ޚަބަރު

ކޮންމެ މަސައްކަތްތެރިއަކަށްވެސް ހައްގު މިންވަރު ދެވޭކަން ކަށަވަރުކުރަންޖެހޭ: ރައީސް

ރިފާ ހަލީލު

މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށްވެސް އެމީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ދެވޭކަން ކަށަވަރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ގައުމެއްގެ އިގުތިސާދީ އަދި އުމްރާނީ ތަރައްގީގެ މައި އިންޖީނަކީ، އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިން ކަމަށެވެ. އަދި ގައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް އެ ގައުމެއް ދިރި އޮންނަނީ، އެ ގައުމެއްގެ މަސައްކަތްތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުންކަން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާ އިރު، މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށެވެ.

"މަސައްކަތް ކުރުވުމަށްފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި ކުރާ މަސައްކަތާ އެކަށޭނެ މިންވަރަށް އުޖޫރަ ނުދިނުމާއި ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އަދިވެސް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި އެބަހުރި. މިއީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ހިލާފު ކަންކަން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.