ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ޖޫން މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ ބާ ކައުންސިލަށެވެ. އެތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ގައިވާގޮތުން ބާ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ ވަކީލެއްގެ ކިބައިގައި ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންވާނެއެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ވެސް ވެގެންނުވާނެއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެސް ވެގެންނުވާނެއެވެ.

ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމުގެ ހަ މަގާމަށް ކުރިމަތިލާ ވަކީލަކީ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވާން ޖެހެއެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ވެސް ވެގެންނުވާނެއެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެސް ވެގެންނުވާނެއެވެ.

އެގްޒެކެޓިވް ކޮމިޓީގެ ދައުރަކީ ތިން އަހަރެވެ. އިންތިހާބުކުރާ މެންބަރުންގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބަކީ އިންތިހާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހުންނަވާ ބޭފުޅެކެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، އުފަން ތާރީހާއި، އައިޑީކާޑުގެ ފޮޓޯކޮޕީއާއެކު އައިޑީކާޑު ނަމްބަރު އަދި ދާއިމީ އެޑްރެސް އާއި މިހާރު އުޅޭ އެޑްރެސް އާއި ވަކާލާތު ކުރުމުގެ ހުއްދައިގެ ފޮޓޯކޮޕީ އާއި ފޯނު ނަމްބަރުގެ އިތުރުން ޕާސްޕޯޓު ސައިޒުގެ ފޮޓޯއެށް ބާ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

މީގެ އިތުރުން އިންތިހާބުގައި ހާއްސަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯގެ އިތުރުން އިންތިހާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތު ޝީޓު ވެސް ހުށަހަޅަން ޖެހޭ އިރު، އިދާރީ ފީގެ ގޮތުގައި 5،000 ރުފިޔާ ބާ ކައުންސިލަށް ދައްކަން ޖެހެއެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވާ އާންމު ޖަލްސާގައެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ ހަމަ އެރޭ އިއުލާންކުރާނެއެވެ. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލުގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ މައުމޫން ހަމީދެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ.