ކ. މާފުއްޓަށް އީދު ފާހަގަކުރަން އިއްޔެ އެކަނިވެސް 2،000 އަށްވުރެ މީހުން އެރަަށަށް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާފުށީގައި މިއަހަރުގެ ކުޑަ އީދު ދުވަސް ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ. އެކިއެކި ކުޅިވަރުތަކާއި އީދު ޝޯއަކާއެކު މާފުށީގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު، އެރަށުގައި ހަވާވެސް އަރުވާފައިވެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު މިއަދު ވިދާޅުވީ، އީދުގެ ކަންކަން ކުރިއަށްދިޔައީ ކައުންސިލުން ބޭނުންވި ގޮތަށް ވަރަށް ފުރިހަމައަށް ކަމަށެވެ. އެގޮތުން އީދު ދުވަހު އެރަަށަށް 1،500 މީހުން އަރާނެ ކަމަށް ކައުންސިލުން ލަފާކުރި އިރު، އެއަށްވުރެ އެތައް ގުނައެއް އިތުރަށް މީހުން އެރަަށަށް އިއްޔެ އެކަނިވެސް އެރިއެވެ.

"އަޅުގަނޑުމެން ލަފާކުރީ އީދުގެ ތިން ދުވަހު 5،000 މީހުން އަންނާނެ ކަމަށް. އިއްޔެ އެކަނިވެސް 2،000 އަށްވުރެ ގިނަ މީހުން އައިސްފައިވޭ. އޭގެ ތެރޭގައި ހިމެނޭ ހަމައެކަނި ޝޯއަށް އައި މީހުންވެސް،" ސޮލާހު ވިދާޅުވިއެވެ.

ސޮލާހު ވިދާޅުވީ، މާފުށީގައި ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރުމާއެކު އެރަށުގެ މަޝްހޫރުކަން އިތުރުވެފައިވާ ކަމަށެވެ. އަދި ރަށުގެ ވިޔަފާރިތަކަށް އެކަމުގެ މަންފާ ބޮޑުތަނުން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއީ އެއް ދުވަހެއްގައި ރަށަށް އެންމެ ގިނަ ރުފިޔާ ވަން ދުވަސް،" ސޮލާހު ވިދާޅުވިއެވެ.

މާފުށީ ކައުންސިލުން އިންތިޒާމުކުރި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންވެސް އިއްޔެ އެރަަށަށް ވަޑައިގެންނެވިއެވެ.