އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު އެމްޑީޕީން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އިއުލާންކުރައްވައިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި، އިންޑިއާގެ ދޫރުދަރުޝަން ޗެނަލަށް ދެއްވި ވީޑިއޯ އިންޓަވިޔުއެއްގައި ނަޝީދު ވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ގޮތް ނިންމާނީ ޕާޓީގެ އާއްމު މެންބަރުން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަކީ ވަރަށް ޕާޓީ [އެމްޑީޕީ] މީހެއް. އަޅުގަނޑު ވާދަކުރުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ މެންބަރުން. އެ ނިންމުމަށް އަޅުގަނޑު އިހްތިރާމުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ރައީސް ނަޝީދު ވަނީ 2023ގެ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާ ކުރައްވައިފައެވެ. އެގޮތުން، މަޖިލީހަށް ހުށަހެޅޭ ގިނަ ބިލްތަކާއި ގަރާރުތަކާއި އަދި މައްސަލަތައްވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަން ފާހަގަކުރައްވައި ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި މުޅި ރާއްޖެ ތަމްސީލުކުރާ މެންބަރުން ތިބުން ބޭނުންތެރިކަން ފާހަގަކުރައްވައިފައެވެ.
މިގޮތަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމުމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވަނީ 2023ގައި ރިޔާސީ އިންތިހާބު ބޭއްވުމުގެ ބަދަލުގައި ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންނަމަ 2023ގެ ކުރިން އެކަމުގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ސަރުކާރެއް ގާއިމުކުރެވޭނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާމެދު އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާއި ނަމަވެސް ހިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. އަދި ދެބޭފުޅުންގެވެސް ބޭނުމަކީ ގައުމަަށް އެންމެ ބޭނުންތެރިގޮތެއްގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު