ޚަބަރު

ތިން އަހަރު ކުރިން ހަރުކަށި ހިފެހެއްޓުންތަކެއްގައި އޮތް ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދެވިއްޖެ: ރައީސް

އިބްރާހިމް ޒަކީ

ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މައުލޫމާތާއި ހަގީގަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ބޮޑު ބާރެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން އެހާމެ މުހިންމު ކަމަށެވެ. އޭގެ އިތުރުން، ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ގާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ގާއިމުކުރެވޭނީވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތް ނަމަވެސް ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެއީ ހަގީގަތާއި ތެދު މައުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމެވެ.

ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމައެއް ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށާއި، ހަމައެފަދައިން ގައުމީ ބޮޑެތި މައްސަލަތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރިކޮށް، ގައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭޝިއާ ސަރަހައްދަށް ބަލާއިރު، ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމަކީ ރާއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން ޔަގީންކޮށް އަރުވާކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިބުމަށްފަހު، ދިރިއުޅުމުގެ އާންމު ހާލަތަކަށް މިއަދު ނުކުމެވިފައި ތިބި އިރު، މި ނުރައްކާތެރި ބަލިމަޑުކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް ހަނދާންކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.