އާއިލާގެ އިތުރު މެމްބަރުންތަކަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާތަކެއް ދީފައި. އަނިޔާތަކުގެ ތެރޭގައި މަންމަގެ އަތުގެ ދެ އިނގިލި ވަނީ އެއްކޮށް ބިންދާލާފައި. ދައްތަގެ އަތުގެ އިނގިއްޔެއް ވަނީ އޭނާގެ އަނގައިން ކާލައި ކަނޑައި ވައްޓާލާފައި. ބޭބެގެ މޫނުމަތި ވަނީ ދުޅައަރުވާލާފައި،" ނަސްރު ބުންޏެވެ.
މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ އަލީ ހަސަން ވިލިނގިއްޔަށް ދިޔައީ އެ ރަށުގައި ދިރިއުޅޭ، އޭނާގެ ކުރީގެ ކައިވެންޏަކަށް ލިބިފައި ތިބި ދެ ދަރިންނާ ބައްދަލުކުރުމަށެވެ. މާރާމާރީ ހިނގަން މެދުވެރި ސަބަބަކަށްވީ ދަންވަރު 3:00 ހާއިރު އަލީ ހަސަން ފަތިސް ނަމާދަށް ކަމަށްބުނެ ދަރިން ގެންދަން އުޅުމުންނެވެ.
މާރާމާރީ ހިންގުމަށްފަހު އަލީ ހަސަން ވަނީ އެރަށު މިސްކިތަށް ގޮސްފައެވެ. އޭރު އޭނާގެ ހެދުމުގައި ލޭ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.