ޚަބަރު

މީހުންނާ މެދު އޯގާތެރިވުންމަތީ ދެމިތިބުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

އަލީ ޔާމިން

ބަރަކާތްތެރި ރަމަޟާން މަސް ނިމުނުކަމުގައިވީ ނަމަވެސް، މީހުންނާ މެދު އޯގާތެރިވެ، ހަމްދަރުދީވެ އަދި ދީލަތިވުން މަތީ ދެމިތިބުމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު މިއަދު ދެއްވި މެސެޖުގައި ވިދާޅުވީ، ރޯދަ މަހަކީ ކެތްތެރިކަމާއި އަޅުކަމުގެ މައްސަރެއް ކަމަށެވެ.

މިނިސްޓަރު ވަނީ ރޯދަ މަސް ނިމުނަސް އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށް ގޮވާލައްވައިފައެވެ. އަދި އެއީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފިތުރު އީދަކީ އުފާފާޅުކޮށް، އެކުވެރިކަން އާލާކުރުމަށް މުސްލިމް މުޖުތަމައަށް ލިބޭ ފުރުސަތަކަށްވީހިނދި، ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަގީރުކަން ފަދަ ކަންތައްތަކާ މެދު ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އިހުސާންތެރިކަމާއި އޯގާތެރިކަމާއި ސުލްހަ ފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން، މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.