ތ. ތިމަރަފުށި އެއާޕޯޓު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ފޯމު ފުރުމަށްފަހު އައިލެންޑް އޭވިއޭޝަންގެ އީމެއިލް[email protected] ، [email protected] އަދި [email protected] އަށް މެއިލްކުރުމަށް އެކުންފުނިން އެދެއެވެ.

އިއުލާނުގައިވާ ގޮތުން އެ އެއާޕޯޓުގެ މަރާމާތުކުރަން ޖެހެނީ، އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖާ ޓާމިނަލްގެ އޮފީސް އޭރިއާ އާއި ފަޔާ އެންޑް ރެސްކިއު އިމާރާތާއި ޕަވާހައުސާއި ބޯޑިން ގޭޓް ޗެކިން އޭރިއާގެ އިތުރުން ސެކިއުރީޓީ ފެންސާއި ސެކިއުރިޓީ ގޭޓެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅުނުކުރާ ފަރާތްތަކާއި މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ބައްތިރީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެމްޓީސީސީން ތަރައްގީކުރި ތިމަރަފުށި އެއާޕޯޓް ހުޅުވައި ހިދުމަތް ދޭން ފެށީ 2013 ވަނަ އަހަރުއެވެ. އެ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. އަދި އެއީ ތ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި އެއާޕޯޓެވެ.