ޚަބަރު

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ޑޭޓާއާ ބެހޭ ޕްރޮގްރާމެއް ހިންގަނީ

ރިފާ ހަލީލު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި އޭގެން މާނަ ދޭހަކުރުމާއި ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދޭނެ ކަމަށެވެ.

"ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ޕްރޮގުރާމެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމުގެ ފުރަތަމަ އެޑިޝަން އަމާޒުކުރަނީ މާލެ ސަރަހައްދުގެ ގްރޭޑް ފަހަކާއި ހަތަކާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށެވެ. މި ޕްރޮގްރާމު ދޮޅު މަސް ދުވަހަށް ދެމިގެންދާއިރު ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ޕްރޮގްރާމު ސްޓްރަކްޗާ ކޮށްފައިވަނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައްވެސް ހިމަނައިގެން ކަމަށެވެ. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދައި ދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން womenintechmv.org ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ކުރުމަށް ދިރާގުން ވަނީ އެދިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް އެއް ނުނަގާނެއެވެ.

ދިރާގުން އިތުރަށް ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަށް ޑޭޓާގެ މުހިއްމުކަމުގެ މައުލޫމާތު ދިނުން ކަމަށެވެ. އަދި ޕްރޮގްރާމުން ދަސްވެގެންދާ ޑޭޓާގެ ހުނަރުތަކަކީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރެވޭނެ ހުނަރުތަކެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގުސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި ކޮންމެ އަހަރަކުވެސް ޕްރޮގްރާމެތަކެއް ވެސް ދަނީ ހިންގަމުންނެވެ. ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ދަށުން މިހާރުވެސް ތިން ޕްރޮގްރާމެއް ވަނީ ހިންގައިފައެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވައި، މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.