މޯލްޑިވިއަނުން ހޭންޑް ލަގެޖަށް ޗާޖުކުރަން ފަށާފައިވާ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރި ހަބަރު އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ދޮގުކޮށްފިއެވެ.

ބައެއް މީޑިއާތަކުން އިއްޔެ ވަނީ މޯލްޑިވިއަނުން ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކިލޯއަށްވުރެ ބަރު ނޫން ދަބަހަކަށް ޗާޖުކޮށްފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. އަދި އެގޮތަށް ޗާޖު ކުރީ ފްލައިޓް ފުލްވެފައި އޮތުމުން ކަމަށް ޗެކިން ކައުންޓަރުން ބުނި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޯލްޑިވިއަނުން ދަތުރުވެރިންނަށް ދެމުންގެންދާ ހޭންޑް ލަގެޖުގެ މިންގަނޑަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާ ކަމަށެވެ.

އެގޮތުން މޯލްޑިވިއަނުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއަކަށް ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައެޅިފައިވާ ފަސް ކިލޯ އިތުރު ޗާޖަކާ ނުލައި ގެންދެވޭނެ ކަމަށް ބުންޏެވެ.

އަދި ހޭންޑް ލަގެޖުގެ ބަރުދަން އިތުރުވެއްޖެ ނަމަ، އިތުރުވާބައި އެއްވެސް ހާލަތެއްގައި ހޭންޑް ލަގެޖުގެ ގޮތުގައި ނޭރުވޭނެ ކަމަށާއި އެ ހާލަތުގައި ފަސް ކިލޯއަށްވުރެ އިތުރުވާބައި ލަގެޖުގެ ގޮތުގައި ދޫކޮށްލުމަށް ފުރުސަތު ދޭނެ ކަމަށްވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ، ހޭންޑް ލަގެޖަށް ގެންދާ ފޮށި ނުވަތަ ދަބަހުގެ ދިގުމިނުގައި 20 އިންޗި، ފުޅާމިނުގައި 12 އިންޗި އަދި އުސްމިނުގައި ހަތް އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ.