މާދަމާއިން ފެށިގެން ކޮންޓްރޯލެއް ނެތި މިފްކޯއަށް މަސް ކިރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ، މިމަހުގެ ހަ ވަނަ ދުވަހު އެކުންފުނިން ވަނީ މަސް ކިރުން ކޮންޓްރޯލް ކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މަސްވެރީން ގއ. ކޫއްޑޫގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް ހުރަސް އެޅުމާ ގުޅިގެން ސަރުކާރުން ވަނީ މަސްވެރިންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް އެއިރު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރުވައިފައެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރީންގެ ކަންބޮޑުވުންތައް ބަލައިގަނެ، މާދަމާއިން ފެށިގެން ކޮންޓްރޯލެއް ނެތި މަސްކިރުމުގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.
މިފްކޯއިން އިތުރަށް ބުނީ، އެ ކުންފުނިން އަބަދުވެސް ބަލަނީ މަސްވެރިންނަށް ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިފްކޯއިން ވަނީ މަސްވެރީންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ކުންފުނީގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްވެރީން ބާނާ މަސް ތާޒާކަންމަތީ ގަނެ އަދި ފިނިކޮށް، ރައްކާކުރުން ހަރުދަނާކުރުމަށް ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެސްޕޯޓްކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު